މަޖާ ވާހަކައެއް ބުނީމަ ހީހީ "ހަލާކުވެދާނެ" އެވެ. އަދި ހަމަ އެ މަޖާ ވާހަކައަށް އެހެން މީހަކު ނުހީ ވެސް ހުރެދާނެ އެވެ. ހަމަ އެފަދައިން ގިލިގިލި ކޮށްޓީމަ ވެސް އެއް ބަޔަކު ހެމުންހެމުން ގޮސް ލޮލުން ކަރުނަ އަންނަ އިރު އަނެއް ބަޔަކަށް އޭގެން އެއްވެސް އަސަރެއް ނުކޮށްފާނެ އެވެ. ނަމަވެސް ގިލިގިލި ކޮށްޓުމުން އެންމެ ގިނަ ބައެއްގެ ޖަވާބަކީ ހޭން ފެށުމެވެ. މިއީ ކީއްވެ ބާއެވެ؟ އެ ނޫން އެހެން ގޮތެއް ނުވަނީ ކީއްވެހެއްޔެވެ؟
ގިލިގިލި ކޮށްޓުމަކީ ކޮބާ؟
ގްރީކް ފިލޯސޮފަރު އެރިސްޓޯޓްލް، 350 ބީސީ ބުނި ގޮތުގައި ގިލިގިލި ކޮށްޓުމަކީ އިންސާނުންނަށް އެކަނި ކުރެވޭ އިހްސާސެކެވެ. އަދި މިއީ އެހެން ޖަނަވާރުތަކަށް ވުރެ އިންސާނުންގެ ހަންގަނޑު ތަފާތުވުމުން ކަމަށް އޭނާ ބުނެފައިވެ އެވެ. ގިލިގިލިކޮށްޓުމުން ވާ އިހްސާސަކީ ހަށިގަނޑުގެ ވަކި ތަންތަނެއްގައި އެއްޗެއް ކޭތުމުން ނުވަތަ މީހަކު އަތް ލުމުން ކުރެވޭ ހީލީގެ އިހްސާސެވެ.
ހީލީގެ ބާވަތްތައް
ގާގަލެސިސް
މިއީ އިނގިލިތައް ބޭނުންކޮށްގެން ހަށިގަނޑު ބައެއް ހިސާބުތަކުގައި އަތް ކޭތުމުންވާ އިހްސާސެވެ. މިގޮތުން ފާހަގަކުރެވޭ ބައެއް ހިސާބުތަކަކީ ކަރު، ބަނޑު، ފައިގެ ދަށްފުށް އަދި ކިހިލިފަތް ދަށެވެ. މިސާލަކަށް ފައިގެ ދަށް ފުށުގައި މީހަކު އަތް ހާކަން ފެށުމުން ބޭނުން ނޫން ކަމުގައި ވިޔަސް ހެވެން ފެށޭނެ އެވެ.
ނިސްމެސިސް
މިއީ އިސްވެ ބުނެވުނު ބާވަތަށް ވުރެ ލުއި އިހްސާސެކެވެ. ކޮންމެސް ވަރަކަށް ހީލިކެރުމެވެ. އިނގިލިތަކުގެ އިތުރުން އެއްޗެއް ކޭއްތުނަސް މި އިހްސާސް ކުރެވިދާނެ އެވެ. މި އިހްސާސުން އެކި ހާލަތްތަކުގައި ވާނީ އެކި ގޮތްތަކެވެ. ބައެއް ފަހަރު ސިއްސައިގެން ދާނެ އެވެ. އަދި އަނެއްބައި ފަހަރު ހީލި ކެރުވިތަން ފޮރުވަން ކުއްލި ހަރަކާތެއް އައިސްދާނެ އެވެ.
ގިލިގިލި ކޮށްޓީމަ ވާގޮތް
ގިލިގިލި ކޮށްޓުމުން، ހަމަށް ލިބޭ ސިގްނަލްތައް ސިކުނޑިން ތަހުލީލު ކުރަން ފައްޓައެވެ. ސިކުނޑީގެ ދެ ހިސާބަކުން މި މަސައްކަތް ކުރެ އެވެ. ހަށިގަނޑުގެ ކޮން ހިސާބެއްތޯ އާއި ބީހުމުގެ ފުންމިން ބަލަނީ "ސޮމަޓޮސެންސަރީ ކޯޓެކްސް" އިން ނެވެ. އަދި އުފާވެރިކަމުގެ އިހްސާސްތައް ބަލަހައްޓާ "އެންޓީރިއާ ސިންގުލޭޓް ކޯޓެކްސް" އިން ވެސް ހަމަށްކުރާ އަސަރަށް ސަމާލުކަން ދެ އެވެ. މި ދެބައިން އިހްސާސް ތަހުލީލުކުރުމަށް ފަހު ހުނުމަށް ސިގްނަލްއެއް ދެ އެވެ.

މީގެ ސަބަބެއް ކަމަށް ގިނަ ފަރާތްތަކުން އިއްތިފާގުވަނީ ހަށިގަނޑަށް އެހެން މީހެއް އަތްލުމަކީ އާންމު ގޮތެއްގައި ނުރައްކަލެއްގެ ގޮތުގައި ބެލުމެވެ. ނަމަވެސް ގިލިގިލިކޮށްޓުމުން އެއީ ނުރައްކަލެއް ނޫންކަން އެނގޭ ހިނދު، މިފަދަ ހާލަތެއްގައި އާންމުކޮށް ސިކުނޑިން ފޮނުވާ ނައްސި އިހްސާސްތަކުގައި ބަދަލުގައި ފައްސި އިހްސާސްތަކެއް ފޮނުވަނީ އެވެ. އެހެން މީހަކު ގިލިގިލި ކޮށްޓަން އުޅޭކަން އެނގޭ ނަމަވެސް މިފަދަ އިހްސާސެއް ކުރެވޭނެ އެވެ.
ނަމަވެސް އޭގެ ބަދަލުގައި ފައިދިގު މަކުނެއް ކަހަލަ އެއްޗެއް ހަށިގަނޑުގެ ހިސާބެއްގައި އުޅޭ ކަމުގެ އިހްސާސްވެއްޖެ ނަމަ އަންނަނީ ނުރައްކަލުގެ އިހުސާސެވެ. އެހެން ކަމުން ހުނުމުގެ ބަދަލުގައި ނައްސި އިހްސާސްތައް އައިސް ސަލާމަތްވުމަށް މަސައްކަތްކުރާނެ އެވެ. ފުންމައިގެން ތެދުވެދާނެ އެވެ. ނުވަތަ ހަށިގަނޑުގެ އެހިސާބެއް ފޮޅާލަފާނެ އެވެ.
މީގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި ގިލިގިލި ކޮށްޓުމުން ކުރެވޭ އިހްސާސާއި ހެވޭ މިންވަރު ތަފާތުވެ އެވެ. އެންމެ ގިނަ ބަޔަކު އެންމެ ގަދަޔަށް ހޭނީ ފައިގެ ދަށްފުށުގައި ކޮށްޓުމުންނެވެ. ސަބަބަކީ ފައިގެ ދަށަކީ ވަރަށް ގިނަ ނާރުތަކެއް ހިމެނޭ ތަނަކަށް ވުމެވެ.
އަމިއްލައަށް ގިލިގިލި ނުކޮށްޓެނީ ކީއްވެ؟
އަމިއްލައަށް ގިލިގިލި ނުކޮށްޓުމުގެ ޖަވާބު ވަނީ ސިކުނޑީގެ ފަހަތުގަ އެވެ. އެއީ އަހަރުމެންގެ ހަރަކާތްތައް ބަލަހައްޓާ "ސެރެބެލަމް" ބައިގަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަހަރުމެންގެ އަމިއްލަ އަށް ހަށިގަނޑަށް އިހްސާސެއް ގެންނަ ނަމަ އެކަން ސެރެބެލަމް އަށް އެނގެ އެވެ. އަހަރުމެން އަމިއްލަ އަށް ގިލިގިލި ނުކޮށްޓޭ ސަބަބަކީ، އަހަރުމެން މި މަސައްކަތް ކުރަން ފަށާ ހިސާބުން ސެރެބެލަމް އަށް މިކަން އެނގި، އޭގެ ސަބަބުން އަސަރެއް ނުކުރަން ސިކުނޑިއަށް އަންގާތީ އެވެ.










