އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން "ފިކުރެެއްގެ ދިރުން" ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް އުފައްދައި ހަރަކާތްތެރިވާތީ، އެ މެންބަރުން ތިބި މަޖިލީހުގެ ކޮމިޓީތަކުން ވަކިކުރުމުގެ ކުރިން އެ މެންބަރުންނާ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕުން އިތުރަށް ވާހަކަ ދެއްކުމަށް ހުށަހެޅިކަން އެނގިއްޖެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް އެ މައްސަލަ ހުށަހެޅުއްވީ އެ ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެވެ. މުޣުނީ ހުށަހެޅުއްވީ އެ މެމްބަރުން ތިއްބެވި މަޖިލީހުގެ ކޮމިޓީތަކުން ވަކިކޮށް، ކޮމިޓީތަކަށް ބަދަލު ގެނައުމަށެވެ.
މިދިޔަ އަންގާރަ ދުވަހު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އެ މައްސަލަ އެޖެންޑާ ވެސް ކޮށްފައިވެ އެވެ. އެކަމަކު ހުށަހަޅާފައިވާ ގޮތަަށް އަމަލު ކުރުމާ މެދު ވަކި ގޮތެއް ޕާލިމެންޓްރީ ގްރޫޕުން ނިންމިފައެއް ނުވެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ "އަދަދު" ނޫހަށް މިއަދު ވިދާޅުވީ މެންބަރުން ކޮމިޓީތަކުން ވަކިކުރުމުގެ ކުރިއަށް އޭގެ ތެރެއިން އެއްބާރުލުން ދޭން ތައްޔާރަށް ތިބި މެންބަރުންނާއި ދޭން ބޭނުންނުވާ މެންބަރުން ފާހަގަކުރަން ބޭނުންވާ ކަން، އެ ދުވަހު ބައްދަލުވުމުގައި ބައިވެރިވި ބައެއް މެންބަރުން އެދިފައިވާ ކަމަށެވެ.
"ކޮމިޓީތަކުގެ މުގައްރިރުންނަށް އެބަ ތިބި ބައެއް މެންބަރުން، އޭގައި [ފިކުރެއްގެ ދިރުން ހަރަކާތުގައި] ބައިވެރިވާ ކޮންމެ މެންބަރަކު ވެސް އުޅޭނެ ކޮންމެ ކޮމިޓީއެއްގައި ވެސް، ވަކި ޝިޔާރެއް ހިފައިގެން އުޅުނަސް މެންބަރުން ބޭނުންވޭ އަދިވެސް އޭގެ ތެރެއިން އަޅުގަނޑުމެންނާ އެކުގައި ތިބި މެންބަރުން ހޯދަން، އެ މެންބަރުންނާ ޕީޖީ ގްރޫޕްގެ ލީޑާޝިޕުން ވާހަކަ ދައްކަން،" މެންބަރު ހުސައިން ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ފަހުން އެ ޕްރައިމަރީގައި ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ނިންމާފައިވަނީ ރައީސް ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި ވަކި ފެކްޝަނެއް ގޮތުގައި މަސައްކަތް ކުރުމަށެވެ.
އެ ގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ކުރުމަށް ވެސް އެ ފެކްޝަނުން ނިންމާފައިވެ އެވެ. އަދި ޖޭޕީއާކު މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފަށާފައިވެ އެވެ. ޖޭޕީގެ މެންބަރުންނާއި "ފިކުރެއްގެ ދިރުން" މެންބަރުންނާއެކު ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕެއް ހަދަން ވެސް މަޝްވަރާކޮށްފައިވެ އެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަށާއި މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ވެސް ޕާލިމެންޓްރީ ގްރޫޕްގެ ތެރެއިން މަސައްކަތްކޮށްފައިވެ އެވެ. ވަކިކުރަން ބޭނުންވާ ވަރަށް ސޮއި ހަމަވި ނަމަވެސް ނަޝީދަށް އިހުތިރާމުކުރާތީ މައްސަލަ ކުރިއަށް ނުގެންދިޔައީ ކަމަށް ވެސް އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.













