ގުޖުރާތު، އިންޑިއާ (އޭޕްރީލް 6) - ނިއު ޒީލެންޑް ކްރިކެޓް ޓީމުގެ ކެޕްޓަން، ކޭން ވިލިއަމްސަންގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މި އަހަރުގެ އޮކްޓޫބަރުގައި ބާއްވާ ވަން-ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް ނިއު ޒީލެންޑް ކްރިކެޓް އެސޯސިއޭޝަނުން ބުނެފި އެވެ.
ވިލިއަމްސަން، 32، ގެ ކަކުލަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު އިންޑިއަން ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ގުޖުރާތު ޓައިޓަންސް އިން ޗެންނާއީ ސުޕަ ކިންގްސް ބަލިކުރި މެޗުގަ އެވެ. ޗެންނާއީ ސުޕަ ކިންގްސް އިން ހަޔަކަށް ޖެހި ބޯޅައެއް ހުއްޓުވަން ބައުންޑަރީ ކައިރިއަށް ވެއްޓުނު ވަގުތު ވިލިއަމްސަން ކަކޫ ޖެހުނު ގޮތުން، އަނިޔާވެގެން އޭނާ ބަދަލުކޮށް، ފަހުން ހެދި ޓެސްޓްތަކުން އެނގުނީ އޭސީއެލް އަށް ލިބުނު އަނިޔާއިން ރަނގަޅުވާން އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމެެވެ.
"ނިއު ޒީލެންޑް ކްރިކެޓާއި ގުޖުރާތު ޓަައިޓަންސް އިން ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކުރަން. މި ކަހަލަ އިންޖަރީއެއް ވުމަކީ ވަރަށް މާޔޫސްވާ ކަމެއް. އެކަމަކު، އަހަރެން މި ހުރީ ވީ އެންމެ އަވަަހަކަށް ފީލްޑަށް އެނބުރި އައުމުގެ އަޒުމުގައި،" އޯޑީއައި ކްރިކެޓްގައި 13 ސެންޗަރީ ފުރިހަމަ ކޮށްފައިވާ ވިލިއަމްސަން ބުންޏެވެ.
ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަސްތެރޭ ވިލިއަމްސަންގެ ކަކުލުގެ އޮޕަރޭޝަން ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ވިލިއަމްސަންގެ ކެޕްޓަންކަމުގައި 2019 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނިއު ޒީލެންޑުން ވަނީ ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު، ސުޕަ އޯވަރެއް ކުޅެން ޖެހި، ތަށި އުފުލާލީ އިންގްލެންޑުންނެވެ.
އޯޑީއައި ކްރިކެޓްގައި ނިއު ޒީލެންޑަށް ވިލިއަމްސަން ކުޅެދިން 161 މެޗުގެ ތެެރެއިން 87 މެޗުގައި ޓީމުގެ ކެޕްޓަންކަން ކުރީ އޭނާ އެވެ.
ނިއު ޒީލެންޑްގެ ވިކެޓްކީޕަރު ޓޮމް ލަތަމް ވަނީ ދާދި ފަހުން އޯޑީއައި ކްރިކެޓްގައި އެ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. އެއީ، ވިލިއަމްސަން އަށް އަރާމްކުރަން ފުރުސަތު ދިން މެޗުތަކެއްގަ އެވެ. ވިލިއަމްސަން އަނިޔާގައި ހުންނަ މުއްދަތުގައި ވެސް ޓީމުގެ ކެޕްޓަންކަން ކުރާނެ ކަމަށް ބެލެވެނީ ލަތަމް އެވެ.












