ހަނގުރާމައިގައި ސުންނާފަތިވެފައިވާ މަރިޔުޕޯލް ސިޓީއަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ކުއްލި ދަތުރުފުޅެއް ކުރައްވައިފި އެވެ.
ޔޫކްރެއިންގެ ސިޓީއެއް ނަމަވެސް، މިހާރު މަރިޔުޕޯލްގެ ކޮންޓްރޯލް އޮތީ ރަޝިއާއަށެވެ. ހަނގުރާމައިގައި އެ ސިޓީއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ރަސްމީ ވީޑިއޯއަކުން ފެންނަނީ މަރިޔުޕޯލްގެ މަގުތަކުގައި ޕުޓިން ކާރެއްގައި ދަތުރުކުރައްވާ މަންޒަރާއި ކޮންސެޓް ހޯލަކަށް ޒިޔާރަތް ކުރާ މަންޒަަރެވެ.
މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި ހަނގުރާމައިގައި ރަޝިއާއިން ކޮންޓްރޯލް ހޯދި ސަރަހައްދަކަށް ޕުޓިން ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޓަސް ނިއުސް އެޖެންސީއިން ބުނީ ޕުޓިން އެ ސިޓީއަށް ވަޑައިގެންނެވީ ހެލިކޮޕްޓަރުގައި ކަމަށާއި އެ ސިޓީގެ ބައެއް ރައްޔިތުންނާ ބައްދަލުކުރެއްވި ކަމަށެވެ.
ޕުޓިން އެ ސިޓީގައި އުޅުއްވާ ވީޑިއޯއިން އިވިގެން ދަނީ ސިޓީ އަލުން ބިނާކުރަމުންދާ ގޮތުގެ ތަފްސީލް ރަޝިއާގެ އޮފިޝަލަކު ކިޔައިދޭ އަޑެވެ.
ރަޝިއާގެ ރައީސް މަރިޔުޕޯލް ސިޓީއަށް ވަޑައިގެންފައިވާ އިރު، މިދިޔަ ހުކުރު ދުވަހު ބައިނަަލްއަގްވާމީ ކްރިމިނަލް ކޯޓު (އައިސީސީ) އިން ވަނީ އެމަނިކުފާނު ހައްޔަރު ކުރުމުގެ އަމުރެއް ނެރިފަ އެވެ.
މަރިޔުޕޯލްއަށް ވަޑައިގެންނެވުމުގެ ކުރިން ހޮނިހިރު ދުވަހު ޕުޓިން ކްރައިމިއާއަށް ވެސް ވަޑައިގެންނެވި އެވެ. ޔޫކްރެއިންގެ ސަރަހައްދެއްގެ ގޮތުގައި އޮތް ކްރައިމިއާ ރަޝިއާގެ ދަށަށް ގެންދިޔައީ 2014 ގަ އެވެ.










