ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ "އޭޓީއާރު" މަރުކާގެ އިތުރު ބޯޓެއް ރާއްޖެ ގެނެސްފި އެވެ.
ފްރާންސްގެ ޓުލޫސްއިން ފުރައިގެން އެ ބޯޓު މިއަދު ރާއްޖެ އައިސްފައިވާއިރު މިއީ އެ އެއާލައިނުން ގެނައި އޭޓީއާރު މަރުކާގެ ތިން ވަނަ ބޯޓެވެ.
މި ބޯޓުގައި 42 މީހުންގެ ޖާގަ ހުންނާނެ ކަމަށާއި މި ބޯޓާ އެކު ގައުމީ އެއާލައިންގެ ފްލީޓް 14 ބޯޓަށް މިހާރު ވަނީ އިތުރުވެފަ ކަމަށް އެ އެއާލައިންނުން ބުނެ އެވެ.
މޯލްޑިވިއަންއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އެންމެ ގިނަ މަތިންދާ ބޯޓު ގެންގުޅޭ ކުންފުންޏެވެ. އެހެންނަމަވެސް އެ ކުންފުނިން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 ގެ މަތިންދާ ބޯޓުތައް ބާވުމާއި އެ މަރުކާގެ ބޯޓު އުފެއްދުން ވެސް މިހާރު ހުއްޓާލާފައި ވާތީ އެ ކުންފުނިން ވަނީ އޭޓީއާރު މަރުކާގެ ބޯޓުތަކަށް އެ ކުންފުނީގެ ފުލީޓު އެއްކޮށް ބަދަލު ކުރުމަށް އަމާޒު ހިފާފަ އެވެ.
މޯލްޑިވިއަން އިން ބޭނުންކުރަމުން އަންނަ ޑޭޝް މަރުކާގެ ބޯޓުތަކުގެ ބަދަލުގައި އޭޓީއާރުގެ ތިން ބޯޓް ގެނައުމަށް އެއްބަސްވުމުގައި ސޮއިކުރީ ޖެނުއަރީ 2021 ގަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ދެ ބޯޓު ވަނީ މިދިޔަ ޖެނުއަރީ މަހު ގެނެސްފަ އެވެ. އެއީ އޭޓީއާރު-72 މަރުކާގެ ދެ ބޯޓެވެ. އެ ދެ ބޯޓުން ވެސް މިހާރު ވަނީ ކޮމާޝަލް ދަތުރުތައް ފަށާފަ އެވެ. މޯލްޑިވިއަނުން އިންޑިއާގެ ކޮޗިންއަށް ކުރަމުންދާ ދަތުރުތަކުގައި ވެސް އޭގެ ބޯޓުތައް ދަނީ ބޭނުން ކުރަމުންނެވެ.
އޭޓީއާރުގެ މަތިންދާބޯޓުތަކަކީ މޯލްޑިވިއަނުން މިހާރު ބޭނުން ކުރަމުން އަންނަ ޑޭޝް-8 މަރުކާގެ ބޯޓުތަކަށް ވުރެ ތެލާއި މެއިންޓެނެންސް ހަރަދު ކުޑަ ބޯޓުތަކެކެވެ. އެގޮތުން އޭޓީއާރު ބޯޓުތައް ބޭނުން ކުރަން ފެށުމުން ގާތްގަނޑަކަށް ދިހަ ޕަސެންޓު ތެޔޮ ހަރަދު ކުޑަވާނެ ކަމަށް މީގެ ކުރިން އެ ކުންފުނިން ބުނެފައިވެ އެވެ.









