ފެން ތާންގިތަކަކީ އިމާރާތްތަކާއި ގެދޮރުގެ މުހިންމު ބައެކެވެ. އެކި ބޭނުންތަކަށް ފެނުގެ އިތުބާރު ހުރި މަސްދަރެކެވެ. ފެން ތާންގި އެކޭ ބުނުމުން ސިކުނޑިއަށް ތަސައްވަރު ކޮށްލެވޭނީ ވަށް ބޮޑު ކަޅު ހަމެއްކަން ކަށަވަރެވެ. ވަށާ ޖެހޭ ގޮތަށް ތިރިން މައްޗަށް ރޮނގުތަކެއް ވެސް ހުރެދާނެ އެވެ. މިއީ ފެންނަ ފެނުމަށް ވުރެ އޭގެ އަމަލީ ފައިދާތަކެއް ހުރި ސިފަތަކެކެވެ. އެހެންކަމުން މިއަދު މި ބަލާލަނީ މި ޑިޒައިންގެ ފަހަތުގައިވާ ސަބަބުތަކަށެވެ.
ކަޅު ތާންގިއެއްގެ ފައިދާ
ފެން ތާންގިތަކަށް އެންމެ އާންމު ކުލައަކީ ކަޅު ކުލައެވެ. މިކަމުގެ ސަބަބުން ފެނުގައި އުފެދޭ އަލްގޭ އާއި އެހެނިހެން މައިކްރޯއޮގަނައިޒްމަންޓްތައް ހެދިބޮޑުވުން ހުއްޓުވުމަށް އެހީތެރިވެދެ އެވެ. ތާންގީގެ ކަޅުކުލަ އިން އިރުގެ އައްޔަށް ހުރަސް އަޅާ، އަލި ވަދެގެން ދިއުން މަދުކުރުމުން، މި މައިކްރޯއޮގަނައިޒްތައް ބޮޑުވުމަށް އެކަށީގެންވާ މާހައުލެއް ނުލިބެ އެވެ. މިއާ ހިލާފަށް ހުދު ފަދަ އަލި ކުލަތަކުން އަލްގޭ ބޮޑުވުމަށް މަގުފަހިކޮށްދެ އެވެ. ފެން ތާންގިތައް ހަދާއިރު ކަޅު ކުލައަށް އިސްކަންދެނީ މި ސަބަބަށްޓަކަ އެވެ.
ކަޅު ވަށް ޑިޒައިންގެ އަނެއް މުހިންމު ފައިދާއަކީ ފެނުގެ ފިނިހޫނުމިން ދެމެހެއްޓުމަށް އެހީތެރިވެދޭ ކަމެވެ. ކަޅުކުލައަކީ ހޫނުކަން ރަނގަޅަށް ޖަހައިގަންނަ ނުވަތަ "އެބްސޯބް" ކުރާ ކުލައެއް ކަމުން، ފެނުގެ ހޫނުކަން ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ. ރާއްޖެ ފަދަ އަވިދޭ ހޫނު ހިސާބުތަކަށް މިއީ ވަރަށް މުހިންމު ކަމެކެވެ. ކިތަންމެ އަވިގަދަޔަސް ކަޅު ކުލައިގެ ސަބަބުން ތާންގީގެ އެތެރޭ ހުންނަ ފެނަށް އޭގެ މާބޮޑު އަސަރެއް ނުކުރާނެ އެވެ. މިއާ ހިލާފަށް ފަނޑު ކުލަތަކަކީ ހޫނު ފަތުރާ ނުވަތަ "ރިފްލެކްޓް" ކުރާ ކުލަތަކެއް ކަމުން އިންސުލޭޝަންގެ އެއްވެސް ފައިދާއެއް ނުލިބެ އެވެ.
ކަޅު ފެން ތާންގިއެއްގެ ރައްކާތެރިކަމުގެ ފައިދާތަކަށް ވެސް އެބަހުއްޓެވެ. ފެން ތާންގީގެ ކަޅު ކުލައަކީ ފެނަށް އަލި ފޯރުމަށް ހުރަސް އަޅާ އެއްޗެއްކަމުން، ބެކްޓީރިއާ ބޮޑުވުމާއި ފެން ތަގައްޔަރުވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ މިއީ ފެން ރައްކާކުރުމަށް ރައްކާތެރި ގޮތެއް ކަމުގައި ވެގެންދެއެވެ. އެންމެ ފަހުކަމަކަށް، ކަޅުކުލައިގެ ވަށް ޑިޒައިން އާއި ރޮނގުތަކުން ވެސް ފެންނަ ފެނުމަށް ޝައުގުވެރިވާ ނުވަތަ ރީތި ގޮތެއްގައި ހުރުމަކީ އިތުރު ފައިދާއެކެވެ.
