މިދިޔަ އަހަރު ނިމުނު އިރު އޭގެ ކުރީ އަހަރަށް ވުރެ އަންހެން ފަނޑިޔާރުންގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
ޖޭއެސްސީގެ އަހަރީ ރިޕޯޓުގައި ދައްކާ ގޮތުން މިދިޔަ 2022 ވަަނަ އަހަރު ނިމުނު އިރު ޖުމުލަ 170 ފަނޑިޔާރުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 147 ފިރިހެން ފަނޑިޔާރުންނާއި 23 އަންހެން ފަނޑިޔާރުންނެވެ.
"2021 ވަނަ އަހަރާއި އަޅާ ބަލާއިރު އަންހެން ފަނޑިޔާރުންގެ ނިސްބަތް ވަނީ 2.7 ޕަސެންޓަށް އިތުރުކުރެވިފަ އެވެ." ޖޭއެސްސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
މިދިޔަ އަހަރު ތެރޭ ނުވަ ފަނޑިޔާރަކު އައްޔަންކޮށްފައިވެ އެވެ. އޭގެ ތެރެއިން ފަސް ފަނޑިޔާރުންނަކީ އަަންހެން ފަނޑިޔާރުންނެވެ. އޭގެ ތެރޭގައި ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު ދީބަނާޒު ފަހުމީގެ އިތުރަށް ސިވިލް ކޯޓަށް އައްޔަންކުރި ފަނޑިޔާރު ޒުލައިހާ ޝީޒާ ހިމެނެ އެވެ.
ހައި ކޯޓާއި ސުޕްރީމް ކޯޓުގައި މައްސަލަތައް ބަލަން ފަނޑިޔާރުންގެ ބެންޗު އެކުލަވާލާއިރު، ފުރަތަމަ ފަހަރަށް މުޅީން އަންހެން ފަނޑިޔާރުން ތިއްބަވާ ބެންޗަކުން މައްސަލައެއް ބަލަން ފެށީ ވެސް މިދިޔަ އަހަރު އެވެ. އެއީ ހައި ކޯޓުގައި އޮތް މައްސަލައެއްގައި އެ ކޯޓުގައި މިހާރު ތިއްބެވި ތިން އަންހެން ފަނޑިޔާރުން ބެއްލެވި މައްސަލައެކެވެ.

ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން އައްޔަންކުރީ ވެސް މި ސަރުކާރުގަ އެވެ. ސުޕްރީމް ކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންނަކީ އަންހެން ފަނޑިޔާރުންނެވެ.













