އެސޯސިއޭޝަން ތަކުން ސްޕޯޓްސް އެވޯޑު ބަލައިގެންފި، ކުރެވުނު މަސައްކަތާ މެދު އިތުބާރު އެބައޮތް

Mar 13, 2023, 5:49 AM
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޖަޖިން ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޖަޖިން ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ވަނަތައް ހޮވުމަށް މިދިޔަ ދޮޅު މަހެއްހާ ދުވަސްތެރޭގައި ޖަޖިން ކޮމިޓީ އިން 150 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަކުރެވިފައިވާނެ ކަމަށާއި، އެވޯޑުގެ އިންސާފުވެރި ކަމާމެދު ކޮމިޓީގެ ހުރިހާ މެމްބަރުންގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ސްޕޯޓްސް އެވޯޑު ކޮމިޓީން ހާމަކޮށްފި އެވެ.

އަންނަ ބުރާސްފަތި ދުވަހު އޮންނަ މޯލްޑިވްސް ސްޕޯޓްސް އަކީ ކުޅިވަރު ކުޅުންތެރިންނާއި، ކުޅިވަރުގެ އެކި ދާއިރާތަކުގެ މީހުންގެ އަގުވަޒަންކުރުމުގެ ގޮތުން މިދިޔަ އަހަރު ދޭން ފެށި އެވޯޑެކެވެ. އެވޯޑުގައި ހޮވާ ވަނަ ތަކުގެ ތެރޭގައި ރާއްޖޭގެ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން) ހޮވާނެއެވެ. މީގެ އިތުރުން އަހަރުގެ އެންމެ އުއްމީދީ އެތުލިޓު އަދި އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން) ވެސް ހޮވާނެ އެވެ.

އެވޯޑު ލިބޭ ފަރާތްތައް ހޮވުމަށް ކަނޑައަޅާފައިވާ ޖަޖުންގެ ކޮމިޓީގައި މިއަހަރުވެސް ތިބީ މިދިޔަ އަހަރު ތިބި މެންބަރުން ކަމަށްވާ ގައުމީ ބާސްކެޓު ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަބްދުލް ނާފިއު ތައުފީގް، ކުރީގެ ފީފާ ރެފްރީ އަލީ ސަލީމް، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު، ސްޕޯޓްސް ކައުންސިލްގެ މެންބަރު އާމިނަތު ނާޝިދާ (ނާޝް)ގެ އިތުރުން މަޝްހޫރު ފުޓްބޯޅަ މެޗު ކޮމިޝަނަރު އަހުމަދު ޝާހިރު އެވެ.

މި އަހަރުގެ ސްޕޯޓްސް އެވޯޑާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ނާފިއު ތައުފީގު ވިދާޅުވީ ކޮމިޓީގެ މަސައްކަތްތައް މިދިޔަ ޖެނުއަރީ މަހުން ފެށިގެން އައީ ކުރަމުން ކަމަށާއި، އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ މި ކަމަށް ރަނގަޅު ސްކޯރިން ސިސްޓަމެއް ގާއިމް ކުރުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިކަމަކީ ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް އެކި ކުޅިވަރުތައް ގިންތިކުރުން ކަމަށެވެ.

އެ ގޮތުން ގިނަ ކަންކަމަށް ބަލައި ކުޅިވަރުތައް ގިންތިކޮށް، އޭގެ ފަހުން ގަބޫލުކުރެވޭ، އިތުބާރު ހިފޭ ނަތީޖާއެއް ނެރެވޭނެ ސްކޯރިން ސިސްޓަމެއް ތަރައްގީ ކުރީ ކަމަށް ވެސް ނާފިއު ވިދާޅުވި އެވެ.

