ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯންގެ އެދިވަޑައިގެންނެވުމަކަށް އިނގިރޭސި ރަސްގެފާނު ޗާލްސް އެ ގައުމަށް ކުރައްވަން ޖަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކޮށްފި އެވެ.
ފްރާންސްގެ ރިޔާސީ ގަނޑުވަރުން ބުނީ އެގޮތަށް ނިންމީ ދެ ގައުމުގެ ސަރުކާރު ގުޅިގެން ކަމަށެވެ. މި ވަގުތު ފްރާންސްގައި ދަނީ ބޮޑު މުޒާހަރާތަކެއް ކުރަމުންނެވެ.
ރަސްގެފާނު ޗާލްސްގެ ދަތުރުފުޅު ފަށަން ހަމަޖެހިފައި އޮތީ އާދީއްތަ ދުވަހު އެވެ. އެގޮތުން ޕެރިހާއި ބޫޑުއާ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި އޮތެވެ.
އެހެން ނަމަވެސް މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފްރާންސްގައި ކުރަމުންދާ މުޒާހަރާތައް ވަރަށް ބޮޑަށް ހޫނުވެ، ކޮންމެ ދުވަހަކު ވެސް ދަނީ ހަމަނުޖެހުން ހިނގަމުންނެވެ.
އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން ބުނީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރީ "ފްރާންސްގެ ހާލަތާ" ހެދި ކަމަށެވެ. އާ ތާރީހެއް ކަނޑައެޅުމުން ރަސްގެފާނު ފްރާންސަށް ވަޑައިގަންނަވާނެ އެވެ.
ފްރާންސްގެ ސަރުކާރުން ބުނީ ރައީސް މެކްރޯން ހުކުރު ދުވަހުގެ ހެނދުނު ރަސްގެފާނު ޗާލްސްއާ ފޯނުން ގުޅުއްވި ކަމަށާއި ވީ އެންމެ އަވަހަކަށް ދަތުރުފުޅު އަލުން ތާވަލުކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ..
ފްރާންސްގެ އާއްމުން ހިތްހަމަނުޖެހި މުޒާހަރާ ކުރަމުން ދަނީ ޕާލަމެންޓުގެ ވޯޓަކަށް ދިޔުމެއް ނެތި ރިޓަޔާ ކުރާ އުމުރުން 62 އަހަރުން 64 އަހަރަށް މަތިކުރަން ނިންމުމުންނެވެ.
އެ ނިންމުމާ އެކު ރިޓަޔަމަންޓް ޕެންޝަން ލިބޭނީ 64 އަހަރުން މަތީގެ މީހުންނަށެވެ. ފްރާންސްގެ ސަރުކާރުން ބުނާ ގޮތުގައި އެއީ ގެންނަން މަޖުބޫރު ބަދަލެކެވެ.
މުޒާހަރާތަކުގެ ތެރެއިން ވެރިރަށް ޕެރިހުގެ އެކި ހިސާބުތަކުގައި އަލިފާން ރޯކުރަމުންދާ އިރު، ކުނި ނަގާ މުވައްޒަފުން އިހްތިޖާޖް ކުރާތީ މާޗް ހަ ވަނަ ދުވަހުން ފެށިގެން ސިޓީގެ މަގުތައް އޮތީ ގޮނޑުވެފަ އެވެ.










