ޓައިވާންގެ އެކުވެރި ގައުމެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތް ދެކުނު އެމެރިކާ ބައްރުގެ ހޮންޑިޔުރަސްއިން ޗައިނާއާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފި އެވެ.
"ޗައިނާ އާއި ހޮންޑިޔުރަސްއިން ދާދި ދެންމެއަކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފި،" ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ޓްވީޓް ކުރެއްވި އެވެ.
ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. ބާރުގެ ބޭނުންކޮށްގެން ނަމަވެސް ޗައިނާގެ ބަޔެއްގެ ގޮތުގައި ޓައިވާން ބާއްވާނެ ކަމަށް އެ ގައުމުން ބުނެ އެވެ.
އެހެން ނަމަވެސް ޓައިވާނުގެ ވެރިން ދެކޭ ގޮތުގައި އެއީ މިނިވަން، އިސްތިގްލާލް ގައުމެކެވެ. ޓައިވާނުގައި ޗައިނާއާ ވަކި ސަރުކާރެއް ހަދައިގެން އުޅެން ފެށީ 1950 ގެ އަހަރުތަކުގައި ޗައިނާގެ ދާހިލީ ހަނގުރާމައިގެ ތެރެއިންނެވެ.
މިހާރު ޓައިވާނުގައި އޮންނަނީ ޑިމޮކްރެޓިކް އުސޫލުން އިންތިހާބު ކުރާ ސަރުކާރެކެވެ. ޓައިވާނުގެ އެންމެ ބޮޑު ބައިވެރިއަކީ އެމެރިކާ އެވެ. އެކަމަކު އެމެރިކާއިން ވެސް ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ބާއްވަނީ ޗައިނާއާ އެކު އެވެ.
އެހެން ނަމަވެސް ހޮންޑިޔުރަސްއަކީ ޒަމާނުއްސުރެ ޓައިވާނާ އެކު ޑިޕްލޮމެޓިކް ގުޅުން ބޭއްވި ގައުމެކެވެ. އެ ގުޅުން ކަނޑާލައި، ޗައިނާއާ އެކު ގުޅުން ގާއިމް ކުރުމުން ޓައިވާނުން ވަނީ ޗައިނާއިން ހޮންޑިޔުރަސްއަށް ޕްރެޝަރު ކުރި ކަމަށް ތުހުމަތުކޮށްފަ އެވެ.
"އަޅުގަނޑުމެންގެ ގައުމާއި ހޮންޑިޔުރަސްއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން މަގުފަހިވީ ޗައިނާއިން ކުރި ފިއްތުންތަކާއި ދެއްކި ބިރުތަކުގެ ނަތީޖާއެއްގެ ގޮތުން،" ޓައިވާނުގެ ރައީސް ސާއި އިންގް ވެންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.










