"ރާއިއުގެ ކާފަގެ ވަސިއްޔަތެއް އެއީ ރާއިއުއަކީ ދީނަށް ލޯބި ކުރާ، ގުރުއާން ހިތުދަސްކުރާ ކުއްޖަކަށް ހެދުމަށް،" އަލްހާފިޒް އަހްމަދު ރާއިއު ބަޝީރު އުފަންވުމުގެ ކުރިން އޭނަގެ ބައްޕަ ކުރި ވަސިއްޔަތެއް ހަނދާނަކޮށްލަމުން މަންމަ ނަންދާ ޒުބައިރު ކިޔައިދިނެވެ.
އުމުރުން މިހާރު 13 އަހަރުގެ ރާއިއުއަކީ، ހުނަރުން ފުރިގެންވާ ދީނަށް ލޯބިކުރާ ކުއްޖެކެވެ. ހިފްޒު އިމްތިހާނުން އެއް ވަނަ ދަރަޖައިގައި ފާސްވެ، ހާފިޒް ކަމުގެ ލަގަބު ހޯދައިފައިވާ ރާއިއު ވަނީ އޭނަގެ ކާފަގެ ވަސިއްޔަތް ފުރިހަމަކޮށްފަ އެވެ.
އެކަމަށް އެޅުނު އެންމެ ފުރަތަމަ ފިޔަވަޅަކަށް ވެގެން ދިޔައީ އެގޭ ދޮށުގައި ރާއިއުގެ ބޮޑުބޭބެ އަލީ ވަސީމް ހިންގަމުން ދިޔަ ގުރުއާން ކްލާހެވެ. ވަރަށް ހަގު އުމުރުއްސުރެ ބޮޑުބެބެއާއެކު ގުރުއާން ކްލާހުގައި އިނދެ، ރާއިއު އެންމެ ފުރަތަމަ ގުރުއާނުގެ ބައެއް ދަސްކުރީ ކުދިން ކިޔަވާ އަޑު އަހައިގެންނެވެ.
އެއަށްފަހު ގުރުއާން ކިޔަވަން ގެއަކަށް ފޮނުވައިގެން ގުރުއާން ކިޔެވުމާއި ދަސްކުރުމުގެ މަސައްކަތް ފެށި އެވެ. އެގޮތުން ރާއިއުގެ އުމުރުން 10 އަހަރު ވީއިރު އޭނާއަށް ގުރުއާނުގެ ފަހަތުކޮޅުން ފަސް ފޮތް ހިތުދަހެވެ. އެހިސާބުން އޭނާ ފޮނުވީ ޒިކުރާގައި ހިންގި ހިފްޒު ކްލާހަކަށެވެ.
ރާއިއު ވަނީ ގުރުއާން ކިޔެވުމުގެ އެކި މުބާރާތްތަކުގައި ބައިވެރިވެ ވަނަތައް ހޯދައިފަ އެވެ. ދެން އޭނާ ބައިވެރިވާން ބޭނުންވަނީ ބައިނަލްއަގްވާމީ ހިފްޒު މުބާރާތެއްގަ އެވެ. އަދި ހާސިލު ކުރަން ބޭނުން ވަނީ ހުކުރު ކުރުމުގެ ސަނަދެވެ.

"މިހާރު ބޭނުން ވަނީ ޝައުގުހުރި ކުދިންނަށް އިމާމު ކޯހެއް ހިންގަން،" ރާއިއު ދެން އެންމެ ހާސިލުކުރަން ބޭނުންވާކަން ފާހަގަކޮށްލަމުން މަންމަ ނަންދާ ބުންޏެވެ.
ގުރުއާނަށް ލޯބިކުރުމުގެ އިތުރުން ރާއިއުއަކީ ދީނީ އެހެނިހެން ކަންކަމަށް ވެސް އެހާމެ ލޯތްބާއި ޝައުގު ހުރި ކުއްޖެކެވެ. އެގޮތުން ދީނީ މައުލޫމާތުތައް ސާޗުކޮށް ހޯދާ ދެނެގަނެ، އެހެން ކުދިންނަށް ކިޔައިދީވެސް ހަދަ އެވެ.
މިއަދު ރާއިއު އެ ގެންދަނީ ފުވައްމުލަކު ތައުބާ މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދު ކުރަމުންނެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ސިއްދީގު މިސްކިތުގައި އިމާމުވެ ތަރާވީސްކޮށްފަ އެވެ. އަދި އެ ނޫނަސް އެކި މިސްކިތްތަކުގައި އެކި ނަމާދުތައް އިމާމުވެ ކޮށްފައިވެ އެވެ.
"މިއަދު ބައްޕަ [ރާއިއުގެ ކާފަ] ދުނިޔޭގައި ހުރި ނަމަ އެއީ ލިބޭނެ ވަރަށް ބޮޑު އުފަލެއް،" ނަންދާ ބުންޏެވެ.
ރާއިއުގެ ކާމިޔާބީއަށް އޭނާގެ މުޅި އާއިލާއިން ވެސް ފަހުރުވެރިވެ އެވެ. އަދި އޭނާގެ ކުރިއެރުމަށް އެހީތެރިވެދެ އެވެ. އެގޮތުން ރާއިއުގެ ބޮޑުބޭބެ އަލީ ވަސީމަކީ އޭނާއަށް ފުރުސަތުތައް ހޯދައިދިނުމުގައި ސަފުގެ އެންމެ ކުރިން ފަވާލެވޭ ނަމެކެވެ.







