"ގިނަ ކުޅިވަރު އެސޯސިއޭޝަންތައް ހިނގަނީ ވަރަށް އެވޭލާ ބޯދާ ގޮތަކަށް"

Feb 16, 2026, 2:18 AM
"ގިނަ ކުޅިވަރު އެސޯސިއޭޝަންތައް ހިނގަނީ ވަރަށް އެވޭލާ ބޯދާ ގޮތަކަށް"

ހިތާމަވެރި ހަގީގަތަކީ ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތައް މި ވަގުތު ވެސް ހިނގަނީ ވަރަށް އެވޭލާ ބޯދާ ގޮތަކަށް ކަން ފާހަގަކޮށް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޖަޖް ކޮމިޓީގެ އަބްދުއް ނާފިއު ތައުފީގް (ތައްބެ) ފާޑުކިޔުއްވައިފި އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޖަޖް ކޮމިޓީގެ ފަރާތުން، ރޭ ބޭއްވި ސްޕޯޓްސް އެވޯޑްސް ހަފްލާގައި ވާހަކަ ދައްކަވަމުން، ތައްބެ ވިދާޅުވީ، ސްޕޯޓްސް އެވޯޑްސް ކުރުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، މި އެވޯޑަށް ނޮމިނޭޝަންތަކުގެ ސައްހަކަން ދެނެގަތުމުގައި ކަަމަށެވެ. އެ އެވޯޑަށް ހުށަހަޅާ ނޮމިނޭޝަންތަކުގެ މައުލޫމާތު އެއްކުރަން ދާނެ އިތުރު ދިމާލެއް ނެތް ކަމަށާއި ދާންޖެހެނީ އެންމެ ފުރަތަމަ ވެސް ނޮމިނޭޝަން ފޮނުވި އެސޯސިއޭޝަނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއްވެސް ކުޅިވަރު އެސޯސިއޭޝަނެއްގެ ކޭޕީއައި (ކީ ޕާފޯމަންސް އިންޑިކޭޓާ) އެއް މޮނިޓާއެއް ނުކުރާ ކަމަށާއި، ޕާފޯމަންސް ރިވިއު އެއް ނަހަދާ ކަމަށާއި އަދި ބެލެންސް ސްކޯކާޑް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރާތަން ވެސް ނުފެންނަ ކަމަށެވެ. އަދި، ކުޅިވަރު އެސޯސިއޭޝަންތަކުން، ހަމައެކަނި ބަލަނީ، އެތުލީޓަކު ރާއްޖޭން ބޭރަށް ފޮނުވައިގެން ތަމްރީން ކުރެވޭތޯ ނޫނީ ގައުމުގެ އެތައް މިތާގައި ކުޅިވަރު ކުޅޭނެ ތަންތަން އެޅުމަށް ކަމަށެވެ.

Advertisement

"ވަރަށް ބޮޑެތި ހޭދަތައް ކުރަމުން ދަނީ، ހޯލިސްޓިކް ގޮތަކަށް ޕާފޯމަންސް މެނޭޖްކުރާތަނެއް ނުފެނޭ، މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް މި ދިމާވާ ބޮޑެތި ދަތިތަކުގެ ތެރޭގައި މިސާލަކަށް ގޯސްކުއްޖެއްގެ މައުލޫމާތު އައިސްގެން އަހާލަން ދާނެ ފަރާތެއް ނެތުނީމަ ފަހަރުގައި މިސްޓޭކު ޖެހުން ހުރެދާނެ،،" ތައްބެ ވިދާޅުވި އެވެ.

މިކަންކަން ހައްލުކުރެވޭނެ ނިޒާމަކަށް އެވޯޑް ކޮމިޓީން މަސައްކަތްކުރާ ކަމަށާއި، އެވޯޑް ކޮމިޓީ އަށް ބޮޑެތި ދަތިތަކެއް ހުރުމުން އެވޯޑް ކޮމިޓީން މިހާރު ވަނީ ކޭޕީއައި ފްރޭމްވޯކެއް ހަދައި، އެ ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކައުންސިލް އަދި ސްޕޯޓްސް ކޮމިޝަނަށް ހިއްސާކޮށްފައި ކަމަށް ތައްބެ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ދައްކަނީ ބިގް ޑޭޓާގެ ވާހަކަ މިހާރު، އަޅުގަނޑުމެން މި ދައްކަނީ އޭއައިގެ ވާހަކަ، އަޅުގަނޑުމެން އެބަދައްކަން ޕާފޯމަންސް ޓްރެކިންގެ ވާހަަކަ، ބިޒްނަސް އިންޓެލިޖެންސްގެ ވާހަަކަ. ނަމަވެސް ހިތާމަވެރި ހަގީގަތަކީ ގިނަ އެސޯސިއޭޝަންތައް މި ވަގުތު ވެސް ހިނގަނީ ވަރަށް އެވޭލާ ބޯދާ ގޮތަކަށް، މައުލޫމާތު ރައްކާ ކުރަނީ އެކްސެލް ޝީޓެއްގައި ނުވަތަ ވޯޑް ޑޮކިއުމެންޓެއްގައި، އެސޯސިއޭޝަންތައް ޕާފޯމަންސް މޮނިޓާކުރަމުންދަނީ އަހަރަކު އެއް ފަހަރު ބާއްވާ އޭޖީއެމް ޖަލްސާ އަކަށް ބަރޯސާވެ، މިކަންކަން އެބަޖެހޭ ބަދަލުވާން،" ތައްބެ ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ކުރިއަށްދާއިރު އެންމެ މުހިންމު ކަމަކީ، މި ވަގުތު ތިބި ހިސާބެއް ދެނެގަތުންކަން ފާހަގަކުރައްވައި، ތައްބެ ވިދާޅުވީ، ދާންވީ މިސްރާބެއް އެނގޭނީ އޭރުން ކަމަށެވެ.

"އެހެންވީމަ ކުޅިވަރުގައި ވެސް އެބަޖެހޭ ޑާޓާ މެނޭޖްމަންޓު މި އަށް ވުރެން ހަރުދަނާކުރަން، އެ ހަރުދަނާވެގެން ނޫނިއްޔާ އަޅުގަނޑުމެން ދެން ދާނެ މިސްރާބެއް ނޭނގޭނެ، އުންމީދަކީ މި ކަންކަން ރަނގަޅުވެގެން ޖަޖު ކޮމިޓީން ކުރާ މަސައްކަތް މިހާރަށް ވުރެން އިންސާފުވެރިވެ، ރަނގަޅުވެގެންދާނެ ކަމަށް،"

ސްޕޯޓްސް އެވޯޑްސްގެ ހަތަރު އެވޯޑް ހަފްލާ އަކަށް ޖަޖްކޮށްފައިވާ ކޮމިޓީން މީގެ ކޮންމެ އަހަރެއްގައި ވެސް އެކަން ކޮށްފައިވަނީ ވަރަށް މިނިވަންކޮށް ކަމަށާއި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށް ވެސް ތައްބެ ވަނީ ވިދާޅުވެފަ އެވެ.

"އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ފަރާތަކުން މި ވޭތުވެދިޔަ ހަތަރު އަހަރު ފޯރުވާފަކައެއް ނެތް، އެއީ ސިޔާސީ ވިޔަސް އެހެން އެއްޗެއް ވިޔަސް އަޅުގަނޑު ޔަގީންކަން އަރުވަނީ، މި ފަހަރު ވެސް މީގެ ކުރިން އަހަރުތަކުގައި ވެސް ހުރި ނޮމިނޭޝަންތަކާއި ނަންތައް އަޅުގަނޑުމެން އޭގެ ހިމަނާފައި އެ ވަނީ ވަކި މީހެއްގެ ކޮއްކޮ އަކަށް، ދައްތަ އަކަށް ނޫނީ ބޭބެ އަކަށް ނޫނީ ދަރިއަކަށް ބަލާފަކާއެއް ނޫނޭ، އަދި އުނިކޮށްފައި ހުއްޓަސް ހުންނާނީ ވަކި މީހެއްގެ ކޮއްކޮ އަކަށް، ބޭބެ އަކަށް، ދައްތަ އަކަށް، ދަރި އަކަށް ބަލާފައެއް ނޫނޭ، އެ ވަރުގެ ޔަގީންކަމެއް ތިބޭފުޅުންނަށް ކަށަވަރުކޮށް އަރުވަން،" އޭނާ ވިދާޅުވި އެވެ.

ސްޕޯޓްސް އެވޯޑްސް އަށް ނޮމިނޭޝަން ހުށަހެޅުމުގައި، ކުޅިވަރު އެސޯސިއޭޝަންތަކުގެ "ކޮށިކަމެއް" ހުންނަ ކަމަށް ވެސް ތައްބެ ވަނީ ވިދާޅުވެފަ އެވެ. އަދި، އެއާ ގުޅުވައި، ތައްބެ މިސާލު ޖެއްސެވީ، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޮނަލް މެސީއާ ގުޅުވަ އެވެ.

