މޯލްޑިވްސް އިސްލާމިކް ބޭންކުން ފުރަތަމަ ފަހަރަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.
އެމްއައިބީގެ ޑޮލަރު އޭޓީއެމް ބަހައްޓާފައި ވަނީ އޯކިޑުމަގާއި ފާމުދޭރީ މަގު ގުޅޭ ކަންމަތީގައި ހުންނަ ފާމުދޭރީގޭގަ އެވެ.
24 ގަޑިއިރު ހިދުމަތް ލިބޭ އެ އޭޓީއެމުން އެމްއައިބީ ޑޮލަރު އެކައުންޓު ގެންގުޅޭ ކަސްޓަމަރުންނަށް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
ކޮންމެ ކަސްޓަމަރަކަށް ދުވާލަކު އޭޓީއެމް މެދުވެރިކޮށް އެންމެ ގިނަވެގެން ނެގޭނެ އަދަދަކީ 1،000 ޑޮލަރެވެ. މަހަކަށް 5،000 ޑޮލަރެވެ. ނަމަވެސް, ދުވާލަކު 12،000 ޑޮލަރު ޖަމާކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

އިސްލާމިކް ބޭންކުގެ ބައެއް މުވައްޒަފުންނާއި އިސްވެރިން އޭޓީއެމް ކުރިމަތީގައި ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ސޯޝަލް މީޑިއާ
އޭޓީއެމުން ޑޮލަރު ނެގުމަށް މިވަގުތު ބޭނުންކުރެވޭނީ ހަމައެކަނި އެމްއައިބީ ޕްލެޓިނަމް ކާޑެވެ. ނަމަވެސް، ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުން ނުވާނެ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ. އެމްއައިބީއިން އަންނަނީ ކާޑާ ނުލައި ފައިސާ ޖަމާކުރުމުގެ ހިދުމަތް އެބޭންކުގެ ރުފިޔާ އޭޓީއެމްއިންވެސް ދެމުންނެވެ.
ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތްވެސް ލިބޭ ޑޮލަރު އޭޓީއެމް ސެންޓަރެއް މިއަދު އެ ބޭންކުން ހުޅުވިއިރު، ދާދި ފަހުން އެމްއައިބީން ވަނީ ވިލިމާލޭގައިވެސް ފައިސާނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ އޭޓީއެމެއް ބަހައްޓައިފަ އެވެ.
އެ ބޭންކުގެ އޭޓީއެމްތައް ތިލަފުށި، މާލެ، ހުޅުމާލެ، އައްޑޫސިޓީ، ފުވައްމުލައްސިޓީ، ގދ. ތިނަދޫ، ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށީގައި ވެސް ހުރެ އެވެ.









