ރިޕޯޓުމެދުއިރުމަތީގެ ބަދަލުވަމުންދާ މަންޒަރު: އެމެރިކާއަށް ބޮޑު ދެރައެއް؟

މެދުއިރުމަތީގެ ބަދަލުވަމުންދާ މަންޒަރު: އެމެރިކާއަށް ބޮޑު ދެރައެއް؟

މިހާތަނަށް މެދުއިރުމަތީގެ ކަންކަން ކޮންޓްރޯލް ކުރަމުން ދިޔައީ އެމެރިކާއިން. އެކަމަކު އެމެރިކާއިން ވާ ވައުދުތައް ފުއްދުމުގައި އަމަލުކުރަމުންދާ ގޮތާ މެދު ގައުމުތަކުން ހިތްހަމަނުޖެހޭ. އެހެންވެ، އެމެރިކާ ނޫން "ޗޮއިސް" ހޯދައިގެން ކުރިއަށް ދާން ގައުމުތަކުން ތިބީ ބޭނުންވެފަ

މެދުއިރުމަތީގެ ކޮންޓްރޯލް ހޯދަން ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން  ގެންދަވަނީ މަސައްކަތް ކުރައްވަމުން.
މެދުއިރުމަތީގެ ކޮންޓްރޯލް ހޯދަން ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން ގެންދަވަނީ މަސައްކަތް ކުރައްވަމުން.

މުސްލިމުންނާއި ޔަހޫދީންނާއި ނަސާރާއިންނާ ގުޅުން ހުރި ގިނަ ކަންތައްތަކެއް އެކުލެވޭ މެދުއިރުމައްޗަކީ ތާރީހީ ގޮތުން ހަލަބޮލި ސަރަހައްދެކެވެ. މިހާރު ދުނިޔޭގައި ކުރިއަށްދާ ގިނަ އަދި ދިގު ހަމަނުޖެހުންތައް ވެސް ގުޅިފައި އޮތީ މެދުއިރުމައްޗާ އެވެ. އެހެންވެ، އެ ސަރަހައްދުގައި ހަތުރުންގެ ގޮތުގައި ތިބި ގައުމުތަކުން ކުއްލިއަކަށް ހަތިޔާރު ބެހެއްޓުމަކީ ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ކަމަކަށް ވެދާނެ އެވެ.

ހާރިޖީ ކަންކަން ދިރާސާ ކުރާ މީހުންނަށް ސިހުން ގެނުވީ އިރާނާއި ސައުދީ އަރަބިއްޔާގެ ކުއްލި ނިންމުމަކުންނެވެ. ސުންނީ ސައުދީ އާއި ޝިއައީ އިރާނަކީ ޒަމާނުއްސުރެ ވާދަވެރި ހަތުރުންނެވެ. ގުޅުން ކަނޑާލާފައި އޮތްތާ އަހަރުތަކެއް ފަހުން ކުއްލި ގޮތަކަށް އެކުވެރިވާން ނިންމި އިރު، އެއީ މާ ގިނަ ބަޔަކު ލަފާކޮށްގެން ތިބި ކަމެއް ނޫނެވެ. އެ ގުޅުމަށް އެހީވެދެނީ ޗައިނާ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެދުއިރުމަތީގައި މި ވަގުތު ބަދަލުވަނީ ސައުދީ އާއި އިރާނުގެ ގުޅުން އެކަންޏެއް ނޫނެވެ. ދިގު ދާހިލީ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ސީރިއާ އާއި އަރަބި ގައުމުތަކުގެ ގުޅުމަށް ވެސް އޮތީ ފެހި ސިގުނަލެކެވެ. ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، މަޝްވަރާތައް ކާމިޔާބުކަމަށް ލަފާކުރެވެ އެވެ. އޭގެ ފަހަތުގައި އޮތީ ރަޝިއާ އެވެ.

މެދުއިރުމައްޗަށް ހަމަޖެހުން ގެނައުމަށް ޗައިނާ އާއި ރަޝިއާއިން ކާމިޔާބުކަމާ އެކު މަސައްކަތް ކުރާތީ އެ ސަރަހައްދުގެ ބޮޑު މަންޒަރު ބަދަލުވާން ފަށައިފި އެވެ. ނަތީޖާއަކީ، ތާރީހީ ގޮތުން އެ ގައުމުތަކަށް ނުފޫޒު ފޯރުވި "އެކުވެރި" އެމެރިކާ އާއި އިޒްރޭލަށް ނުތަނަވަސްކަން ބޮޑުވުމެވެ.

ސައުދީ އާއި އިރާނުގެ ގުޅުން

ހަތް މެދުކެނޑުމަކަށް ފަހު ސައުދީ އާއި އިރާނުގެ ގުޅުން އަލުން ކުރިއަރަން ފެށީ ޗައިނާ މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހު އެވެ. ދެ ގައުމުގެ އެމްބަސީތައް ހުޅުވައި ކުރިއަށް އޮތް ތަނުގައި ޑިޕްލޮމެޓިކް ގުޅުން ފުޅާވުމުގެ ފުރުސަަތު ބޮޑެވެ. މީގެ ފައިދާ ދެ ގައުމަށް ވެސް ކުރާނެ އެވެ. އެއީ އިރާނުގެ އެކަހެރިކަމަށް ނިމުމެކެވެ. އަދި ސައުދީއިން ޔަމަނުގައި ކުރާ ހަނގުރާމައަށް ހައްލެކެވެ.

ސައުދީ އަރަބިއްޔާއިން އިރާނާ އެކު އޮތް ގުޅުން ކަނޑާލީ 2016 ވަނަ އަހަރު އިރާނުގެ ބަޔަކު ތެހްރާންގައި ހުންނަ އެ ގައުމުގެ އެމްބަސީ ތެރެއަށް ވަދެގަތުމުންނެވެ. އިރާނުގައި ސައުދީއާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ އެ ގައުމުގައި ޝިއައީންގެ އިސް އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ.

މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކުގައި އިރާނާއި ސައުދީއިން ތާއީދުކުރަނީ ދެ ފަޅިއަށެވެ. އެގޮތުން ލުބްނާން، ސީރިއާ، އިރާގް އަދި ޔަމަން ފާހަގަކުރެވެ އެވެ. އެހެންކަަމުން، އަލުން ގުޅުން ގާއިމްކުރުމާ އެކު މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރުމުގެ އުއްމީދު އާލާވެ އެވެ.

އިރާނާ އެކު "ރަނގަޅު ގުޅުމެއް" ބާއްވަން ބޭނުންވާ ކަމަށް ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވީ މީގެ ދެ އަހަރު ކުރިން އަަލް އަރަބިޔާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ. އޭގެ ފަހުން އިރާގުގައި ދެ ގައުމުގެ މަޝްވަރާތައް ބޭއްވި އެވެ. އެކަމަކު މެދުވެރިއެއްގެ ދައުރު އަދާކުރާނެ ފަރާތެއް ނެތި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބެ އެވެ. ޗައިނާ މެދުވެރިވެ، ކުރު މުއްދަތެއްގެ ތެރޭގައި ގުޅުން ގާއިމްކުރަން ނިންމުމުން އެމެރިކާއިން މަރުހަބާ ކީ އިރު، އިޒްރޭލުން ވަކި އެއްޗެއް ނުބުނެ އެވެ.

ސައުދީ އާއި ސީރިއާގެ ގުޅުން

ސީރިއާއާ އެކު ސުލްހަ ގެނައުމުގެ މަޝްވަރާ ވެސް ސައުދީއިން ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސީރިއާގެ ދާހިލީ ހަނގުރާމައިގައި ސައުދީއިން ތާއީދުކުރީ އިދިކޮޅު ފަރާތްތަކަށެވެ. ސީރިއާގެ ދިމިޝްކުގައި ހުންނަ ސައުދީ އެމްބަސީ ބަންދުކޮށް، ގުޅުން ކަނޑާލީ 2012 ގަ އެވެ.

އެހެން ނަމަވެސް، އިރާނާއި ސައުދީން އަލުން ގުޅުން ގާއިމްކުރަަން ނިންމުމާ އެކު ސީރިއާއާ އެކު ސުލްހަވުމުގެ މަޝްވަރާތައް ހަލުވިވެގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިރާނަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ އެންމެ ގުޅުން ބޮޑު އެއް ގައުމެވެ.

ރޮއިޓާޒް ނޫހުން ބުނީ ސީރިއާ އާއި ސައުދީން މިހާރު ނިންމާފައި ވަނީ އެމްބަސީތައް އަލުން ހުޅުވުމަށް ކަމަށެވެ. އެގޮތުން ފިތުރު އީދަށް ފަހު އެޕްރީލް މަހުގެ ތެރޭގައި ރަސްމީކޮށް އެމްބަސީތައް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް ލަފާކުރެވެ އެވެ.

ސައުދީގެ ނިންމުމާ އެކު ޔޫއޭއީއިން ވެސް ވިސްނަނީ ސީރިއާއާ އެކު ގުޅުން ބަދަަހި ކުރުމަށެވެ. އަދި މީގެ ކުރިން ބައްޝާރުލް އަސަދާ ދެކޮޅަށް ހުންނެވި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން މިހާރު ބޭނުން ވަނީ އަސަދްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށެވެ.

އިރާނުގެ އިތުރުން ސީރިއާގެ ސަރުކާރާ އެންމެ ބޮޑު ގުޅުމެއް އޮންނަނީ ރަޝިއާއިންނެވެ. ރިޕޯޓުތައް ބުނާ ގޮތުން އަރަބި ގައުމުތަކާއި ސީރިއާގެ ގުޅުން ގާއިމްކުރަން މެދުވެރިވަނީ ރަޝިއާ އެވެ. އެ މައްސަލައިގައި އެމެރިކާއިން ހިތްހަމަނުޖެހެ އެވެ. އަދި އިޒްރޭލާއި އެމެރިކާއިން ދަނީ ޓެރަރިސްޓުން ހުއްޓުވަން ކަމަށް ބުނެ ދޭތެރެ ދޭތެރެއިން ސީރިއާއަށް ހަމަލާދެމުންނެވެ.

ހުރިހާ ދެރައެއް އެމެރިކާ އާއި އިޒްރޭލަށް

މެދުއިރުމަތީގައި އިޒްރޭލާއި އަރަބި ގައުމުތަކަކާ އެކު ސުލްހަ ގެނައުމަށް އެމެރިކާ މެދުވެރިވެ ހެދި އަބްރަހަމް އެކޯޑްސް އެއްބަސްވުންތަކުގައި ސޮއިކުރީ ޔޫއޭއީ، ބަހްރެއިން، ސޫދާން އަދި މޮރޮކޯ އެވެ. އިރާނާ ދެކޮޅު ކޯލިޝަނެއް ހެދުމުގެ ނިޔަތުގައި ފެށި އެ އެއްބަސްވުމުގެ މާ ބޮޑު ބުރަދަނެއް މިހާރަކު ނެތެވެ.

މިހާތަނަށް މެދުއިރުމަތީގެ ކަންކަން ކޮންޓްރޯލް ކުރަމުން ދިޔައީ އެމެރިކާއިންނެވެ. އެކަމަކު އެމެރިކާއިން ވާ ވައުދުތައް ފުއްދުމުގައި އަމަލުކުރަމުންދާ ގޮތާ މެދު ގައުމުތަކުން ހިތްހަމަނުޖެހެ އެވެ. އެހެންވެ، އެމެރިކާ ނޫން "ޗޮއިސް" ހޯދައި، އެ މަގުން ކުރިއަށް ދާން ގައުމުތަކުން ތިބީ ބޭނުންވެފަ އެވެ.

"އެކުވެރިން" ކަމަށް ބުނަމުން އައި އަރަބި ގައުމުތަކާ މެދު އެމެރިކާއިން ދިޔައީ ތަކުރާރުކޮށް އިހުމާލުވަމުންނެވެ. މެދުއިރުމަތީގައި "ބެލެންސް" ގެންގުޅޭ ކަމަށް ދައްކަން އެމެރިކާއިން ކުރި މަސައްކަތުގެ ފައިދާއެއް މިހާރަކު ނުކުރެ އެވެ. އަފްގާނިސްތާނާއި ސީރިއާގައި އެމެރިކާއިން ހަނގުރާމައިގައި އުޅުމަށް ފަހު ކުއްލި ގޮތަކަށް ދާން ނިންމީ، އެ ބަޔަކާ އެ ބަޔަކު ދޫކޮށްލާފަ އެވެ. ޑިމޮކްރަސީ ގެނައުމުގެ ނަމުގައި މުޅި ސަރަހައްދު ސުންނާފަތިކޮށްފަ އެވެ.

އެމެރިކާއާ މެދު އިތުބާރު ގެއްލިފައިވާ ދެ ސަބަބަކީ އެއީ އެވެ. އެކަމަކު އަރަބި ގައުމުތަކުން އެންމެ ބޮޑަށް ނުތަނަވަސްވާ މައްސަލައަކީ މެދުއިރުމަތީގެ އެހެން ގައުމުތަކާއި އިޒްރޭލާ މެދު އެމެރިކާއިން އަމަލުކުރާ ގޮތް ތަފާތުވުމެވެ. ކޮންމެ ހާލަތެއްގައި ވެސް އިޒްރޭލަކީ އެމެރިކާގެ "ބެސްޓު ފްރެންޑެވެ."

އަރަބި ގައުމުތަކުން އެމެރިކާއާ މެދު ދެކޭ ގޮތް ބަދަލުވެ އުފެދިފައި އޮތް ހުސްކަމުގެ ފައިދާ ނެގީ ޗައިނާ އާއި ރަޝިއާއިންނެވެ. ކުރިން އެމެރިކާއަށް ވަފާތެރި ގައުމުތަކުން ވެސް ފުރަގަދަސްދީ، އާ ގުޅުންތައް ފައްޓައިފި އެވެ. މިއީ ޒަމާންތަކެއް ވަންދެން މެދުއިރުމައްޗަށް ނުފޫޒު ފޯރުވި އެމެރިކާއަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށް ވެދާނެ އެވެ.

ފާތިމަތު ސާޔާ އަހުމަދު

ސީނިއާ ޖާނަލިސްޓް

ފާތިމަތު ސާޔާ އަހުމަދަކީ ނޫސްވެރިކަމުގައި 10 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ މީޑިއާތަކުގެ އިނގިރޭސި އެޑިޝަން އާއި ފޮރިން ޑެސްކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޕީއެސްއެމް" އާއި "މޯލްޑިވްސް އިންޑިޕެންޑެންޓް" އަދި "ސީއެންއެމް" ހިމެނެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox