ނޭޕަލްސް (މާޗު 16) - ނަޕޯލީ މިހާރު އޮތީ ޖަރުމަންގެ ބަޔާން މިއުނިކާ އެއް ފެންވަރެއްގައި ކަަމަށް ޖަރުމަންގެ އައިންޓްރަކްޓް ފްރޭންކްފާޓްގެ ކޯޗު އޮލިވާ ގްލަސްނާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގެ ދެ ވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ފްރޭންްކްފާޓް އަތުން 3-0 އިން މޮޅުވެ، ނަޕޯލީ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފައެވެ. ފުރަތަމަ ލެގުގައި ފްރޭންކްފާޓް ދަނޑުގައި 2-0 އިން މޮޅުވެ، ނަޕޯލީން އެގްރިގޭޓަށް ބަލާއިރު ކުރިހޯދީ 5-0 އިންނެވެ.
ރޭގެ މެޗަށް ފަހު ވާހަކަދައްކަމުން ގްލަސްނާ ބުނީ ނަޕޯލީ މިހާރު އޮތީ ބަޔާންއާ އެއް ފެންވަރެއްގައި ކަމަށެވެ.
"އަހަންނަކަށް ނޭނގޭ ޕްރިމިއާ ލީގުގެ ކްލަބަކާ އަޅާ ކިޔާކަށް. އެކަމަކު އަހަރެން ބުނާނީ ނަޕޯލީ މިހާރު އޮތީ ބަޔާންއާ އެއް ފެންވަރެއްގައޭ،" ގްލަސްނާ ބުންޏެވެ.
"30 އަހަރަށް ފަހު ނަޕޯލީ މި ސީޒަންގައި ލީގު ހޯދާނެ. ވަރަށް ވަރުގަދަ ޑިފެންސައިނެއް އެ ޓީމުގައި އެބައޮތް."
ކުއާޓާ ފައިނަލްގައި ނަޕޯލީ އާއި ބަޔާން ބައްދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. މުބާރާތުގެ ކުއާޓާ ފައިނަލްގެ ގުރު ނަގާނީ މާދަމާ އެވެ.
ލޫޝިއާނޯ ސްޕަލެއްޓީގެ ކޯޗުކަމުގައި ނަޕޯލީން މި ވަގުތު އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތީ 18 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ނަޕޯލީން 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބު ކުރުމުގެ ބޮޑު ފުރުސަތެއް އޮތް މި ސީޒަނުގައި އެ ޓީމުން މި ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރެއިން ފުރުސަތު ހޯދައި، އެ ކްލަބް ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާާޓާ ފައިނަލެއްގައި ވާދަކުރަން ނިންމައިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިޓަލީގެ ތިން ޓީމު ހިމެނެ އެވެ. އެއީ ނަޕޯލީގެ އިތުރުން މިލާނުގެ ދެ ޓީމު ކަމަށްވާ އޭސީ މިލާނާއި އިންޓަ މިލާންއާ އެެވެ. މިއީ، 2005-2006 ވަނަ އަހަރުގެ ސީޒަނުގެ ފަހުން، ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި އިޓަލީގެ ތިން ޓީމެއް ހިމެނުނު ފުރަތަމަ ފަހަރެވެ.
އޭގެ އިތުރުން ގަދަ އަށް ޓީމުގެ ތެރޭގައި އިޓަލީ އަށް ނިސްބަތްވާ ހަތަރު ކޯޗުން އެބަތިބި އެވެ. އެއީ ނަޕޯލީގެ ކޯޗު ސްޕަލެއްޓީ، ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ، އިންޓަގެ ކޯޗު ސިމޯން އިންޒާގީ އަދި މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ އެވެ.












