ބަހާ އަމަލާއި ދިމާ ނުވާ ވާހަކައަކީ އާންމު ވާހަކަ އެކެވެ. ގިނައިން މިހެން ބުނެ އުޅެނީ މީހަކު ކަމެއް ކުރާނަމޭ ބުނެފައި އެކަމެއް ނުކުރުމުންނެވެ. ނަމަވެސް މި ނޫން ނަޒަރަކުން ވެސް މި ބަސްކޮޅަކަށް ބަލާލަމާހެއްޔެވެ. މީހަކު އަނގައިން ބުނާ ބަހާއި މޫނު ނުވަތަ ހަށިގަނޑުން ފެންނަ ކަންކަމާއި ކުލަ ތަފާތުވާނަމަ ވެސް މިހެން ބުނެވިދާނެ އެވެ. މި ފާހަގަކުރި ހަށިގަނޑުގެ ހަރަކާތްތަކަކީ މުއާމަލާތުގެ 65 އިންސައްތަ އޭ ބުންޏަކަސް ދޮގަކަށް ނުވާނެ އެވެ.
މިފަދަ ހަރަކާތްތަކަށް އިނގެރޭސިން ކިޔާ އުޅެނީ "ބޮޑީ ލެންގުއޭޖް" އެވެ. އަދި މިއީ މުއާމަލާތުގެ ހުނަރު އިތުރުކުރުމުގެ އެކި މީހުންގެ ވިސްނުމާއި ފިކުރު ދެނެގަތުމަށް ވެސް ބޭނުންކުރެވޭ އިލްމެކެވެ. ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފެށިގެން ބޮޑެތި ކުންފުނި ތަކުން ވެސް ބޭނުންކުރާ އުކުޅެކެވެ. މުއާމަލާތަކީ ހަމައެކަނި ދުލުން ބޭރުވާ ބަސްތަކެއް ނޫނެކެވެ. މީގެ އިތުރުން އަޑު ހުންނަ މިންވަރާއި، އަތާ ފައިން ކުރާ ހަރަކާތްތަކުގެ އިތުރުން ހުންނަ ގޮތުން ވެސް އެކި ކަހަލަ ސިގްނަލްތައް މީހުންނަށް ފޮނުވެ އެވެ.
ހިނިތުންވުމަކުން ލޮލުގެ ކައިރިއަށް އަރާ ރޫ ތަކުން އަސްލު ހިނިތުންވުމެއްކަން އެނގެ އެވެ. ބޯ ކުޑަކޮށް އަރިކޮށްލުމުން ސަމާލުކަންދޭ ކަމާއި ދައްކާ ވާހަކަތަކާއި މެދު ވިސްނާކަން އަންގައިދެ އެވެ. ދެ އަތް އުރާލައިގެން ހުރުމުން ނުވަތަ ފައި ތިލަ އެހެން ދިމާލަކަށް އިޝާރާތްކުރާނަމަ، ޝައުގުވެރިކަން ނެތްކަން ހާމަކޮށްދެ އެވެ. އަދިވެސް އަދިވެސް އެތައް ސިގްނަލްތަކެއް ބޮޑީ ލެންގުއޭޖުން ދެ އެވެ.
މިފަދަ ސިގްނަލްތައް ދެނެގަންނަން ދަސްވުމުން އެހެން މީހުން ފަހުމުވާން އިތުރަށް ފަސޭހަވެގެން ދެ އެވެ. އެމީހުން އެދޭ ގޮތްތައް ދެނެގަތުމުގެ އިތުރުން އަމިއްލަ އަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތަކަށް ވެސް ބޮޑީ ލެންގުއޭޖް ބޭނުންކޮށްގެން އިތުރަށް ފުރިހަމަ ކޮށްލެވިދާނެ އެވެ. ހަށިގަނޑަށް ބައެއް ކަހަލަ ހަރަކާތްތައް ގެނެސްގެން މީހުންގެ ސަމާލުކަން ހޯދާ އެމީހުންގެ ފަރާތުން ހާސިލްކުރާ ކަންކަން ހާސިލްކުރުމަށް ފަސޭހަވެގެން ދާނެ އެވެ.