"އެ ކަމަށް ކަމާބެހޭ ފަރާތްތަކާ ފުރަތަމަ ވެސް ބައްދަލުކުރީ، އެ ގޮތުން އޮލިމްޕިކް ކޮމިޓީ އާއި ކޮމިޝަނާ ސްޕޯޓްސް، ނެޝަނަލް ސްޕޯޓްސް ކައުންސިލާ ވެސް ބައްދަލުކުރިން. މި އެންމެ ބޭފުޅުންގެ އިރުޝާދާ އެކު އަޅުގަނޑުމެން ސްޕޯޓްސްތައް ގިންތި ކުރިން. ކޮބައިތޯ އެންމެ މަގުބޫލު ކުޅީވަރަކީ ކޮބާތޯ އެންމެ ކުޅުންތެރިން ގިނަ ސްޕޯޓަކީ. ކޮބާތޯ އަޅުގަނޑުމެންނަށް އެންމެ ގިނައިން ކާމިޔާބީ ލިބޭ ކުޅިވަރަކީ. ކޮބާތޯ ވަކި ކުޅިވަރުތަކުން އަޅުގަނޑުމެންނަށް ޕޯޑިއަމަކާ ހަމައަށް ދިޔުމަށް ފަސޭހަ ކުޅިވަރުތަކަކީ. މި ކަން ކަމަށް ބަލައި އަޅުގަނޑުން ޑިވެލޮޕްކުރީ ސްކޯރިން ސިސްޓަމެއް." ކުރީގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ، ނާފިއު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭނާ ވިދާޅުވީ ސްކޯރިން ސިސްޓަމް ޑިވެލޮޕްކުރިއިރު، ޓީމު ކުޅިވަރުތަކާ އިންޑިވިޖުއަލް ކުޅިވަރުތައް އެއް ގިންތިއެއްގައި ތަފާތުކުރުމެއް ނެތި މިނެ ކިރޭނެ އުސޭލެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

ނާފިއު އެންމެ ބޮޑަށް ފާހަގަކުރެއްވީ މި ފަހަރު ވެސް އެވޯޑު ލިބުމުގައި އެންމެ ބޮޑު މާކްސް އެއް ނުވަތަ އެންމެ ބޮޑު ފުރުސަތެއް އޮންނާނީ ބައިނަލްއަގްވާމީ ލެވެލްގައި ހޯދާފައިވާ ކާމިޔާބީތަކަށް ކަމަށެވެ. މި ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް މި އެވޯޑަށް ބަލައިފި ނަމަ މިއީ އިންސާފުވެރި އެވޯޑެއް ކަމަށް ގަބޫލުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނޮމިނޭޝަންތަކަށް މިދިޔަ އަހަރު ފަހު ވަގުތު ބަދަލުތައް އައުމާ ގުޅޭގޮތުން ނާފިއު ވިދާޅުވީ އެ ކޮމިޓީން އެންމެ ބޮޑަށް ބަރޯސާ ވަނީ އެސޯސިއޭޝަންތަކުން ފޮނުވާ ނަންތަކަށް ކަމަށާއި، ބައެއް ފަހަރު ނޮމިނޭޝަންތައް އިއުލާން ކުރުމުން ޝަކުވާތައް ލިބޭ ކަމަށެވެ. އެ ގޮތަށް އަންނަ ޝަކުވާތައް ބަލައިގަނެ ނޮމިނޭޝަނެއް ބަދަލުވާނީ އެސޯސިއޭޝަނުން ނުވަތަ މިނިސްޓްރީން އެ ކަަމަށް ކަނޑައެޅިފައި އޮންނަ ޗެނަލުން މައުލޫމާތު ކޮމިޓީއާ ހަމައަށް އައުމުން ކަމަށެވެ.

"އެސޯސިއޭޝަން ނުވަތަ މިނިސްޓްރީ ތުރޫކޮށް، އެވޯޑު ސެރެމޮނީއާ ދޭތެރޭގައި އިނަފް ޓައިމް އޮތިއްޔާ، އަޅުގަނޑުމެން ރިވައިޒް ކުރަން ޖެހޭ ކަމަށް ގަބޫލުކުރެވިއްޖެއްޔާ އަޅުގަނޑުމެން ކޮންސިޑާ ކުރާނަން." ނާފިއު ވިދާޅުވި އެވެ.

ކޮމިޓީގެ މެމްބަރުން އެންމެ ބޮޑަށް މިފަހަރު ފާހަގަކުރެއްވި ކަމަކީ އެސޯސިއޭޝަންތަކުން މި އެވޯޑަށް ތައްޔާރުވެފައިވާ ކަމެވެ. އެ ގޮތުން މައުލޫމާތުތައް އެކޮށްފައި ބެހެއްޓުމާއި، ކާމިޔާބީތަކުގެ ތަފްސީލްތައް ރައްކާކޮށްފައި މިހާރު ބަހައްޓާކަން ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވި އެވެ.

