އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މެމްބަރު ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ) އައްޔަނުކޮށްފި އެވެ.
އޭޝިއާ ފުޓްބޯޅައިގެ އިސް ޒިންމާތަކެއް ބޮލުގައި އެޅިފައިވާ މި ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ޖަވާ، 2023-2027 އަށް މަސައްކަތް ކުރައްވާއިރު، އޭނާ ވެގެންދާނީ މި ކޮމިޓީގައި މަސައްކަތް ކުރާ ރާއްޖޭގެ ފުރަތަމަ ފަރާތަށެވެ. ކުރިއަށް އޮތް ދައުރުގައި އޭއެފްސީގެ ހިންގާ ކޮމިޓީގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް މަަސައްކަތް ކުރައްވާނެ އެވެ. އަދި އޭއެފްސީ އެސޯސިއޭޝަން ކޮމިޓީގެ ޑެޕިއުޓީ ޗެއާމަނަކީ ވެސް ބައްސާމް އެވެ.
އޭއެފްސީ ޑިވެލޮޕްމަންޓް ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި އޭޝިއާ ފުޓްބޯޅަައިގެ ޑިވެލޮޕްމަންޓްގެ އެންމެހާ ކަންކަމުގައިި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އަށް ލަފާދިނުން ހިމެނެ އެވެ. އެ ގޮތުން، އޭއެފްސީން އަމަލުކުރަމުން އަންނަ ޑިވެލޮޕްމަންޓް ސްޓްރެޓިޖީ އަށް ގެންނަން ޖެހޭ އެކިއެކި ބަދަލުތަކާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ބޭނުންވާ ބަދަލުތަކާ ބެހޭ ދިރާސާ ކުރުމުގެ ކަންކަން ވެސް އޮންނާނީ މި ކޮމިޓީއާ ގުޅޭ މެންޑޭޓް ތެރޭގަ އެވެ.
މީގެ އިތުރުން، އޭއެފްސީގެ އެކިއެކި ޑިވެލޮޕްމަންޓް ކަންކަމާ ގުޅޭ އެންމެހާ ޕްރޮގްރާމްތަކުގެ ކަންކަން ބެލެހެއްޓުމާއި އޭޝިއާ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓާ ގުޅޭ ކޮންމެ ކަމެއް ވީ އެންމެ ރަނގަޅަށް ވިލަރެސް ކުރުމަށް ފަހު، އެގްޒެކްޓިވް ކޮމިޓީގެ ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށްދޭތޯ ކަށަވަރުކުރުން ވެސް އޮތީ ޑިވެލޮޕްމަންޓް ކޮމިޓީ އަށެވެ. އަދި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ކަންކަމުގައި އޭއެފްސީ ހިންގާ ކޮމިޓީއާ އެންމެ ގާތުން މަސައްކަތް ކުރާނީ ޑިވެލޮޕްމަންޓް ކޮމިޓީންނެވެ.
ކުރިން ފުޓްބޯޅަ ކުޅުއްވި، ޖަވާ އަންނަނީ 1999 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގައި މަސައްކަތް ކުރަމުންނެވެ. އެ ގޮތުން، އެފްއޭއެމްގެ ސްޓާފެއްގެ ގޮތުގައި މަސައްކަތް ފަށައި، ޖަވާ ވަނީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގެ ކަންކަމުގައި އެކި ޒިންމާތައް އަދާކޮށް މިހާތަނަށް މުހިއްމު ގިނަ ހިދުމަތްތަކެއް ކޮށްފަ އެެެވެ. އެފްއޭއެމްގެ އެކި ރައީސުންގެ ދައުރުގައި ވެސް ޖަވާ ވަނީ އިދާރީ ގޮތުންނާއި ހިންގުމުގައި އަމަލީގޮތުން މުހިއްމު މަސައްކަތްތަކެއްގައި ބައިވެރިވެފަ އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އިންތިހާބުވެވަޑައިގަތުމަށް ފަހު 2016 ވަނަ އަހަރު ވަނީ ޖެނެރަލް ސެކްރެޓަރީ އަކަށް ޖަވާ އައްޔަނުކޮށްފަ އެވެ. އޭގެ ކުރިން 2014 ވަަނަ އަހަރު ވެސް ޖަވާ ވަނީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކޮށްފަ އެވެ. މިހާރު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ޖެހިޖެހިގެން ދެ ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ޖަވާ އަކީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ ޖެހިޖެހިގެން ދެ ވަނަ ދައުރަކަށް ކުރައްވަމުން އަންނަ ފުރަތަަމަ ފަރާތެވެ.
ޖަވާ އަންނަނީ އޭޝިއާގެ މައި އިދާރާ އޭއެފްސީ އާއި ދުނިޔޭގެ ފުޓްބޯޅައިގެ އިސް ޖަމިއްޔާ، ފީފާގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލް ކުރައްވަމުންނެވެ. އޭގެ އިތުރުން، މިދިޔަ އަހަރު ރާއްޖޭން އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތުގޭމްސްގައި ވާދަކުރިއިރު، ދިވެހި ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަނަރުކަން ކުރެއްވީ ޖަވާ އެވެ.