ބޮޑީ ލެންގުއޭޖް ދެނެގަންނާނެ ގޮތް
އެހެން މީހުންގެ ބޮޑީ ލެންގުއޭޖް ދެނެގަތުމަކީ އެމީހުންގެ ދުލުން ނުބުނާ ކަންކަމާއި އިހްސާސްތައް، ހަށިގަނޑަށް ބަލައިގެން ދެނެގަތުމެވެ. މިއީ ވަރަށް މުހިންމު އެހެން ނަމަވެސް ސަމާލުކަން ނުދެވިއްޖެނަމަ ލޮލުން ކައްސާލައިގެން ދާ ކަންކަމެވެ. އަދި މިކަންކަމަށް ސަމާލުކަން ދިނުމަކީ ފަރިތަކުރުމާއެކު އަމިއްލަ ސިކުނޑީގައި އަށަގަންނެވޭނެ އާދައެއް ނުވަތަ ތަނަވަސް ކުރެވޭނެ ހުނަރެކެވެ. އެހެން ކަމުން ބައެއް ރަނގަޅު އަދި ނުރަނގަޅު ބޮޑީ ލެންގުއޭޖްތަކަށް ބަލާލަމާހެއްޔެވެ.

ނުރަނގަޅު ބޮޑީ ލެންގުއޭޖު
އަންނަ ހަރަކާތްތަކުން އެކަކަށް ވުރެ ގިނަ ހަރަކާތް މީހެއްގެ ފަރާތުން ފެންނަ ނަމަ އޭނާ އެހުރީ ދެރަވެފަ ނުވަތަ ހިތްހަމަ ނުޖެހިފަ އެވެ.
- އަތް އުރާލައިގެން ހުރުން
- މޫނުމަތީގައި އެއްވެސް ކުލަވަރެއް ނެތުން
- ވާހަކަ ދައްކާ މީހާ ހުރި ދިމާ ނޫން އެހެން ދިމާލަކަށް ހަށިގަނޑު އެނބުރިފައި ހުރުން
- ވާހަކަ ދައްކާ ވަގުތު ތިރިޔަށް ބެލުން ނުވަތަ ލޮލާއިލޯ ދިމާވުން މަދުވުން
ކަމަކާއި ހިތްހަމަ ނުޖެހިފަ ހުރި މީހެއްގެ ފަރާތުން ނުވަތަ ޝަކުވާ ކުރާ ކަސްޓަމަރެއްގެ ފަރާތުން މިފަދަ ހަރާކާތްތައް އާންމުކޮށް ފެންނާނެ އެވެ.
މިފަދަ ހަރަކާތްތައް ދެނެގަތުމުން އެވަގުތު އަނެކާ ހިތްހަމަޖައްސާދިނުމަށް، ބޭނުންކުރާ ބަސްތަކާއި ދައްކާ ވާހަކަތައް ސަމާލުކަން ދެވިދާނެ އެވެ. ވާހަކަ ދައްކަމުން ދާ އިރު މިފަދަ ހަރަކާތްތަކެއް އަނެކާއަށް އައިއްސި ނަމަ، އެމީހުންނަށް އޯގާތެރިވެ އެމީހުންގެ އިހްސާސްތައް ދެނެގަނެ ސަމާލުކަން އިތުރުކުރަން މަސައްކަތް ކުރެވިދާނެ އެވެ.
މީގެ އިތުރުން މީހަކު ފޫހިވެފައި ހުރި ނަމަވެސް މިކަހަލަ ބައެއް ހަރަކާތްތައް ފާހަގަވާނެ އެވެ. މިއީ ޕްރެސެންޓޭޝަން އެއް ނުވަތަ މީޓިންއެއްގައި ކަމުގައި ވެސް ވެދާނެ އެވެ. މިފަދަ ހާލަތެއްގައި ފެނިދާނެ ބައެއް ބޮޑީ ލެންގުއޭޖް ތަކަކީ
- ގޮނޑީގައި ސީދަލަށް ނީނުން އަދި އިސްޖަހައިން އިނުން
- އެހެން ދިމާލަކަށް ބަލަން އިނުން
- ގަލަމެއް، ފޯނެއް ނުވަތަ އެހެން އެއްޗެއް ތަޅުވާލަ ތަޅުވާލަ އިނުން
- ސަމާލުކަމެއް ނެތި އެއްޗެއް ލިޔުން ނުވަތަ ކުރެހުން
މިފަދަ ހާލަތެއް އެމީހެއްގެ ފޫހިކަން ފިލުވާލާ ސަމާލުކަން އަލުން ހޯދުމަށް ނަން ގޮވާލާ ދެކެވެމުންދާ ވާހަކައާއި ގުޅޭ ގޮތުން ހިޔާލު ހޯދާލެވިދާނެ އެވެ.
