ރަޝިއާގެ ސެއިންޓް ޕީޓާޒްބާގް ސިޓީގެ ކެފޭއެއްގައި ހިނގި ގޮވުމެއްގައި މަގްބޫލް ބްލޮގަރެއް މަރުވެއްޖެ އެވެ.
އިންޓީރިއާ މިނިސްޓްރީން ބުނީ މަރުވީ ޔޫކްރެއިން ހަނގުރާމައަށް ތާއީދު ކުރާ ބްލޮގަރު ވްލެޑްލެން ޓަޓާސްކީ ކަމަށެވެ.
ސްޓްރީޓް ފުޑް ބާ ނަންބަރު އެކެއްގައި ހިނގި ގޮވުމުގައި 19 މީހުންނަށް އަނިޔާވި އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަނީ ކެފޭގައޮ ގޮވުމެއް ގޮވާފައިވާ އިރު، އަނިޔާވި މީހުން މަގުމަތީގައި ތިބޭ މަންޒަރެވެ.

ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު ނުއުފުލަ އެވެ. ކެފޭގައި ބޮން ގޮއްވާލި އިރު، ބްލޮގަރު ޓަޓާސްކީ އެ ތަނަށް ދިޔައީ އިވެންޓެއްގެ ގެސްޓު ސްޕީކަރުގެ ގޮތުގަ އެވެ.
ޓަޓާސްކީ ވަނީ ޔޫކްރެއިން ހަނގުރާމައިގެ ފްރަންޓްލައިނަށް ގޮސް ރިޕޯޓުކޮށްފަ އެވެ. އޭގެ އިތުރުން ރަޝިއާގެ ކްރެމްލިން ތެރޭގައި އޭނާ ނެގި ވީޑިއޯއެއް ވަރަށް މަގްބޫލުވި އެވެ.
އެއީ ޔޫކްރެއިންގެ ހަތަރު ތަނެއް ރަޝިއާގެ ދަށަށް ގެންދިޔުން ފާހަގަކުރަން ރައީސް ލެޑިމިއަ ޕުޓިން ބޭއްވެވި ހަފުލާގެ ތެރެއިން ނެގި ވީޑިއޯއެކެވެ. އެ ވީޑިއޯގައި ޓަޓާސްކީ ބުނީ ރަޝިއާއަށް ކާމިޔާބު ވާނެ ކަމަށެވެ.
ރަޝިއާގެ އިންޓީރިއާ މިނިސްޓްރީން ބުނީ ކެފޭގައި ބޮން ގޮއްވާލީ ޓަޓާސްކީއަށް ހަދިޔާއެއްގެ ގޮތުގައި ދިން ސްޓެޗޫގައި އޮތް ފޮށި ތެރޭގައި ފޮރުވައިގެން ކަމަށެވެ.










