އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން "ފިކުރެެއްގެ ދިރުން" ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް އުފައްދައި ހަރަކާތްތެރިވާތީ، އެ މެމްބަރުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ޕާލިމެންޓްރީ ގްރޫޕްގައި އެ ގްރޫޕްގެ ޗީފް ވިޕް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި، މެމްބަރު މުޣުނީ ފޮނުއްވި ސިޓީއެއްގައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް އެކި ގަރާރުތައް ހުށަހަޅައި، ކޮމިޓީތަކުގައި ވެސް އެ ރޫހުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ހަރަކާތުގައި ބައިވެރިވާ ބައެއް މެމްބަރުންނަކީ، އެމްޑީޕީގެ ފަރާތުން ކޮމިޓީތަކަށް ހަމަޖައްސާފައިވާ މެމްބަރުން ކަމާއި ބައެއް މެމްބަރުން ކޮމިޓީތަކުގެ މުގައްރިރުގެ މަގާމުގައި ވެސް ތިއްބެވި ކަމަށް މުޣުނީގެ ސިޓީގައި ފާހަގަ ކުރެއްވި އެވެ.
"ފިކުރެއްގެ ދިރުން ނަމުގައި ވަކި ޕާލިމެންޓްރީ ގްރޫޕެއް ހައްދަވައިގެން ކޮމިޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން އެ ކޮމިޓީތަކުން ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް މި މައްސަލަ ހުށަހަޅައި ދިނުމަށް ޗީފް ވިޕްގެ ހައިސިއްޔަތުން އެދި ދެންނެވިން،" މުޣުނީގެ ސިޓީގައިވެ އެވެ.
އެމްޑީޕީގެ އެތެރޭގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރެއްވި ފަހުން އެ ޕްރައިމަރީގައި ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ނިންމާފައިވަނީ ރައީސް ސޯލިހަށް ތާއީދު ކުރުމުގެ ބަދަލުގައި ވަކި ފެކްޝަނެއް ގޮތުގައި މަސައްކަތް ކުރުމަށެވެ. އެ ގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ތާއީދު ކުރުމަށް ވެސް އެ ފެކްޝަނުން ނިންމާފައިވެ އެވެ.













