މިލާން (އޭޕްރީލް 8) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުތަކުން، އޭސީ މިލާނާއި އިންޓަ މިލާން އެއްވަރުވެ، ޕޮއިންޓަކުން ފުއްދާން ޖެހުނުއިރު، ލީގުގެ އެއް ވަނައިގައި ނަޕޯލީން 19 ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ނަޕޯލީން މަސައްކަތް ކުރަމުން އަންނަނީ 33 އަހަރު ތެރޭ ފުރަތަަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށެވެ. ނަޕޯލީން އެންމެ ފަހުން 1990 ވަނަ އަހަރު ލީގު ތަށި އުފުލާލިއިރު، އެ ޓީމުގެ ތަރި އަކީ ޑިއޭގޯ މަަރަޑޯނާ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިންޓަ އާއި މިލާން އަދި ނަޕޯލީ ވެސް ކުޅޭތީ އެ ޓީމުގެ ލީގުގެ މެޗުތައް ތާވަލުކޮށްފައި އޮތީ ރެ އަށެވެ. އޭސީ މިލާނުން އަމިއްލަ ދަނޑުގައި 0-0 އިން އެމްޕޮލީއާ އެއްވަރުވިއިރު، ސެލަނިޓާނާ އިން އިންޓައާ އެއްވަރުކުރީ 1-1 އިންނެވެ. ނަޕޯލީން ވަނީ ލެއްޗޭ ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ.
މި ނަތީޖާތަކަށް ފަހު، ނަޕޯލީ އެއް ވަނައިގައި އޮތީ 29 މެޗުން 74 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލާޒިއޯ އަށް 28 މެޗުން ވަނީ 55 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނަށް 29 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް އިންޓަ އަށް ވަނީ 29 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ރޯމާ މި ހަފްތާގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ތިން ވަނަ އަށް އެެރޭނެ އެވެ. ރޯމާ އަށް މި ވަގުތު އޮތީ 28 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ރޯމާ މިރޭ ކުޅޭނީ ޓޮރީނޯއާ އެވެ.
ނަޕޯލީ އަށް ރޭގެ މެޗުގެ 18 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ އެ ޓީމުގެ ކެޕްޓަން، ޖިއޮވާނީ ޑި ލޮރެންޒޯ ބޮލުން ވައްދާލި ގޯލުންނެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން ހަތް މިނިޓް ތެރޭ ލެއްޗޭގެ ފެޑެރީކޯ ޑީ ފްރެންޗެސްކޯ ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.
ނަޕޯލީ މި މެޗުން މޮޅުވި ގޯލަކީ ލެއްޗޭގެ އެންޓޯނިއޯ ގާލޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ގާލޯ މެއިން ފަހަތަށް ޖައްސާލި ބޯޅަ ލެއްޗޭ ކީޕަރު، ވްލަޑީމީރޯ ފަލްކޯނޭ އަށް ނުނެގި ވަނީ ބައިކޮޅަށެވެ.
ސެލަނިޓާނާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަ ވަނަ މިނިޓްގައި ރޮމެލޫ ލުކާކޫ ދިން ބޯޅަ އަކުން އިންޓަގެ ރޮބިން ގޮސެންސް ވަނީ އެ ޓީމަށް ލީޑުނަަގައިދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ސެލަނިޓާނާ އަށް އެއްވަރުކޮށްދިނީ ކުރިން އިންޓަ އަށް ވެސް ކުޅުނު އެންޓޯނިއޯ ކަންޑްރޭވާ އެވެ. ކަންޑްރޭވާ އަރިމަތިން ގޯލު ކުރިމައްޗަށް ހުރަސްކުރަންނެގި ބޯޅަ ގޯލަށް ވަނީ އިންޓަގެ ކީޕަރު އަންދްރޭ އޮނާނާ އަތްމަތިން ގޮހެވެ.












