ބެލަރޫސްގައި ޓެކްޓިކަލް ނިޔުކްލިއާ ހަތިޔާރު ބަހައްޓަން ރަޝިއާއިން ނިންމާފައިވާ ކަމަށް ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވެއްޖެ އެވެ.
ޕުޓިން ވިދާޅުވީ އެއީ ނިޔުކްލިއާ ހަތިޔާރު މަދުކުރުމާ ބެހޭ އެއްބަސްވުންތަކާ ހިލާފު ނިންމުމެއް ނޫން ކަމަށާއި އެއީ އެމެރިކާއިން ޔޫރަޕްގެ ގައުމުތަކުގައި ނިޔުކްލިއާ ހަތިޔާރު ބެހެއްޓުމާ އެއްފަދަ ކަމެއް ކަމަށެވެ.
ބެލަރޫސްގައި ނިޔުކްލިއާ ހަތިޔާރު ބެހެއްޓި ނަމަވެސް އެ ތަކެތީގެ ކޮންޓްރޯލް ރަޝިއާއިން ބެލަރޫސްއާ ހަވާލެއް ނުކުރާނެ އެވެ.
އެމެރިކާއިން ބުނީ ބެލަރޫސްގައި ނިޔުކްލިއާ ހަތިޔާރު ބަހައްޓަން ނިންމި ނަމަވެސް، ރަޝިއާއިން އެ ހަތިޔާރުތައް ބޭނުންކުރަން ތައްޔާރުވަމުން ނުދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ނިޔުކްލިއާ ހަތިޔާރާ ބެހޭ ވިސްނުމަށް އެއްވެސް ސްޓްރެޓެޖިކް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނުފެނޭ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާނީ ނޭޓޯ ގްރޫޕްގެ ދިފާއުގައި."
ބެލަރޫސް އާއި ޔޫކްރެއިނުން ދިގު ބޯޑަރެއް ހިއްސާކުރެ އެވެ. އޭގެ އިތުރުން ނޭޓޯގެ މެމްބަރު ޕޮލޭންޑް، ލިތުއޭނިއާ އަދި ލެޓްވިއާއާ ވެސް ބޯޑަރު ހިއްސާކުރެ އެވެ.
މިއީ 1990 ގެ އަހަރުތަކަށް ފަހު ރަޝިއާއިން އަމިއްލަ ފަސްގަނޑުން ބޭރުގައި ނިޔުކްލިއާ ހަތިޔާރު ބަހައްޓަން ނިންމި ފުރަތަމަ ފަހަރެވެ. ބެލަރޫސްގައި އޮންނަނީ ރަޝިއާއަށް ތާއީދުކުރާ ސަރުކާރެކެވެ.










