ބިލްބާއޯ (މާޗް 13) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރަފީނިއާ ޖެހި ހަމައެކަނި ގޯލުން، އެތުލެޓިކް ބިލްބާއޯ ދަނޑުގައި 1-0 އިން އެ ޓީމު އަތުން މޮޅުވެ، ބާސެލޯނާ އިން ލީގުގެ އެއް ވަނަ މަގާމުގައި ހަމަޖެހިލައިފި އެވެ.
މި މޮޅާ އެކު ބާސެލޯނާ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އަންނަ ހަފްތާގައި ލީގުގެ އެއް ވަނަ، ބާސެލޯނާ އާއި ދެ ވަަނަ ރެއާލް މެޑްރިޑް ކުޅޭ އެލް ކްލަސިކޯ މެޗު އޮންނާނެ އެވެ. އޭގެ ކުރިން ބާސެލޯނާ ކުރީގައި މި އޮތީ ރަނގަޅު ލީޑެއްގަ އެވެ. ބާސެލޯނާ އަށް 25 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 25 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގެ 16 ވަނަ މިނިޓްގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތުގައި ރަނގަޅަށް ބޯޅަ ފޮނުވާނުލެވި، ބިލްބާއޯގެ ކީޕަރު، ޖުލެން އަގިރެއްޒަބަލާ ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ އަތަށް ނަގައިފަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ބިލްބާއޯ އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، ކޯނަރެއްގައި ހުރަސްވި ބޯޅައަކުން، ރައުލް ގާސިއާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރަފީނިއާ އެވެ. މިއީ ބާސެލޯނާގެ ކެޕްޓަން، ސާޖީ ބުސްކެޓްސް އޭރިއާތެރެއިން ރަފީނިއާ އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭނާ ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ، ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތެއްގައި އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން، ދެ ވަނަ ހާފުގައި ރަނގަޅަށް ކުޅުނީ ބިލްބާއޯ އިންނެވެ.
ނަތީޖާ ހަމަހަމަ ކުރަން ކުރި މަސައްކަތުގައި ބިލްބާއޯގެ އަލެކްސް ބެރެންގުއާ އޭރިއާތެރެއަށް ވަދެ، ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ބިލްބާއޯގެ އިކާ މުނިއައީން އާއި ބެރެންގުއާ ޖެހި ބޯޅަތައް ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 87 ވަނަ މިނިޓްގައި ބިލްބާއޯގެ އިނާކީ ވިލިއަމްސް ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެ އެޓޭކް ފެށިއިރު، އެ ޓީމުގެ މުނިއައީން އަތުގައި ބޯޅަ ޖެހިފައި ވާތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި، ރެފްރީ ނިންމީ ގޯލު ބަލައިގަނެވެން ނެތް ކަމަށެވެ.
އޭގެ ފަހުން، މެޗުގެ އިތުރު ވަގުތުގައި ބިލްބާއޯ އިން ފުލުފުލުގައި ފޮނުވާލި ހަމަލާތައް ބާސެލޯނާ އިން ވަނީ ހުއްޓުވައި، ލީގުގެ ރޭހުގައި މުހިންމު ތިން ޕޮއިންޓް ހޯދައިފަ އެވެ.