"ވަރަށް ބޮޑު ތަރުހީބެއް ހުރިހާ އެސޯސިއޭޝަނަކުން މިހާރު އެބަލިބޭ މި އެވޯޑަށް. މިއެވޯޑުގެ ސަބަބުން، އެސޯސިއޭޝަންތަކުންވެސް ހިންގުން އެބަ ހަރުދަނާކުރައްވާ، މިގޮތުން ކާމިޔާބީތަކުގެ ރެކޯޑުތައް ބެލެހެއްޓުމާ، އެކި އެކި މައުލޫމާތުތަައް އެބަ ރައްކާކުރައްވާ މިހާރު. އެއީ އެ މައުލޫމާތަކީ އަޅުގަނޑުމެންނަށް ބޭނުންވާނެ މައުލޫމާތުތަކަކަށްވާތީ." ކޮމިޓީ މެމްބަރު އަހުމަދު ޝާހިރު ވިދާޅުވި އެވެ.

އިއްޔެގެ ބައްދަލުވުމުގެ ތެރެއިން ކޮމިޓީގެ މެމްބަރު އަލީ ސަލީމް (ވ) އާއި ނާޝިދާ (ކ) އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން އަލީ ސަލީމް ވިދާޅުވި ޖެނުއަރީ 18 ގައި ފުރަތަމަ މަސައްކަތް ފަށައި އެސޯސިއޭޝަންތަކާ ބައްދަލުކުރެއްވި ކަމަށެވެ. ފެބްރުއަރީ 17 ގައި ނޮމިނޭޝަންތައް އެ ކޮމިޓީއަށް ލިބުނު ހިސާބުން ފެށިގެން ކޮންމެ ދުވަހަކުވެސް މެންދުރު ފަހުން ފެށިގެން ރޭގަނޑާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ ގިނަ ކުޅިވަރުތަކެއް އެއްކޮށްގެން މޮޅު އެތުލީޓުގެ އެވޯޑު ހޮވަން ޖެހޭތީ ކޮމިޓީއިން ގިނަ ބައްދަލުުވުންތަކެއް ބާއްވައި ވަރަށް ގިނަ ކަންކަމަށް އެވޯޑު ލިބޭ ފަރާތް ހޮވުމުގައި ބަލާފައިވާނެކެމަށެވެ.

"އެސޯސިއޭޝަންތަކާ ބައްދަލުކުރެވުމަށް ފަހު، ފެބްރުއަރީ މަހު 17 އަށްފަހު ނޮމިނޭޝަންތައް ލިބުމަށް ފަހު އިވެލުއޭޝަންގެ މަސައްކަތްތައް ފެށިގެންދިޔައީ. އެސޯސިއޭޝަންތަކުގެ އެހީތެރިކަމާ އެކު އިވެލުއޭޝަންތައް ކުރަމުންގެންދިޔައީ. މި މަސައްކަތުގައި ކޮންމެ އެސޯސިއޭޝަންތަކާ އެކު މަދުވެގެން އެއް ފަހަރު ބައްދަލުކުރެވިފައިވާނެ. އެއީވެސް އިވެލުއޭޝަންގެ މަސައްކަތް ރަނގަޅުކުރެވޭތޯ" ރެފްރީ ސަލީމް ވިދާޅުވި އެވެ.

މި ފަހަރުގެ އެވޯޑުގެ އެކިއެކި ކަންކަމުގައި އެސޯސިއޭޝަންތަކާ ބައްދަލުކުރިއިރު އެންމެ ބޮޑަށް ފާހަގަވީ މި އެވޯޑަށް ކުޅިވަރުތަކުން އިންތިޒާރުކުރާކަން ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތްކަށް ބަލާއިރު އެސޯސިއޭޝަންތަކުން މި އެވޯޑު ބަލައިގެންފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެވޯޑު ކޮމިޓީން ހާމަކުރެ އެވެ.

އެވޯޑު ކޮމިޓީން ދެން އެންމެ ބޮޑަށް ފާހަގަކުރީ މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު އެވޯޑަށް ވާދަކުރާ އަންހެން އެތުލީޓުން އިތުރުވުމެވެ. އެހެންކަމުން މިއީ ކުޅިވަރުގެ ކުރިއެރުން ފެންނަ ކަމެއް ކަމަށް ކޮމިޓީން ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox