ލަންޑަން (އޭޕްރީލް 4) - ލިވަޕޫލްގެ ކޯޗެއްގެ ގޮތުގައި އޭނާ އަށް ދެމިހުރެވޭ އެންމެ ބޮޑު ސަބަބަކީ ކުރިން ހޯދި ކާމިޔާބީ ކަމަށް އެ ޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
މިއީ، ލިވަޕޫލް ކޯޗެއްގެ ގޮތުގައި ލިވަޕޫލް މަސައްކަތް ކުރަން ފެށި ފަހުން އެ ޓީމު އެންމެ ދަށްކޮށްދާ އެއް ސީޒަނެވެ. މިދިޔަ ސީޒަނުގެ ހަތަރު މުބާރާތުގެ ތަށްޓަށް ވާދަކޮށް، ދެ މުބާރާތް ކާމިޔާބުކުރި ލިވަޕޫލަށް މި ސީޒަން ނިންމާލަން ޖެހިފައިވަނީ ހުސްއަތާ އެވެ.
ޕްރިމިއާ ލީގު ތާރީހުގައި މިހާތަނަށް އެއް ސީޒަނެއްގައި ކްލަބްތަކުން ކޯޗުން ވަކިކުރި ފަހަރަކީ މިއީ އެވެ. އެ ގޮތުން، މިހާތަަނަށް 12 ކޯޗުންގެ ވަޒީފާ ގެއްލިފައިވެ އެވެ.
ލިވަޕޫލްގެ ކޯޗު ކްލޮޕަކީ ވެސް ނަތީޖާ އަށް ބަލާނަމަ މި ދަނޑިވަޅުގައި ޕްރެޝަރަށް ވެއްޓިފައިވާ ކޯޗެކެވެ. އެކަމަކު، އޭނާ އަށް އެހެން ކޯޗުންނަށް ވުރެ ބޮޑަށް ވަޒީފާ ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އޮތް ސަބަބަކީ ކުރިން ކުރެވިފައިވާ ކާމިޔާބު މަސައްކަތެވެ.
"މިއީ އަހަރެންގެ ފުރަތަމަ ސީޒަން ނަމަ، މިހާރު ނަތީޖާތަށް މިދާ ގޮތުން ކަންކަން ވާގޮތް ތަފާތުވާނެ،" މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލަކަށް ދިން ޖަވާބުގައި ކްލޮޕް ބުންޏެވެ.
"އަހަންނަށް ވަރަށް ރަނގަޅަށް އިނގޭ ލިވަޕޫލްގެ ކޯޗުގެ މަގާމުގައި އަހަރެން ދެމި މިހުރީ މީގެ ކުރިން ހޯދި ކާމިޔާބީގެ ސަބަބުން ކަން، މި ސީޒަނުގައި ކުރާ ކަމަކުން ނޫންކަން،"
ލިވަޕޫލް ކޯޗުކަމާ 2015 ވަނަ އަހަރު އޮކްޓޫބަރު މަހު ހަވާލުވި ކްލޮޕަކީ މި ވަގުތު ޕްރިމިއާ ލީގުގެ ޓީމަކާ ހަވާލުވެ، އެންމެ ދިގު މުއްދަތަކަށް ހުރި ކޯޗެވެ. ލިވަޕޫލްގައި ހޭދަކުރި ހަތް އަހަރާއި ބައި މުއްދަތުގެ ތެރޭގައި ކްލޮޕަށް ގިނަ ތަޖުރިބާތަކެއް ކުރަން ޖެހުނުއިރު، އަބަދުވެސް އެއްބާރުލުން ދިން ބަޔަކީ ކްލަބްގެ ވެރިންނެވެ. މި ވަގުތު ވެސް ކްލޮޕް ހުރީ ވެރިންގެ އިތުބާރާ އެކުގަ އެވެ.
"އަހަރެމެންގެ ތިބީ ވަރަށް ސްމާޓް އޯނަރުން، މި ކަންތައްތައް މިދާ ގޮތް އެ މީހުންނަށް ވެސް އެބަފެނޭ. އަހަރެން ހާސްވާން ޖެހޭ ހާލަތުގައި މަސައްކަތް ކުރަން ނުޖެހޭ. ކުރިން ލިވަޕޫލްގައި އަހަރެން ހޭދަކުރި ކާމިޔާބު އަހަރުތައް އަލުން ގެނެވޭނެކަން، ގިނަ ބަޔަކު ގަބޫލުކުރޭ،" ކްލޮޕް ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުގައި ލިވަޕޫލުން ނުކުންނާނީ ޗެލްސީ ދަނޑުގައި އެ ޓީމާ ދެކޮޅަށެވެ. ޗެލްސީން ވަނީ މި ސީޒަނުގައި ދެ ކޯޗަކު ވަޒީފާއިން ވަކިކޮށްފަ އެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު ވަކިކުރި ތޯމަސް ޓުޗެލް އާއި މީގެ ދެ ދުވަސް ކުރިން ވަކިކުރި ގްރަހަމް ޕޮޓާ އެވެ.












