ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ޕޮލޭންޑަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިން، ޕޮލޭންޑުން ޔޫކްރެއިނަށް އިތުރު ޖެޓުތައް ދޭނެ ކަމަށް އިއުލާންކޮށްފި އެވެ.
ޕޮލޭންޑުގެ ރައީސް އަންދްރޭޖް ދޫދާ ވިދާޅުވީ ޔޫކްރެއިނަށް ބޭނުންޖެހިއްޖެ ނަމަ ޕޮލޭންޑުގައި ބާކީ ހުރި މިގް-29 ޖެޓުތައް ފޮނުވާނެ ކަމަށެވެ.
ޒެލެންސްކީ ވަނީ ޕޮލޭންޑުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޕޮލޭންޑުން އިތުރު އެހީ ދޭން ނިންމި އިރު، ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ވަނީ ރަޝިއާގެ އެތެރޭގައި ޓެރަރިސްޓު ހަމަލާ ދިނުމަށް ހުޅަނގުގެ ޖާސޫސީ އިދާރާތްތަކުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
މިއީ ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން ޒެލެންސްކީ ޕޮލޭންޑަށް ކުރެއްވި ފުރަތަމަ ދަތުރެވެ.
ޕޮލޭންޑަކީ ޔޫކްރެއިން ސިފައިން ކުރާ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމެވެ. ޔޫކްރެއިނަށް ލެޕަޑް-2 ޓޭންކު ދޭން އެންމެ ފުރަތަމަ ނިންމީ ވެސް ޕޮލޭންޑުންނެވެ.









