މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް ކްލަބް ވެލެންސިއާ އިން ޕްރެކްޓިސް ފަށައިފި އެވެ.
މިދިޔަ ސީޒަނުގެ ފުރަތަަމަ މުބާރާތް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ވެލެންސިއާ އަކީ ޕްރީ ސީޒަން ފެށި ހަތަރު ވަނަ ކްލަބް އެވެ. ވެލެންސިއާގެ އިތުރުން ދެން ޕްރެކްޓިސް ކުރަމުން އަންނަ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް އީގަލްސް، ބުރު ސްޕޯޓްސް ކްލަބް އެވެ.
ވެެލެންސިއާ އިން މީގެ އެއް ދުވަސް ކުރިން ޕްރެކްޓިސް ފެށިއިރު، އެ ޓީމުގެ ޓްރެއިނިންގައި އިސްކޮށް ހަރަކާތްތެރިވަނީ އިސްމާއިލް އާސިފް (ކުޑަހީނާ) އެވެ. އެ ޓީމާ އަލަށް ގުޅުނު އެއް ކުޅުންތެރިއަކީ މާޒިޔާއާ އެކު މިދިޔަ އަހަރުތަކުގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރި މިޑްފީލްޑަރު، އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.
މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުމަށް ފަހު އެ ޓީމު ދޫކޮށްލި ބައެއް ކުޅުންތެރިންގެ ތެރޭގައި މާޒިޔާ އަށް ބަދަލުވި އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ފައިސަލް އަދި އީގަލްސްއާ ގުޅުނު އިސްމާއިލް އީސާ (މެސީ) ހިމެނެ އެވެ.
މީގެ އިތުރުން މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު ބައެއް ކުޅުންތެރިން އަންނަނީ އެ ޓީމުން ރިލީސްގެ ކަންކަން ހަމަޖައްސަން ޓީމާ އެކު މަޝްވަރާ ކުރަމުންނެވެ.

ރޭ ބޭއްވި ވެލެންސިއާ ޕްރެކްޓިހުގެ ތެރެއިން: މި ވަގުތު ޕްރެކްޓިހުގައި ބައިވެރިވަމުން އަންނަނީ ސީނިއާ ކުޅުންތެރިންތަކަށް ބަލާއިރު، ނިސްބަތުން މަދު ކުޅުންތެރިންތަކެއް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް ޕްރެކްޓިސް ރަސްމީކޮށް ނުފަށައި އޮތް ހަތަރު ކްލަބަކީ ކްލަބް ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޓީސީ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.
މީގެ ތެރެއިން ޔޫވީ މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ކުޑަކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޓީސީން ޕްރެކްޓިސް ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.
މި ސީޒަނުގެ ކަލަންޑަރުގައިވާ ގޮތުން މި ފަހަރުގެ ފުރަތަމަ މުބާރާތަކީ ޕްރެޒިޑެންޓްސް ކަޕް އެވެ. އެ މުބާރާތް އަންނަ ހަފްތާގައި ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، މިރޭ އެ މުބާރާތުގެ ގުރުއަތުލުން ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.
މިއީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އެންމެ ދަށް ހާލަތެއްގައި އޮވެ، ފަށާ ފަހަރެވެ. މިހާރު މި އޮތް ގޮތުން، ގިނަ ކްލަބްތަކުން ސީޒަންގެ ފުރަތަމަ މެޗު ކުޅޭއިރު، 10 ދުވަހުގެ ޕްރެކްޓިސް ވެސް ނުކުރެވޭނެ އެވެ. ކްލަބްތަކުން ޕްރީ ސީޒަން ޕްރެކްޓިސް ފެށުން ލަސްވި އެންމެ ބޮޑު ސަބަބަކީ މިދިޔަ ސީޒަނުގައި ކުޅުންތެރިންނަށް ނުދީ ހުރީ މުސާރަ ހަމަޖައްސައިދީފައި ފެށުމަށާއި ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިގެން އާ ސީޒަން ފަށަން ބޭނުންވާތީ އެވެ.
ފުރަތަމަ ޑިވިޝަންގެ މެޖޯރިޓީ ކްލަބްތައް ބަރޯސާވެފައި އޮތީ އެފްއޭއެމުން ކްލަބްތަކަށް މާލީ އެހީތެރިކަމުގެ ގޮތުގައި ދޭ ތިން މިލިއަން ރުފިޔާ އަށެވެ. އެނގިފަައިވާ ގޮތުގައި، އެފްއޭއެމުން އަންނަނީ މިހާރު ކްލަބްތަކަށް ފައިސާ ދެމުންނެވެ.