"މިސާލަކަށް ދަންނަވަނީމަ، 2020 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ލިއޮނަލް މެސީ އެންމެނަށް ވެސް އެނގޭ ސުވާލެއް ވެސް ނެތް މެސީކަން އެންމެ މޮޅީ، ނަމަވެސް އެ އަހަރު އާޖެންޓީނާ ވޯލްޑް ކަޕް ނެގިއިރު ލިއޮނަލް މެސީ މި ހުރީ އުޒުރުވެރިގެން ގޭގައި މުބާރާތަކަށް ނުދެވުނު ސުވާލަކީ ލިއޮނަލް މެސީ އަށް އެ އަހަރު ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާ ގޭގައި ހުއްޓައި ލިބޭނެތޯ. ނުލިބޭނެ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

އެ އަށް އިޝާރާކޮށް، ތައްބެ ވިދާޅުވީ، ބައެއް އެސޯސިއޭޝަންތަކުން އެތުލީޓުން ނޮމިނޭޓްކުރުމުގައި ހަމައެކަނި ރާއްޖޭން ބޭރުގައި ތަމްރީން ހަދަން ހުރެފައި، ކަމެއް ހާސިލްނުކުރެވި އޮއްވައި ވެސް ނަން ހުށަހަޅާ ކަމަށެވެ. އަދި، އެ އެތުލީޓަކީ އެންމެ މޮޅު އެތުލީޓު ކަމުގައި ވިޔަސް، "ބައިވެރިނުވާ މުބާރާތެއްގައި، ނުދުވާ ރޭހެއްގައި ނުކުޅޭ މެޗަކުން" ޖަޖް ކޮމިޓީ އަށް ސްކޯއެއް ދެވޭނެ އުސޫލެއް ނޯންނަ ކަމަށް ވެސް ތައްބެ ވިދާޅުވި އެވެ.

"މީގެ އިތުރުން އެބަހުރި އިތުރު ކަންކަން ފާހަގަކުރެވިފައި ގަސްދުގައި ނުބައި މައުލޫމާތު އެސޯސިއޭޝަންތަކުން އައިސްފައި ހުރިކަން ބައެއް ފަހަރު ފާހަގަވޭ. ވަކި ކުއްޖަކަށް ވަކި ދިމާލަކަށް ޑައިރެކްޓްކުރަން، އަޅުގަނޑުމެން މި ކަން ފާހަގަކުރެވިގެން އިންނާނީ ސްޕޯޓްސް ކައުންސިލާ ހިއްސާކޮށް މި އަށް އެޅޭނެ ފިޔަވަޅާ ބެހޭގޮތުން ގަވާއިދު އިސްލާހު ކުރުވާފައި،" ތައްބެ ވިދާޅުވި އެވެ.

އެއްވެސް ހާލަތެއްގައި ޖަޖުންގެ ކޮމިޓީން ނޮމިނޭޝަންތަކެއް ނަގައިގެން ބޭނުންގޮތަކަށް އެވޯޑް ދިނުމެއް ނޯންނަ ކަމަށާއި އުސޫލު އޮތްގޮތުން މި ވަގުތު ނަން ހުށަހެޅުމުގެ ބާރު ހަމައެކަނި އޮތީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކަމަށެވެ. އަދި، މި ފަހަރުގެ އެވޯޑްގެ ކަންކަން ރަނގަޅުކުރަން ގެނެވުނު ބަދަލުތަަކުގެ ތެރެއިން، ސްކޯ ސިސްޓަމްގެ ކަންކަން ހަތް ރޭންކުން 77 ރޭންކަށް އިތުރުކޮށްފައިވާ ކަމަށާއި ކޮންމެ އެވޯޑެއް ޖަޖުކުރުމަށް، 300 ގަޑިއިރެއްހާއިރުގެ ވަގުތެއް ހޭދަވާ ކަމަށް ވެސް ތައްބެ ފާހަަގަކުރެއްވި އެވެ.

"މިކަމުގެ ސަބަބުން އަޅުގަނޑުމެން ޖަޖުން ކޮމިޓީ އެންމެންނަށް ވެސް ގަބޫލުކުރެވޭ ގޮތުގައި ވަރަށް ބޮޑަށް ކުރިއާ ބަލާފައި މި އެވޯޑްތައް އިންސާފުވެރިކަމާއެކީ ދެވިގެންދާނެ. އަޅުގަނޑުމެންގެ މަސައްކަތަކީ ވަރަށް ވަގުތުނަގާ މަސައްކަތެއް، ބައެއްގެ ހައްގުތަކާ ގުޅޭ މަސައްކަތެއް،" ތައްބެ ވިދާޅުވި އެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން، އެވޯޑް ލިބުނު އެތުލީޓުން ވެސް ހަފްލާއަށް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox