ބަދަލުވަމުންދާ ރޯދަ އާދަކާދަ

ބަދަލުވަމުންދާ ރޯދަ އާދަކާދަ

އިހު އެވޭލާ ޒަމާނުން ފެށިގެން ރަމަޟާން މަހަކީ ދިވެހިންނަށް ވަރަށް ހާއްސަ މަހެކެވެ. އެ މަހަށްޓަކައި އެ ޒަމާނަކާ ގުޅޭ އެންމެ ރަނގަޅަކަށް ކޮންމެ މީހަކުވެސް ތައްޔާރުވެ އެވެ. މި ގޮތުން ގެދޮރު ސާފުތާހިރު ކުރުމާއި ރަނގަޅު ކާބޯތަކެތި ހޯދާ އަތްމަތި ކުރެއެވެ. މި ލިޔުމުގައި އަޅުގަނޑު މި ބަލައިލަނީ އަޅުގަނޑުމެންގެ ކާބަފައިން ރަމަޟާން މަސް ހޭދަ ކޮށް އުޅުނު ގޮތުގެ މައްޗަށެވެ.

ތައްޔާރުވުން

ރަމަޟާން މަހަށް އަޅުގަނޑުމެންގެ ކާބަފައިން ވަރަށް ރަނގަޅަށް ތައްޔާރުވެ އެވެ. ރަމަޟާން މަހާމެދު ދެކެނީ ރަމަޟާން މަހަކީ މަޖާ ކުރުމާއި ކުޅިވަރު ކުޅުމާއި އަދި މީރު ކާބޯ ތަކެތިން އިސްރާފު ކުރަންވީ މަހެއްގެ ގޮތުގަ އެވެ. އެހެންކަމުން މި ކަންކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެ އެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކޮށްއުޅޭ ކަންތައްތަކުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކޮށްއުޅޭ އެއްކަމަކީ ގެދޮރު ފޮޅާ ސާފު ކުރުމެވެ. ބޯފެން ގެންނަ ފެންވަޅުތަކާއި މިސްކިތްތަކުގެ ފެންވަޅުތަކުގެ އިތުރުން ގޭގައި ހުންނަ ފެންވަޅު ދިޔަ ހިއްކާ ފެހި ކަހަ އެވެ. ބަދިގޭގައި ހިފާ ގެންގުޅޭ ތަކެތި ދޮވެ ސާފުކުރެ އެވެ. އާ ކުރަންޖެހޭ އެއްޗެއްނަމަ އެ އެއްޗެއްވެސް އާކުރެ އެވެ. މި ގޮތުން ދޭފަތާއި އުނދުޅި އާއި ސަމުސަލާއި ފިޔަން ފަދަ ތަކެތި ހަދަ އެވެ. މީގެ އިތުރުން ދޮންވެލި ގެނެސް ގޭދޮށަށް ދޮންވެލި ލަ އެވެ. އަދި ކޮންމެ ގެއަކުވެސް އަންބަލަމެއް ހަދަ އެވެ. އެއީ ރޯދަމަހު އެ ތަނުގައި ތިބުމަށާ ކުޅުމަށެވެ. ރޯދަމަހު އެންމެ ގިނައިން ކުޅޭ ކުޅިވަރަކީ އޮށްވަޅު ގޮނޑި އެވެ.

އެހެން މަސްމަހާ ހިލާފަށް ރަމަޟާން މަހު ކެއިންބުއިމުގެ ކަންކަމަށްކުރާ ހޭދަ އިތުރު ކުރެ އެވެ. އެހެންކަމުން ރަމަޟާން މަސް އައުމުގެ މާ ކުރިން ބައެއް މީހުން މާލެ ފައިބާ ފައިސާ ހޯދަ އެވެ. ރޯދަމަސް އައުމުން، އެ މީހުން އުޅޭ ތަނަކުން ފޮނުވިޔަސް ނުފޮނުވިޔަސް އެނބުރި ރަށަށް އާދެ އެވެ. އަންނައިރު ރޯދަމަހަށް ބޭނުންވާ ހުރިހާ ސާމާނެއް ގެނެއެވެ. މައިގަނޑު ގޮތެއްގައި ގެންނަނީ ކާބޯތަކެއްޗެވެ.

ހަނދުބެލުން

ރޯދައަށް ހަނދުބަލާ ރެއަކީ ވަރަށް ހާއްސަ ރެއެކެވެ. ރޯދައަށް ހަނދުބެލުމުގެ ކުރިން ރޯދައަށް ވާންވީ ހުރިހާ ތައްޔާރެއް ވެއެވެ. ހަނދުބަލާ ރޭ ސޮލަވާތް ކިޔެވުމަށްޓަކައި ކޮންމެ ގެއަކު އަސުރުވުމުން ބޯފޮޅި ފިހެ އެވެ. ހަވީރުވުމުން ކޮންމެ ކުއްޖަކުވެސް ދެތިން ބޯފޮޅި ކެޔޮފަތްގަނޑެއްފަދަ އެއްޗަކަށްލައި އޮޅާލައިގެން އަތިރިމައްޗަށް ހަނދުބަލަން ނުކުމެއެވެ. ހަނދުބަލަން ތިބޭއިރު ގެންދިޔަ ފޮޅިތައް އެއް ކުއްޖަކު އަނެއް ކުއްޖަކަށް ބަދަލުކޮށް ކައި އުޅެއެވެ.