އިތުރު ނުރަނގަޅު ބޮޑީ ލެންގުއޭޖެތައް
ނިޔަފަތި ހެފުން: މިއީ ސްޓްރެސްވުމުން ނުވަތަ ބިރުގަތުމުން
- އަވަސް އަވަހަށް އެސްފިޔަ ޖެހުން: އޮޅުމެއްގެ ތެރޭ ނުވަތަ ހާސްކަމެއް ތެރޭވުމުން
- އަތުން އިނގިއްޔެއް ނުވަތަ ފައި ތިލަ ތެޅި ތެޅި ހުރުން: ފޫހިވުމުން ނުވަތަ ލަސްވެފައި ހުރުމުން
- މަޑުން ނުހުރެވުން: ޝައުވެރިކަން ނެތުމާއި އެހެންކަންކަމަށް ސަމާލުކަން ދެވުން
ރަނގަޅު ބޮޑީ ލެންގުއޭޖު
އިސްވެ ދިޔަ ކަންކަމުގެ އިތުރުން އުފާވެރިކަމާއި، ޝައުގުވެރިކަމާއި އިތުބާރުކުރާކަން ވެސް ބައެއް ހަރާކަތްތަކުން އަހަރުންނަށް ދެނެގަނެވޭނެ އެވެ. މިފަދަ ކަންކަން ދެނެގަންނަން އެނގޭ ނަމަ މީހުންގެ ޝައުގުވެރިކަން އެބަހުރިކަމުގެ ޔަގީންކަން އިތުރުވެ ފޯރުކޮށްދޭން ބޭނުންވާ މެސެޖު ފަސޭހައިން ފޯރުކޮށްދެވެ އެވެ. މީގެ އިތުރުން އަމިއްލަ އަށް މި ހަރަކާތަތް ބޭނުންކުރުމުން މުއާމަލާތުކުރުންތައް އިތުރަށް ފުރިހަމަވެގެންދާނެ އެވެ. މިފަދައިން ބޭނުންކުރެވޭނެ ބައެއް ބޮޑީ ލެންގުއޭޖްތަކަށް ބަލާލާނަމެވެ.
އަލަށް ދިމާވާ މީހުންނަށް ފެންނަ ގޮތަށް
އަލަށް މީހަކާއި ދިމާވާއިރު އަމިއްލަ ހަށިގަނޑުން ގެންނަ ހަރަކާތްތަކުން، އެމީހުންނަށް އަމިއްލަ މީހާ ފެންނަ ގޮތަށް އަސަރުކުރެ އެވެ. އަންނަނިވި ކަންކަމަކީ މިފަދަ ހާލަތެއްގައި އިތުބާރުކުރެވޭ، ހައިބަތެއް ހުރި މީހެއްގެ ގޮތުގައި ފެނުމަށް ގެނެވިދާނެ ބައެއް ހަރަކާތްތަކެވެ.
ހަށިގަނޑު ހުޅުވާލުން: ހަށިގަނޑުގެ ހުރިހާ ދިމާލެއް ހަމަޖައްސާލާށެވެ، ނަމަވެސް ގުދު ބިންދައިގެން ނުހުރުމަކީ މުހިންމުކަމެކެވެ. ސީދަލަށް ހުރެ ދެ އަތް ދެފަރާތަށް ލާށެވެ. އުނަގަނޑުގައި އަތް ވިއްދާލައިން ހުރި ނަމަ ބާރުފޯރުވުމަށް މަސައްކަތްކުރާ މީހެއްގެ ގޮތަށް ސިފަވެދާނެ އެވެ.
- ރަނގަޅަށް ސަލާން ކުރުން: ސަލާންކުރަން އަތް ދިއްކޮށްލުމުން އަތުގައި ހިފަލާ ކުޑަކޮށް ފިއްތާލާށެވެ. މިކަމުން ގާތް މީހެއްގެ އިހްސާސް ނުވަތަ އަހައްމިޔަތު ދޭ މީހެއްގެ ގޮތުގައި ސިފަ ވެ އެވެ. އަދި އަނެއް އަތުން ސަލާން ކުރެވޭ މީހާގެ ކަނާތުގެ މަތީ އަރިމަތީގައި މަޑުމަޑުން އަތް ޖައްސާލާށެވެ.
