މެންޗެސްޓާ (މާޗް 14) - މެންޗެސްޓާ ސިޓީގައި ހުރެ ކިތަންމެ ގިނަ ކާމިޔާބެއް ހޯދި ކަމުގައި ވިޔަސް ޗެމްޕިއަންސް ލީގެއް ނުލިބޭ ކަމަށް ވާނަމަ ފާޑުކިޔުން އަމާޒުވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކުރިން ކޯޗުކޮށްދިން ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ފަހުން، މިވީ ހަތް ވަރަކަށް އަހަރު ތެރޭ އެ ޓީމުން ވަނީ ނުވަ ޓްރޮފީ ހޯދައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުން ވެސް ހިމެނެ އެވެ. ސިޓީ ގޮވައިގެން ގާޑިއޯލާ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ޗެލްސީ އަތުން ބަލިވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގާ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ވަނީ އެ ޓީމަށް ޗެމްޕިއަންސް ލީގު މުހިންމުވާ ސަބަބުތައް ކިޔައިދީފަ އެވެ.
"މިއީ އަހަރެން އެއްބަސްނުވިޔަސް އެކަން ހިނގާނެ ގޮތް، ސިޓީގައި އަހަރެން ކިތަންމެ ކަމެއް ހާސިލްކުރިޔަސް މީގެ ސަމާލުކަން އަންނާނެ ކަމަކީ ޗެމްޕިއަންސް ލީގު ކާމިޔާބުވިތޯ ނުވަތަ ނޫންތޯ، އެހެންވީމަ، ސިޓީއާ އެކު ކޮންމެހެނެއް ވެސް ޗެމްޕިއަންސް ލީގެއް ހޯދުން މުހިންމު،" ބާސެލޯނާއާ އެކު 2009 އާއި 2011 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރި ގާޑިއޯލާ ބުންޏެވެ.
"ފުރަތަމަ ދުވަހު ސިޓީ ކޯޗެއްގެ ގޮތުގައި އަހަރެން މީޑިއާއާ ކުރިމަތިލި ދުވަހު ވެސް އަމާޒުވި އެއް ސުވާލަކީ، ޗެމްޕިއަންސް ލީގުގެ ވާހަކަ، އެހެންވީމަ، މި ގޮޑީގައި އިންނައިރު، އެ ސުވާލު ތަކުރާރުވާނެކަން އެނގެން ޖެހޭ،"
ގާޑިއޯލާގެ ވާހަކައާ އެ ޓީމުގެ ޕްލޭމޭކަރު، ކެވިން ޑި ބްރޭނާ މުޅިއެއްކޮށް އެއްބަހެއް ނުވެ އެވެ. ޑި ބްރޭނާ ބުނީ މި ފަހުން ކޮންމެ އަހަރެއްގައި ކަހަލަ ގޮތަކަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލުގައި ސިޓީ ވާދަކުރާ ކަމަށާއި މިއީ ވެސް ކްލަބެއްގެ ލެވަލުން ބަލާއިރު، ދަށް ކަމެއް ނޫން ކަމަށެެވެ.
"ބޭރުން އެ ހުންނަ ޕްރެޝަރުތައް އަބަދުވެސް އޮންނާނެ، އެކަމަކު، އަހަރެމެން ޖެހޭނީ ކޮންމެ އަހަރަކު ވެސް މި ކުރާ މަސައްކަތް ކުރަން. ކާމިޔާބުވާނެ ކަމުގެ އުންމީދުގައި ދޫނުދީ ކުރިއަށްދިއުން އޮތީ،" ޑި ބްރޭނާ ބުންޏެވެ.
ލައިޕްޒިގު ދަނޑުގައި އެ ޓީމާއި ސިޓީއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، މިރޭ ސިޓީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް އެ ޓީމަކަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.












