ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުން: "ކުރިއަށް ދެން އޮތީ މާ ފަހި ދުވަސްތަކެއް"

Mar 15, 2023, 5:30 PM
ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެއާޕޯޓާއެކު ފަރެސްމާތޮޑާ އަށް މިހާރު ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ކުރިއަށް ދެން އޮތީ މާ ފަހި ދުވަސްތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް އެ އެއާޕޯޓުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެއާޕޯޓުން ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަކަމެއް ނޫން ކަމަށާއި އިގުތިސޯދީ އެތައް މަންފާއެއް ލިބޭނެ ކަމަށެވެ. އަދި ކައިރީގައި ހުރި އެހެން ރައްތަކަށް ވެސް ފައިދާ ލިބޭނެ ކަމަށެވެ.

"އެ ރަށްތަކަށް އިޖްތިމާއީ ހަމަޖެހުން އަންނާނެ. މިހާރުވެސް މިރަށުގެ ޒުވާނުން އެއާޕޯޓްގައި އަދާކުރާ ވަޒީފާތަކާއެކު، އިގުތިސޯދަށް އެތައް މަންފާއެއް އަންނަނީ ލިބެމުން. މި ވައިގެ ބަނދަރާއި މިތަނާ އެކުގައި ދެން ގާއިމުކުރި އެހެން ވަސީލަތްތަކުގެ ސަބަބުން އުފެދިގެން އެދިޔައީ، ކުރިން ނެތް އެތައް ވަޒީފާއެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"މި އުންމީދު ހާސިލުވުމާއެކު، ކުރިއަށް ދެން އޮތީ އަދި މާ ފަހި ދުވަސްތަކެއް. މިރަށާއި ކައިރި ރަށްތަކާ ދެމެދު ލޯންޗު ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ. މިރަށުގައި އެންމެ އަވަހަށް ފުޅާވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ ޓެކްސީގެ ހިދުމަތް. ހޮޓާ ރެސްޓޯރަންޓުގެ ވިޔަފާރި އާއި އެނޫން ވިޔަފާރިތަކަށްވެސް މި ހުޅުވުނީ ވަރަށް ތަނަވަސް ދޮރެއް. މިހިރީ މި ވައިގެ ބަނދަރުގެ ސަބަބުން، ނުސީދާ ގޮތެއްގައި އުފެދޭ އިޤްތިޞާދީ ޙަރަކާތްތަކާއި އިތުރު ވަޒީފާތަކާއި އާމްދަނީ ހޯދޭނެ އިތުރު މަގުތައް."

މިއީ ހުވަދު އަތޮޅުގައި ހުޅުވޭ ހަތަރު ވަނަ އެއާޕޯޓުކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މި އެއާޕޯޓަކީ ފަރެސްމާތޮޑާގެ އިތުރުން، ވާދޫ، ފިޔޯރީ، ރަތަފަންދޫ އަދި ނަޑައްލާގެ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރަށް ގެނެސްދިން ވަރަށް ފޮނި ނިމުމެއް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ފަރެސްމާތޮޑާއާ ދެމެދު 1 ގަޑިއިރާއި 15 މިނެޓަށް ކައިރިކުރެވިފައި ކަމަށާއި "ދެން އޮތީ މި ސަރަހައްދުގެ ރައްޔިތުންގެ ހިތްވަރާއި ޒުވާނުންގެ ފަންވަރު،" ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ގެސްޓް ހައުސް ވިޔަފާރިއަށް ވަނުމުގެ އުންމީދުގައި، މި ސަރަޙައްދުގެ ރަށްތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ، މިހާރު މިއޮތީ ފުރުސަތު ހުޅުވިފައޭ. ލަސްނުކުރައްވާށޭ އަވަހަށް ފައްޓަވާށޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފަރެސްމާތޮޑާގެ އެއާޕޯޓާ އެކު މި ރަށަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރު ވެސް އަތުވެއްޖެކަން ފާހަގަ ކުރެއްވުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ އެންމެ ހެޔޮ ބަދަލެއް އައީ ކަރަންޓަށް ކަމަށެވެ. އެއާޕޯޓާއެކު ފަރެސްމާތޮޑާގެ ކަރަންޓު އެއް ވިއުގައަކަށް ވަނީ ބަދަލުކޮށްފަ އެވެ. ނަރުދަމާގެ މަސައްކަތް ވެސް މިހާރު މިސްރާބު ޖަހާފައި އެހުރީ ނިންމާ ރޮނގާ ހަމައަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ފަރެސްމާތޮޑާއަށް ދެން އަންނާނެ އެއް ބަދަލަކީ، އެއާޕޯޓާ ގުޅުވައިދޭ ދާއިމީ ކޯޒްވޭ ކަމަށާއި އެ މަސައްކަތް ނިމުމާއެކު، ބަނދަރު ސަރަހައްދުން އެއާޕޯޓަށް ގެންގޮސްދޭނެ ތާރުމަގުގެ މަސައްކަތް ވެސް މާލަސްތަކެއް ނުވެ ފެށިގެން ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެެވެ.

"މި އެއާޕޯޓްގެ ލުއިފަސޭހަކަން ފުރިހަމައަށް ލިބެން ފަށާނީ އޭރުން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ތައުރީފު އެއާޕޯޓުގެ ފަރުމާއަށް

އޮޑިހަރުގެއެއްގެ ޒަމާނީ ފަރުމާއަށް ތަރައްގީކޮށްފައިވާ ޓާމިނަލާއެކު ތަރައްގީކުރި މި އެއާޕޯޓުގެ ފުރިހަމަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓަކީ ގިނަ ތަފާތުތަކެއް ހުރި އެއާޕޯޓެއް ކަމަށެވެ.

"މިތަނުން ދަތުރުވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ. ފުރާ މީހުން ބޯޓަށް އަރާ މަންޒަރު ފެނުމަކީ އާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިތަނުގެ ޓާމިނަލް އިމާރާތް ތިމާވެއްޓާ ވަރަށް ރައްޓެހި. ދުވާލުގެ ވަގުތުގައި ގުދުރަތީ އަލިކަން ލިބޭ ގޮތަށް ހުރުމުން، ކަރަންޓުގެ ހަރަދު ވަރަށް ކުޑަވާނެ. އިމާރާތުގެ މެދުގައި ހުރި ބަގީޗާއާއި މި ތަނުގެ ވައި ދައުރުވާ ނިޒާމުން، ދަތުރުވެރިންނަށް ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިދޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 145 މިލިއަން ރުފިޔާ ހޭދަވި މި މަޝްރޫއު ސަރުކާރުން އިއުލާންކޮށް ފެށީ 2020 ގަ އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން މަސައްކަތް ފެށީ އެއް އަހަރާއި އަށް މަހުން މަސައްކަތް ނިންމުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ދިމާވި ދަތިތަކުގެ ސަބަބުން މަސައްކަތް ލަސްވި އެވެ. މިއީ 1،200 މީޓަރުގެ ރަންވޭއެއް އޮތް އެއާޕޯޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox