ސަރުކާރުގައި ދެ ކެނޑިޑޭޓުން ތިބެން ދަތިވާނެ، ޖޭޕީ ކޯލިޝަނުން ބޭރުކުރަން މަޝްވަރާކުރާނެ

ރައީސް ސޯލިހު (ކ) މީގެ ކުރިން ޖޭޕީ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު (ކ) މީގެ ކުރިން ޖޭޕީ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވަނީ. -ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ނިންމުމާ ގުޅިގެން، ދެން ކަންތައް ކުރާނެ ގޮތަކާމެދު މަޝްވަރާކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޖޭޕީން ވަކިން ވާދަކުރަން ނިންމާފައިވާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. މި ގޮތަށް ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.

އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު" އަށް މިއަދު ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން އެކުލަވާލަން މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައިވާއިރު، އެއަށް ޖުމްހޫރީ ޕާޓީއިން އަދި ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީއިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނަމަ، ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް ވަޑައިގަތުމަށް ދަތިވާނެ،" ކޯލިޝަނުން ޖޭޕީ ބޭރުކުރުމަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން މިއުވާން ވިދާޅުވި އެވެ.

އެފަދަ ހާލަތެއްގައި މިއުވާން ވިދާޅުވި ގޮތުގައި، ދެން ކަންތައް ކުރައްވާނެ ގޮތަކާ މެދު ރައީސް ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި ގާސިމްއާ އެކު މަޝްވަރާކުރައްވާނެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ޖުމްހޫރީ ޕާޓީ ހިމެނޭއިރު، ވަޒީރުންގެ މަޖިލީހުގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކުގައި ޖޭޕީއަށް ނިސްބަތްވާ ބޭފުޅުން އެބަތިއްބެވި އެވެ.

އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމުން، ކޯލިޝަނުން ޖޭޕީ ބޭރުކޮށް، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުން މަގާމުން ވަކި ކުރުމަށް އެމްޑީޕީގެ ތެރެއިން ވަނީ ގޮވާލަން ފަށައިފަ އެވެ.

އެކަމަކު އެކަމާމެދު ސީދާ ވަކި އެއްޗެއް މިއުވާން ވިދާޅުނުވެ އެވެ.

ދެން ވާނީ ކިހިނެއް؟

ޖުމްހޫރީ ޕާޓީގެ އެ ނިންމުމަށް އެންމެ ބޮޑަށް އުފާފާޅު ކުރަމުންދަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމުން، ނަޝީދު ގެންދަވަނީ ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

އަދި އެކަމަށްޓަކައި، ރިޔާސީ އިންތިހާބުގައި ގާސިމަށް ތާއީދުކޮށްގެން ނަޝީދު ހުންނަވާނެ ކަމުގެ އިޝާރާތްތައް އެކި ފަހަރު މަތިން ވަނީ ދެއްވައިފަ އެވެ.

މިހާތަނަށް ރައީސްއާ އެކު ކޯލިޝަން ހަދަން އެއްބަސްވެފައިވަނީ އަދާލަތު ޕާޓީގެ އިތުރުން ވިޔަފާރިވެރިޔާ އަހްމަދު ސިޔާމްގެ މޯލްޑިވްސް ޑެވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox