ދިވެހިން ހިންގާ އެސްއެމްއީތަކާއި ފަތުރުވެރިކަމުގެ ސިނާތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، އޭޝިއަން ޑިވެލޮޕްމަންޓު ބޭންކު (އޭޑީބީ) އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 41 މިލިއަން ޑޮލަރު ފައިނޭންސް ޕެކޭޖެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި ޕެކޭޖުގެ ތެރޭގައި ހިމެނެނީ އޭޑީބީއިން ދޭ 13 މިލިއަން ޑޮލަރުގެ ލޯނަކާއި، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަނުން ދޭ 13 މިލިއަން ޑޮލަރުގެ ލޯނަކާއި، އޮސްޓްރިއާގެ ޑިވެލޮޕްމަންޓު ބޭންކުން ދޭ ފަސް މިލިއަން ޑޮލަރުގެ ލޯނެކެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އޭޑީބީގެ ޕްރައިވެޓު ސެކްޓާ އޮޕަރޭޝަންސްގެ ޖެނެރަލް ޑިރެކްޓަރު ސުޒެން ގަބޫރީ ވިދާޅުވީ، ބީއެމްއެލް އާއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ކޮންމެހެން އެހީ ބޭނުންވެފައިވާ ފަތުރުވެރިކަމުގެ ދާއިރާއަށާއި ކުދި އަދި މެތު ފަންތީގެ ވިޔަފާރިތަކަށް، ވަކިން ހާއްސަކޮށް އަންހެނުން ހިންގާ ވިޔަފާރިތަކަށް އެހީ ލިބިގެންދާނެ ކަމަށެވެ.
މި ޕެކޭޖުގެ 60 އިންސައްތަ އެހީ ލިބިގެންދާނީ އެސްއެމްއީ ތަކަށެވެ. އޭގެ ތެރެއިން ފަސް އިންސައްތަ ހާއްސަކުރެވިފައިވަނީ އަންހެނުން ހިންގާ ނުވަަތަ އަމިއްލަކުރާ ވިޔަފާރިތަކަށެވެ.
މި ޕެކޭޖާ ބެހޭގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމަކް ވިދާޅުވީ، ބީއެމްއެލް އިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުން ގެންދާނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި އިގުތިސާދީ ކުރިއެރުމަށް އެހީވުމަށް ކަމަށެވެ. އަދި، މި ޕެކޭޖުގެ ސަބަބުން އެ މަސައްކަތަށް އިތުރު އެހީއެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.










