ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން، ރިލްވާން ވަހީދު (ރިލޭ)، އޭނާ ފުރަތަމަ ޑިވިޝަނުގެ ކެރިއަރު ފެށި ޓީމު ކަަމަށްވާ ކްލަބް ވެލެންސިއާ އަށް ބަދަލުވެ، އެ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފި އެވެ.
ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކަކަށް ކުޅެފައިވާ ރިލޭ، 32، ވަނީ 2006-2011 އަށް ވެލެންސިއާ އަށް ކުޅެފަ އެވެ. އޭގެ ފަހުން، ފުރަތަމަ ޑިވިޝަނުގެ ހަތަރު ޓީމު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ގްރީން ސްޓްރީޓްސް އަށް ވަނީ ކުޅެފަ އެވެ.
ވިކްޓަރީ އަށް 2012 ވަނަ އަހަރާއި 2016-2017 ވަނަ އަހަރު ކުޅުނުއިރު، ނިއު އަށް 2013، 2015، 2016، 2017، 2018 ވަނަ އަހަރު ކުޅުނެވެ. މާޒިޔާ އަށް 2014 ވަނަ އަހަރު ކުޅުނު ރިލޭ، ގްރީން ސްޓްރީޓްސް އަށް ބަދަލުވީ ނިއު ދޫކޮށް 2019 ވަނަ އަހަރު އެވެ.
މިދިޔަ އަހަރުތަކުގައި ގްރީން ސްޓްރީޓްސް އަށް ކުޅުނުއިރު، އޭނާ އަކީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ކެޕްޓަނެވެ.
ގްރީން ސްޓްރީޓްސް ދޫކޮށްލުމަށް ފަހު، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ރިލޭ ވަނީ އެ ކްލަބުން ކޮށްދިން ކަންކަމަށް ޝުކުރު އަދާކޮށްފަ އެވެ. އާ ސީޒަން ޕްރެކްޓިސް ނުފަށައި އޮތް ދެ ޓީމުގެ ތެރެއިން އެއް ކްލަަބަކީ ގްރީން ސްޓްރީޓްސް އެވެ.
މިދިޔަ ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ އިން އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗުކަމުގައި ޕްރީ ސީޒަން ޕްރެކްޓިސް ފެށީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ.

ކްލަބް ވެލެންސިއާ އިން ބޭއްވި ޕްރެކްޓިހުގެ ތެރެއިން އިއްބެ (ކ) އާއި ރިލޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު ސްޕޯޓްސް
ވެލެންސިއާ އަށް މިދިޔަ ސީޒަނުގައި ކުޅުނު ބައެއް މުހިންމު ކުުޅުންތެރިން ވަނީ އެ ޓީމު ދޫކޮށް އެެހެން ކްލަބްތަކަށް ބަދަލުވެފަ އެވެ. ވެލެންސިއާ އިން ގެނައި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ މާޒިޔާ ސްޕޯޓްސް އިން ލޯނަކަށް ގެނައި، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެެވެ.
އޭގެ އިތުރުން 19 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ވެލެންސިއާއާ ގުޅިފަ އެވެ. އަދި އެހެން އުމުރުފުރާ ގައުމީ ޓީމުތަކަށް ކުޅޭ ޒުވާން ކުޅުންތެރިން ވެސް އަންނަނީ ވެލެންސިއާގެ ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.
ފުރަތަމަ ޑިވިޝަނުގެ އެހެން ކްލަބްތަކެކޭ އެއްގޮތަށް މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުުޅުނު ބައެއް ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ އެބަހުއްޓެެވެ. އެ ގޮތުން ވެލެންސިއާގައި އެ މައްސަަލަ ހުރުމުގެ ސަބަބުން ބައެއް ކުޅުންތެރިން، މިހާރު އަންނަނީ އެފްއޭއެމް މެދުވެރިކޮށް ވެލެންސިއާ އިން އެ ފައިސާ ހޯދަން މަސައްކަތް ކުރަމުންނެވެ.
އެފްއޭއެމް ކްލަބް ލައިސަންސިން ގަވާއިދުގައިވާ ގޮތުން، އާ ސީޒަނަށް ލައިސަންސް ލިބޭނީ ކުރީ ސީޒަނުގައި ހަމަނުޖެހި ހުރި މާލީ ކަންކަން ހަމަޖެއްސުމަށް ފަހު އެވެ. އެ ގޮތުން، ބައެއް ކްލަބްތަކުން ވަނީ މި ވަގުތު މާލީ ހާލަތު ހުރި ގޮތުން ބަހާލައިގެން ފައިސާ ދޭ ގޮތަށް ކުޅުންތެރިންނާ އެކު ވަކި އެއްބަސްވުމެއް ހަދަމުންނެވެ.