- ލޮލާލޯ ދިމާވުން: އަނެކާގެ ލޮލަށް ނަޒަރު ހިންގާލާ ކުޑަ ސިކުންތުކޮޅަކަށް ހުރުމަކީ އެމީހާއަށް ސަމާލުކަންދޭ ކަމުގެ ރަމްޒެކެވެ. އަދި އަމިއްލަ ނަފްސުގެ "ކޮންފިޑެންސް" މިކަމުން ރަމްޒުކޮށްދެ އެވެ. ނަމަވެސް މިހެން ބަލަހައްޓައިގެން މާ ގިނަ އިރު ނުހުރުމަކީ މުހިންމުކަމެކެވެ. އެއީ އެކަމުން އަނެކާއަށް އުނދަގޫވެދާނެތީ އެވެ.
- މޫނުގައި އަތް ނުލުން: ސުވާލަކަށް ޖަވާދެމުން މޫނުގައި އަތް ލައިފިނަމަ ދޮގުހަދަނީ ކަމަށް އަނެކާއަށް ހީވެދާނެ އެވެ. އިތުބާރުހިފޭ މީހެއް ގޮތުގައި ފެނުމަށް އިސްތަށިގަނޑާއި ކުޅުމުން، ނޭފަތް ކެހުމުން ނުވަތަ އަނގަ މަތީ އަތްއެޅުމުން ދުރުވާށެވެ.
ގިނަ ބަޔަކާއި ވާހަކަދެއްކުމަށް
ހަފްލާއެއްގައި ވާހަކަ ދައްކާއިރު ނުވަތަ އޮފީހުގައި ޕްރެސެންޓޭޝަންއެއް ދޭއިރު ވެސް މީހުންގެ ސަމާލުކަން ދަމަހައްޓާ މެސެޖު ރަނގަޅަށް ފޯރުކޮށްދިނުމަށް ބޮޑީ ލެންގުއޭޖްގެ ބޭނުން ހިފިދާނެ އެވެ. މިފަދަ ބައެއް ކަންކަމަށް ބަލާލާނަމެވެ.
ޝައުގުވެރިވެފަ ހުރުން: ކުރިންވެސް ފާހަގަކުރި ގޮތަށް ކޮނޑު ފަހަތަށް ޖައްސާލާ ދެ އަތް ދެ އަރިމައްޗަށްލާ ސީދަލަށް ހަށިގަނޑު ބަހައްޓާށެވެ. އަތް ފޮރުވުމުން ނުވަތަ ޖީބަށްލުމުން އެއްކިބާ ވާށެވެ.
- އިސް އުފުލުން: ބޯ ހުންނަންވާނީ މީހުންނާއި ދިމާލަށް އެއްވަރެއްގަ އެވެ. މާ ބޮޑަށް ކުރިއަށް ނުވަތަ ފަހަތައް ޖެހިއްޖެ ނަމަ ބޮޑާ މީހެއްގެ ގޮތުގައި ފެނިދާނެ އެވެ.
- ހަމަޖެހިފައި ހުރުން: އަވަސް އަވަސް ކުއްލި ހަރަކާތައް ކުރުމުގެ ބަދަލުގައި މަޑުމަޑުން ހަމަޖެހިފައި ހުރެ ހަރަކާތްތައް ގެނައުން މުހިންމެވެ. އެއް ފަޔަށް ވުރެ އަނެއް ފައި ކުޑަތަންކޮޅެއް ކުޑަތަންކޮޅެއް ކުރިއަށް ނުވަތަ ފަހަތަށް ޖައްސާލުމުން މިހެން ހުންނަށް ފަސޭހަވެ އެވެ.
- އަތް ބޭނުންކުރުން: ދެ އަތް ހުޅުވާލާ ކުރިމައްޗަށް ނެރެ ދުރުކޮށްލާށެވެ. އަދި އަތް ތިލަ ކޮންމެވެސް ވަރަކަށް މީހުންނަށް ފެންނަހެން ބަހައްޓާށެވެ. މިކަމުގެ ސަބަބުން މުއާމަލާތު ކުރުމާއި ހިޔާލު ފާޅުކުރުމުގެ ޝައުގުވެރިކަން ދައްކާދެ އެވެ. އަދި ވާހަކަ ދައްކަމުން ދާއިރު ބަސްތަކާއި އެއްކޮށް އަތަށް އެކި އިޝާރާތްތައް ގެންނާށެވެ. އަތުގެ އުޅަބޮށިން މަތި ގަޔާ ކައިރިކޮށް ބެހެއްޓުމުން މިހެން ގެންނަ އިޝާރާތްތައް "އޯވާ" ނުވެ ހުންނާނެ އެވެ.