ހަނދު ފެނުމުން އެއް ރަށުން އަނެއް ރަށަށް އެންގުމަށްޓަކައި ގޮނޑުދޮށުގައި އަލިފާންހުޅު ރޯކުރެއެވެ. އަދި ރަށުތެރޭގައި ސަންގުފުމެ އުފާފާޅު ކުރެއެވެ. ރޯދަ މަހުގެ ދެވަނަ ރޭ އޮންނަ ހާއްސަ ކަމަކީ ބޮޑު ތަކުރުފާނުގެ މައްޗަށް ކިޔަވާ ފާތިހާ ފަރިއްކޮޅު ކިޔެވުމެވެ.

ހާރުދަން

ރަމަޟާން މަސް އައުމާއެކު ރަށުގެ ގިނަ މީހުން ރޭގަނޑު ނުނިދާ ހޭލާ އުޅެއެވެ. ހޭލާ އުޅޭ ޒުވާނުންގެ އެންމެ ބޮޑު އެއް ބޭނުމަކީ ހާރުދަމު ސަންގު ފުންމުމެވެ. (ހާރުދަމު ސަންގު ފުންމުން, ވަކިލިޔުމެއްގެ ގޮތުގައި ގެނެސްދޭނަމެވެ.) ޒުވާނުން އާންމު ގޮތެއްގައި އުޅެނީ އަތިރިމަތީގައި ހުންނަ ހޮޅުއަށި ތަކުގަ އެވެ. މީގެ އިތުރުން އީދަށް ކުޅިވަރު ދަސްކުރުމުގައި ހަރަކާތްތެރިވެ އެވެ. އެހެންކަމުން އެހެން މަސްމަހާ ހިލާފަށް ރަށުތެރެ އޮންނަނީ ހަލަބޮލި ވެފައެވެ. ބައެއް ފަހަރު ގަސްގަހުގައި ހުންނަ މޭވާފަދަ ތަކެތި ސިއްރުން ރޭގަނޑު ކައިބޮއި ގަސްގަހަށް ގެއްލުންދެއެވެ. ހަމަ އެއާއެކު ބައެއް މީހުންނަށް ތަފާތު ޖެއްސުން ކުރެއެވެ.

ރަށުގެ އެއްވެސް ގެއަކު ހާރުދަންވުމުގެ ކުރިން ހާރެއް ނުކައްކައެވެ. ހާރު ކަނީ ރަށުތެރޭގައި ސަންގުފުމޭ މީހުން ސަންގު ފުންމީމާ ތެދުވެ ކައްކައިގެންނެވެ. މީގެ އިތުރުން އެއްގޭގެ މީހުންނަށް ހޭލެވިއްޖެނަމަ ކައިރި ގޭތަކުގެ މީހުން ހާރު ކައިފިތޯ ބަލައެވެ. ޔަގީން ނުވާނަމަ އެގެއަކަށްގޮސް ހާރުކާން ގޮވައެވެ. ހާރުދަމަށް އެންމެ ގިނައިން ކައިއުޅޭ އެއްޗަކީ ފިހުނު މަހާއި ކިރުހަކުރު ބަތާއި އަދި ބަތްޕެނެވެ.

ހާރުކެއުމުގައި ބޮޑެތި މީހުންނާއެކު ގޭގެ ކުޑަކުދިންވެސް ބައިވެރި ވެއެވެ. ހާރު ކެއުމަށްފަހު މައިންބަފައިން އެކުދިންނަށް ކިޔައިދޭ ހާއްސަ ނިޔަތެއް އޮވެއެވެ. މި ނިޔަތަކީ "އައްނިޔަތުން ބައްނިޔަތުން ކާށި ފަޅާ މުގުރު ގަނޑުން ބޮލުގަ ޓޮއް" މި ނިޔަތް ތަފާތު ކުރުމެއް ނެތި ކޮންމެ ރެއަކު އަޅުގަނޑުމެންނަށް ކިޔައިދެ އެވެ. ލަފާކުރެވޭ ގޮތުގައި މި ނިޔަތް މި ގޮތަށް ކިޔައިދީ އުޅުނީ ރޯދައިގެ ނިޔަތް ކިޔައިފިނަމަ، އެ ރޯދަ ނުހިފައި ދޫކޮށްލުމަކީ ކުރަން ހެޔޮނުވާވަރުގެ ކަމެއްކަމުގައި ދެކޭތީއެވެ. އެހެންކަމުން މިކަން މި ގޮތަށް ކުރަނީ އެވެ.

ދުވާލުގެ ވަގުތު

ވަރަށްމަދު މީހަކު ނޫނީ ރޯދަމަހު ދުވާލު މަސައްކަތެއް ނުކުރެ އެވެ. ގިނަ ފަހަރަށް މަސައްކަތެއް ކުރިޔަސް ކުރަނީ މެދު އުމުރަށްވުރެ މަތީގެ މީހުންނެވެ. މަދު ބަޔަކު ވަދު މަސްވެރިކަމު ނުކުމެ އެވެ. އަމުދުން މަހަކަށް ނުދެއެވެ. ނިދާ ހޭލެވުމާއެކު ގިނަ މީހުން ދަނީ ހޮޅުއައްޓަށެވެ. މި ތަނުގައި މައިގަނޑު ގޮތެއްގައި އޮންނާނީ މީސްމީހުންގެ ނެތިމޮށުމާއި ރުޅިއަންނަ މީހަކު ރުޅި އެރުވުމެވެ. ގިނަ ދުވަސް ދުވަހު މިކަން ނިމޭނީ ގަޔަށް ބޮލަށް އަރާ ހިސާބުންނެވެ. ގިނަ މީހުން ގެއަށް ދަނީ ހަވީރު ފިނި ޖެހުނީމަ އެވެ. (ނުނިމޭ)

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox