ރަޝިއާގެ ޕްރައިވެޓް ސިފައިންގެ ކުންފުނި، ވާގްނާ ގްރޫޕުން ޔޫކްރެއިންގެ ބަހްމޫތު ސިޓީގައި ރަޝިއާގެ ދިދަ ނަގާފައިވާ ކަމަށް އެ ގްރޫޕުގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.
ދަންވަރު ނަގާފައިވާ ވީޑިއޯއެއްގައި ޔެވްގެނީ ޕްރިގޯޝިން ވިދާޅުވީ "ގާނޫނީ ގޮތުން ބަލާއިރު" ބަހްމޫތަކީ މިހާރު ރަޝިއާގެ ސިޓީއެއް ކަމަށެވެ. އޭނާ ދިދަ ނެގީ އެ ސިޓީގެ ހޯލުގަ އެވެ.
އެހެން ނަމަވެސް ސިޓީގެ ހުޅަނގު ޑިސްޓްރިކްޓުތަކުގައި އަދިވެސް ޔޫކްރެއިން ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޔޫކްރެއިނުން ބުނެފައި ވަނީ އެ ގައުމުގެ ސިފައިންނަށް ބަހްމޫތުގެ ކޮންޓްރޯލް އަދިވެސް ނުގެއްލޭ ކަމަށެވެ. އެ ސިޓީ ހިފަން ރަޝިއާއަށް ހަމަލާދޭތާ ގިނަ މަސްތަކެއް ވެއްޖެ އެވެ.
ޔޫކްރެއިންގެ ރައީށް ވޮލޮޑިމިރް ޒެލެންސްކީގެ ޗީފް އޮފް ސްޓާފް އެންޑްރީ ޔެރްމަކް ގޮވާލެއްވީ "ނަސްރު ލިބިއްޖެ ކަމަށް ބުނެ ފަތުރާ ދޮގު ހަބަރުތަކާ" މެދު ސަމާލުވުމަށެވެ.
ހޯމަ ދުވަހު އާއްމުކުރި ވީޑިއޯގައި ޕްރިގޯޝިން ވަނީ ބޮމުގެ ހަމަލާއެއްގައި މަރުވި ރަޝިއާގެ ބްލޮގަރު ވްލެޑްލެން ޓަޓާސްކީގެ ހަނދާން އާކޮށްފަ އެވެ.
ވަގްނާ ގްރޫޕަކީ އަމިއްލަ ސިފައިންގެ ކުންފުންޏެކެވެ. ރަޝިއާއިން ޔޫކްރެއިންގައި ކުރާ ހަނގުރާމައިގައި އެ ގްރޫޕުން ދަނީ ރަޝިއާގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.