ވަށް ބައްޓަމުގެ ފެންތާންގިއެއްގެ ފައިދާތައް
ފެންތާންގީގެ ވަށް ނުވަތަ "ސިލިންޑްރިކަލް" ބައްޓަމުގެ ސަބަބުން ފެނުގެ ޕްރެޝަރު އެއްވަރަކަށް ބަހާލެވެ އެވެ. މީގެ އިތުރުން ފެނުގެ ބަރުދަނާއި ބޭރުގެ އެއްވެސް ބާރަކަށް ތާންގިއަށް ކެތްކުރެވޭނެކަން ކަށަވަރުވެ އެވެ. ކޮޑި ނުވަތަ "ކިއުބް" ބައްޓަމަކަށް ތާންގީ ހަދާފައި ހުންނަ ނަމަ ފެނުގެ ބަރުދަނުގެ ސަބަބުން ވެއްޓި ނުވަތަ ބުރިވެދާނެ އެވެ. އެހެންކަމުން މި ވަށް ބައްޓަމަކީ މާ ހަމަޖެހޭ ބައްޓަމެކެވެ. މީގެ އިތުރުން ވަށް ތާންގިތައް ފަސޭހައިން ކުދި ޖާގަތަކުގައި ބަހައްޓައި، ފާރުތަކުގައި ޖެއްސުމަށް ފަހު ވެސް، އެހެން ބޭނުންތަކަށް ޖާގައެއް ދޫކޮށްލަ އެވެ.

ފެން ތާންގިތަކުގައި ހުންނަ ރޮނގު މުހިންމުކަން
ފެން ތާންގިތަކުގައި ރޮނގުތަކެއް ދަމާފައިވަނީ ހަމައެކަނި ރީތިކަމުގެ ބޭނުމުގައެއް ނޫނެވެ. އެއީ މުހިންމު ޒިންމާއެއް އަދާކުރާ ރޮނގުތަކެކެވެ. މި ރޮނގުތަކުން ތާންގީގައި ހުންނަ ފެނުގެ މިންވަރު ސަރީހަކޮށް ދެނެގަނެވި މިންކުރެވެ އެވެ. އާންމުކޮށް މި ރޮނގުތައް ހުންނަނީ އެއް ރޮނގު އަނެއް ރޮނގާއި މެދު ގަވާއިދުން ހުސްޖާގައެއް ދީފަ އެވެ. ކޮންމެ ރޮނގެއް ތަމްސީލުކުރަނީ ވަކި މިންވަރެއްގެ ފެނެވެ. މިއީ ތާންގީގައި ފެން ހުރި މިންވަރު ކަނޑައެޅުމަށް ފަސޭހަވެ، ތާންގި އަލުން ފުރަން ޖެހޭ ވަގުތު އަވަހަށް އެނގޭނެ ކަމެކެވެ.
ނިންމުން
ރޮނގުދަމާފައިވާ ކަޅުކުލައިގެ ވަށް ފެން ތާންގިއަކީ އޭގެ އަމަލީ ފައިދާތަކުގެ ސަބަބުން މަޝްހޫރު ޗޮއިސްއެކެވެ. ކަޅު ކުލައިން މައިކްރޯއޮގަނައިޒްތައް ބޮޑުވުން ހުއްޓުވާއިރު، ވަށް ބައްޓަމުން ހަމަޖެހުން ގެނެސްދީ، ޖާގަ ރަނގަޅަށް ބޭނުންކުރުމަށް ފަސޭހަވެ، ފިނިހޫނުމިން ހިފެހެއްޓުމުގެ ފައިދާ ލިބި، ރޮނގުތަކުގެ ސަބަބުން ފެނުގެ މިންވަރު ފަސޭހައިން މިން ކުރެވޭނެއެވެ. މި ޑިޒައިންގެ ސަބަބުން ފެން ރައްކާކުރުމަށް އަމަލީ، ރައްކާތެރި، އަދި ރީތިކަމުގެ ގޮތުން ހިތްހަމަޖެހޭ ހައްލެއް ލިބިގެންދާއިރު، މިއީ ކޮންމެ އިމާރާތަކަށް ނުވަތަ ގެއަކަށްވެސް އިތުބާރުހުރި އަދި ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.










