ސިޓީއެއް ސުންނާފަތިކޮށްލެވޭހާ ބިޔަ ގިނިހިލައެއް ދުނިޔެ އާއި ހަނދާ ދެމެދުން ދަތުރުކޮށްފި އެވެ.
"2023 ޑީޒީ2" ގެ ނަން ދީފައިވާ ގިނިހިލަ ސައިންސްވެރިންނަށް ފެނުނީ މީގެ މަހެއް ކުރިންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ ގިނިހިލަ ދުނިޔެ އާއި ހަނދުގެ އޯބިޓުގެ މެދުން ލާފައި ދަތުރު ކުރީ ޖީއެމްޓީ ގަޑިން ހޮނިހިރު ދުވަހުގެ 19:49 ނުވަތަ ރާއްޖެ ގަޑިން އާދީއްތަ ދުވަހުގެ ދަންވަރު 00:49 ގަ އެވެ.
އެ ގިނިހިލައިގެ ވަށުމިނުގައި 90-40 މީޓަރުން ހުންނާނެ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އެހާ ބިޔަ ގިނިހިލައެއް ދުނިޔެއާ ގާތްވުމަކީ ވަރަށް ނާދިރު ކަމެކެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މިއީ ކޮންމެ 10 އަހަރަކުން އެއް ފަހަރު ކުރިމަތިވާނެ ފަދަ ކަމެކެވެ.
އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ބުނީ މިއީ ގިނިހިލައާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.
"ބޮޑު ސިޓީއެއް ސުންނާފަތިކުރެވޭ ވަރުގެ މި ގިނިހިލަ ދުނިޔެއަށް ވެއްޓުމުގެ އެއްވެސް ފުރުސަތެއް ނެތް. އެހެން ނަމަވެސް، ގިނިހިލަ ދުނިޔެއާ ވަރަށް ކައިރިވާނެ ކަމަށް ބެލެވޭތީ، މިއީ ދިރާސާ ކުރުމަށް ރަނުގެ ފުރުސަތެއް،" ޔޫރޮޕްގެ ޖައްވީ އިދާރާއިން ވެސް ބުންޏެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ކުޑަ ޓެލެސްކޯޕެއް ނުވަތަ ދުރުމީއަކުން ގިނިހިލަ ފެނުމުގެ ފުރުސަތު އޮތެވެ.
އަދި "ދަ ވާޗުއަލް ޓެލެސްކޯޕް ޕްރޮޖެކްޓުން" ގިނިހިލަ ދަތުރު ކުރާ މަންޒަރު ވަގުތުން ވެބްސައިޓުގައި ބްރޯޑްކާސްޓް ކުރި އެވެ.
ދުނިޔެ ކައިރިން ގިނިހިލަ ދަތުރު ކުރި އިރު، 2026 ވަނަ އަހަރު ވެސް އެ ގިނިހިލަ ދުނިޔެއާ ކައިރި ވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ނުރައްކަލެއް ނެތް ކަމަށް ސައިންސްވެރިން ބުނެ އެވެ.








