ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ޕްރީ ސީޒަން ޕްރެކްޓިސް ފެށި ތިން ވަނަ ޓީމަކަށް މިދިޔަ އަހަރުގެ ދެ ވަަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަން ބުރު ކުޅެގެން މުޅިން އަލަށް މި ފަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބުރު ސްޕޯޓްސް ކްލަބް ވެއްޖެ އެވެ.
މާދަމާރޭ ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާއިރު، މިހާތަނަށް ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ޕްރެކްޓިސް ކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް އީގަލްސް އަދި ބުރު ސްޕޯޓްސް ކްލަބް އެެވެ.
ދެން ފުރަތަމަ ޑިވިޝަނުގައި އޮތް، ކްލަބް ވެލެންސިއާ، ޓީސީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓަރީ، ކްލަބް ގްރީން ސްޓްރީޓްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޕްރެކްޓިސް ނުފަށަ އެވެ. މީގެ ތެރެއިން ބައެއް ކްލަބްތައް މި ހަފްތާ ތެރޭގައި ޕްރެކްޓިސް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ބުރު ސްޕޯޓްސް ކްލަބުން ރޭ ބޭއްވި ޕްރެކްޓިހުގެ ތެރެއިން ކޯޗު ނިޒާމްބެ.--- ފޮޓޯ: ދާދުފޮޓޯސް
ކްލަބްތަކުން ޕްރީ ސީޒަން ޕްރެކްޓިސް ފެށުން ލަސްވީ އެފްއޭއެމް އިން ލިބެންޖެހޭ ފައިސާގެ ކަންކަން ހަމަޖެހުން ލަސްވެގެން ދިއުމުންނެވެ. ގިނަ ކްލަބްތައް މި ވަގުތު ހިންގަނީ ހަމައެކަނި އެފްއޭއެމް އިން ދޭ މާލީ އެހީތެރިކަން ކަަމަށްވާ، ތިން މިލިއަން ރުފިޔާގެ ބަޖެޓަށް ފަށްތައިގެންނެވެ.
ބުރު ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ފުޓްބޯޅައިގައި ތަޖުރިބާރު ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
ނިޒާމްބެ ވަނީ ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކަށް ކޯޗުކޮށްދިނުމުގެ އިތުރުން އުމުރުފުރާ ގައުމީ ޓީމުތަކަށް އިރުޝާދުދީ ދީފަ އެވެ. އެންމެ ފަހުން ނިޒާމްބެ ހުރީ ޓީސީގެ ކޯޗަކަށެވެ. ދެ ފަހަރެއްގެ މަތިން ޓީސީ އަށް ކޯޗުކޮށްދިން ނިޒާމްބެ އެންމެ ފުރަތަމަ އެ ޓީމަށް އިރުޝާދުދިނީ ދެ ވަނަ ޑިވިޝަނުގައި އޮއްވަ އެވެ. ޓީސީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ އެ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރި ނިޒާމްބެގެ ކޯޗުކަމުގަ އެެވެ.
އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބުރު ސްޕޯޓްސް ކްލަބުން ވެސް ވަނީ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އެ ގޮތުން ބުރުގެ ޕްރެކްޓިހުގައި ރޭ ވަނީ މިދިޔަ ސީޒަނުގައި ކްލަބް އީގަލްސް އަށް ކުޅުނު މުހައްމަދު ނާއިމް އާއި ޒުވާން ކީޕަރު، ޝައިހާން އަލީ އަދި ކްލަބް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސައިފް ވެސް ބައިވެރިވެފަ އެވެ.











