މީޑިއާ އިންޑަސްޓްރީގެ ވިޔަފާރިތަކުން މަހުޖަނަކަށް ވެފައިވާ ރުޕާޓް މާޑޮކްގެ ފަސް ވަނަ ކައިވެނި އުމުރުން 92 އަހަރުގައި ކުރަން ނިންމުމަށް ފަހު ކުއްލި ގޮތަކަށް އެންގޭޖްމަންޓް އުވާލައިފި އެވެ.
މާޑޮކް އާއި ކުރިން ފުލުހުންނާ ގުޅުން ހުރި ވަޒީފާއެއް އަދާކުރި އުމުރުން 66 އަހަރުގެ އޭން ލެސްލީ ސްމިތް ބައްދަލުވީ ކެލިފޯނިއާއިން މިދިޔަަ ސެޕްޓެމްބަރު މަހު އެވެ.
މާޑޮކްގެ ނޫހެއް ކަމަށް ނިއު ޔޯކް ޓައިމްސްއަށް އޭނާ މިދިޔަ މަހު ބުނީ "މިއީ ފަހު ލޯބި" ކަމަށެވެ. މާޑޮކް އާއި ކުރީގެ އަންހެނުން ޖެރީ ހޯލް ވަރިވީ މިދިޔަ އަހަރު އެވެ.
ވެނިޓީ ފެޔާއިން ރިޕޯޓުކުރި ގޮތުގައި އެންގޭޖްމަންޓް އުވާލަން މާޑޮކް ނިންމީ އުމުރުން 66 އަހަރުގެ އޭން ލެސްލީ ސްމިތް މާ ބޮޑަށް ދީނީ ފިކުރުތައް ގެންގުޅޭތީ އެވެ.
އެކަމާ ގުޅޭ ގޮތުން މާޑޮކް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އޭން ލެސްލީ ސްމިތްގެ ކުރީގެ ފިރިމީހާ ޗެސްޓާ ސްމިތްއަކީ ލަވަކިޔުންތެރިއެއް އަދި ރޭޑިއޯ އާދި ޓީވީ އެގްޒެކްޓިވްގެ ވަޒީފާ އަދާކުރި މީހެކެވެ. އޭނާ ވަނީ މަރުވެފަ އެވެ.
"އަހަރެން ހުވަފަތްވެފައި އިންނަތާ 14 އަހަރު ވެއްޖެ. ރުޕާޓް ގޮތަށް އަހަރެންގެ ފިރިމީހާއަކީ ވެސް ވިޔަފާރިވެރިއެއް. އެހެންވީމާ ރުޕާޓްގެ ބަހުރުވަ އަހަންނަށް އިނގޭ،" އޭން ލެސްލީ ސްމިތު މިދިޔަ މަހު ބުންޏެވެ.
މާޑޮކްގެ ފުރަތަމަ ތިން ކައިވެނިން ހަ ދަރިން ލިބުނެވެ. އޭނާ ކުރިން ކައިވެނި ކުރީ އޮސްޓްރޭލިއާގެ ފްލައިޓް އެޓެންޑެންޓް ޕެޓްރީޝިއާ ބުކާ، ސްކޮޓްލޭންޑުގެ ނޫސްވެރިއާ އެނާ މޭން އަދި ޗަައިނާގެ ވިޔަފާރިވެރިޔާ ވެންޑީ ޑެންގްއާ އެވެ.










