ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އާއި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލެޔެން ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ބެއިޖިންއަށް ވަޑައިގެންފި އެވެ.
ޔޫރަޕްގެ ލީޑަރުން ޗައިނާއާ ގުޅިގެން ކުރިއަށް ދިޔުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޯލްޒް އާއި ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒް ވެސް މީގެ ކުރިން ބެއިޖިންއަށް ވަޑައިގެންނެވި އެވެ.
މެކްރޯން އާއި ވޮން ޑެ ލެޔެންގެ ދަތުރުގައި ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ޗައިނާއަށް ޕްރެޝަރު ކުރާނެ ކަމަށް ބެލެވެ އެވެ. އޭގެ އިތުރުން ޗައިނާ އާއި އީޔޫގެ ވިޔަަފާރީގެ ކަންކަމާ ބެހޭ މަޝްވަރާ ކުރިއަށް ދާނެ އެވެ.
ފްރާންސްގެ ސަރުކާރުން ބުނީ ޔޫކްރެއިން ހަނގުރާމަ ނިންމަން ޗައިނާއިން ހުށަހެޅި ރޭވުމުގައި ހުރި ބައެއް ނުކުތާތަކާ މެދު އެ ގައުމުން ހިތްހަމަޖެހޭ ކަމަށެވެ.
އެއާ ހިލާފަށް ވޮން ޑެ ލެޔެން ދާދި ފަހުން ވަނީ 12 ނުކުތާ ހިމެނޭ އެ ރޭވުމުގައި ރަޝިއާއަށް ފައިދާވާ ގޮތަށް އޮތުން ބަލައިނުގަނެވޭ ކަމަށް ވިދާޅުވެފަ އެވެ.










