މިލާން (މާޗް 27) - އިންޓަ މިލާނުގެ ނައިބު ރައީސް، އާޖެންޓީނާގެ ކުރީގެ ކެޕްޓަން، ހަވިއޭ ޒަނެޓީގެ އެހީގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހިލޭ ޓްރާންސްފާއެއްގައި އިންޓަ އަށް ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި މެސީ، 35، އާ އެކު އާ އެއްބަސްވުމެއް ހަދަން މިހާތަނަށް އެ ކްލަބުން ކުރި މަސައްކަތުގައި އަދި އޮތީ އަލިމަގެއް ނުފެނި އެވެ.
އަނެއްކޮޅުން، މެސީގެ ކެރިއަރާ ގުޅިފައިވާ ހާއްސަ ކްލަބް، ބާސެލޯނާ އަށް އަލުން ބަދަލުވާން އޭނާ ބޭނުންވި ކަމުގައި ވިޔަސް، ބާސެލޯނާ އަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން މެސީ އަށް އަލުން އެ ޓީމާ ގުޅެވޭނެ މަގެއް ފެންނަން ނެތެވެ.
މެސީގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާގައި ގިނަ ވާހަކަަތަކެއް ދެކެވޭއިރު، ޕީއެސްޖީގެ ބައެއް ސަޕޯޓަރުން އެ ކްލަބްގެ ދަނޑުގައި މެސީއާ ދެކޮޅަށް ޝުއޫރުފާޅުކުރާ މައްސަލައިގައި އޭނާ އެ ކްލަބް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރައިފަ އެވެ.
އެކަމަކު، އެންމެ ފަހުން ދެކުނު އެމެރިކާ އާއި އިޓަލީގެ މީޑިއާގައި ދެކެވުނު ވާހަކަ އަކީ މެސީ ގެންދެވޭނެ ފުރުސަތެއް އޮތްތޯ އިންޓަ މިލާނުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ގޮތުން، މި މަސައްކަތުގައި އިންޓަ އިން އެ ކްލަބްގެ ނައިބު ރައީސް ޒަނެޓީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި މެސީއާ އެކު އާޖެންޓީނާ ޓީމަށް ކުޅެފައިވާ ޒަނެޓީ އަށް އެކަން ކުރެވޭތޯ މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މީގެ ބައްދަލުވުންތަކެއް ކުރިއަށްދާނެ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
މެސީގެ ސޮއި ހޯދަން ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ބައެއް ކްލަބްތަކުން ވެސް އަންނަނީ އޭނާގެ ބައްޕައާ އެކު ވާހަކަ ދައްކަމުންނެވެ.












