އެސްޓީއޯގައި ހުސައިން އަމްރު އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އޮފީހުން ފޮނުވައިފި އެވެ.
"އަދަދު" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ އަމްރު އެސްޓީއޯގެ ބޯޑު ޑިރެކްޓަރު ކަމުންނާއި އެ ކުންފުނީގައި އޭނާ އަދާކުރަމުންދާ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯ ކަމުން ވަކި ކުރުމަށް ފޮނުވާފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު" ނޫހަށް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި، އަމްރު މަގާމުން ވަކިކޮށްފައިވަނީ އެފަދަ ބަދަލެއްގެ ތެރެއިން ކަމަށެވެ.
މިކަމާ ގުޅޭގޮތުން އަމްރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ފޯނަށް ޖަވާބު ނުދޭތީ ކާމިޔާބު ވެފައެއް ނުވެ އެވެ.
އެސްޓީއޯގައި އަމްރު އަދާކުރައްވަމުން ގެންދެވި މަގާމުތަކުން ވަކިކުރަން ޕީސީބީއަށް ރައީސް އޮފީހުން ފޮނުވިއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ތާއީދުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވާދަކުރެއްވި ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވި ނަމަވެސް ނަޝީދާއި އެމަނިކުފާނުގެ ޓީމު ރައީސް ސޯލިހަށް ތާއީދުކުރަން ނުނިންމަ އެވެ. އޭގެ ބަދަލުގައި ގެންދަވަނީ ''ފިކުރެއްގެ ދިރުން'' ނަމުގައި ވަކި ފެކްޝަނެއް އުފައްދައިގެން މަސައްކަތް ކުރައްވަމުންނެވެ.
އެގޮތުން, ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ޖުމްހޫރީ ޕާޓީއާއި ''ފިކުރެއްގެ ދިރުން'' ގުޅިގެން މެނިފެސްޓޯއެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އަދި، އެ މަޝްވަރާއަށް ޖޭޕީގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނަޝީދު ފޮނުވި އެއް މަންދޫބަކީ ވެސް އަމްރެވެ.
އަމްރުއަކީ އެމްޑީޕީގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސްކަން ވެސް ފުރުއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އޭގެ އިތުރުން، އެމްޑީޕީގެ ޕޮލިސިީ ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީގައި ވެސް އޭނާ އިންނަވަ އެވެ.