ވަޒީފާ އިންޓަވިއުތަކާއި ވިޔަފާރި ބައްދަލުވުންތަކުގައި
ވަޒީފާއެއްގެ އިންޓަވިއު ނުވަތަ ވިޔަފާރި ބައްދަލުވުމެއް ފަދަ އާންމުކޮށް ކަންބޮޑުވާ ހާލަތްތަކުގައި ވެސް ބޮޑީ ލެންގުއޭޖް ބޭނުންކޮށްގެން އިހްސާސްތަކުގެ މައްޗަށް ބާރުފޯރުވާ ކާމިޔާބީއާއި ގާތަށް ޖެހިލެވިދާނެ އެވެ. މިފަދަ ހާލަތެއްގައި ސަމާލުކަން ދޭންވީ ބައެއްކަ ކަންކަމަށް ބަލާލާނަމެވެ.
- "މިރޯ" ކުރުން: އެއްކަމަށް ޝައުގުވެރިވާ މީހުން ގާތް މީހުންނަށް ވާ ފަދައިން، އަލަށް ދިމާވާ މީހެއްގެ ބޮޑީ ލެންގުއޭޖް ކޮންމެސް ވަރަކަށް ކޮޕީ ކޮށްލައިގެން ދެމީހުން ދެމެދު އޮންނަ ގުޅުން އިތުރުކޮށްލެވިދާނެ އެވެ. މިފަދަ އިން ހަރަކާތެއް ކޮޕީ ކުރާ އިރު ކުރަން ވާނީ އަނެކާ ހަރަކާތް ގެންނަތާ މަދުވެގެން ތިން ސުކުންތު ފަހުންނެވެ. އަދި ކޮންމެ ހަރަކާތެއް ކޮޕީ ނުކުރުމަކީ ވެސް މުހިންމުކަމެކެވެ.
- މަޑުމައިތިރިކަން: އަވަސް އަވަސް ހަރަކާތްތައް ގެނައުމުގެ ބަދަލުގައި މަދު އަދި ލަސް ހަރަކާތްތައް ގެނައުމުން "ޕްރޮފެޝަނަލް" މީހެއްގެ ގޮތުގައި ސިފަވެ އެވެ.
- ޝައުގުވެރިކަން ދެއްކުން: އަނެކާ ވާހަކަދައްކާ އިރު ބޯ އެއްފަރާތަކަށް ކުޑަކުޑަކޮށް އަރިކޮށްލާ ލޯ ވެސް ކިރިޔަކިރިޔާ ކުޑަކޮށްލުމުން އަނެކާއެއް ދޭ ޝައުގުވެރިކަން ހާމަވެ އެވެ. އަދި އޭނާއާ ދިމާލަށް ކުޑަކޮށް ހަށިގަނޑު ލަންބާލުން ނުވަތަ ކުރިޔަށް ޖެހިލުމަކީ ވެސް މުހިންމުކަމެކެވެ.
ނިންމުން
މި ލިޔުމުގައި ފާހަގަކޮށްލާފައި މިވަނީ ހަށިގަނޑު "ލެންގުއޭޖުން" އެންމެ ދެތިން ބަހޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ބޮޑީ ލެންގުއޭޖަކީ އެކަމާއި ބެހޭގޮތުން އެތައް ފޮތްތަކެއް ލިޔެވިފައިވާ އަދި ލިޔެވެމުންދާ ބޮޑު މައުލޫއެކެވެ. ނަމަވެސް މި ލިޔުމުގައި ފާހަގަކޮށްފައިވާ މިވާ ކަންކަން އަމިއްލަ އަށް ބޭނުންކޮށްގެން ވެސް އެހެން މީހުންގެ އިހްސާސްތައް ދެނެގަނެ އަމިއްލަ އަށް މި ހަރަކާތްތައް ބޭނުންކުރަން މަގުފަހިވެގެންދާނެ އެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހޭ އެއްކަމަކި ބައެއް ހާލަތްތަކުގައި ނުވަތަ ބައެއްގެ އާދަކާދައާއި ސަގާފަތުގެ ގޮތުން މީގެން ބައެއް ހަރަކާތްތައް އެނޫން ގޮތެއްގައި ވެސް ބޭނުންކޮށްފާނެ ކަމެވެ. އެހެންކަމުން ކޮންމެ ހާލަތެއްގައި ވެސް އޮޅުމެއް އަރާ ނަމަ އަނެކާއާއި ސުވާލުކޮށް ވާހަކަދައްކައިން ކަންކަން އޮޅުން ފިލުވުމަކީ ވެސް މުހިންމު ކަމެކެވެ.










