ނައިބު ރައީސް ފައިސަލް ނަސީމް، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޖުމްހުރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމާ ބައްދަލުކުރެއްވުމަށް ސަން އައިލެންޑަށް ވަޑައިގެންފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީއިން ވަކިން ވާދަކުރާނަމަ އެ ޕާޓީގެ ޓިކެޓު ލިބިވަޑައިގެން ހުންނެވި ގާސިމް، މިހާތަނަށް އިންތިހާބާމެދު ގޮތެއް ނިންމަވާފައިނުވާއިރު ސިޔާސީ ގިނަ ފަރާތްތަކަކުން އަންނަނީ އެމަނިކުފާނާ ބައްދަލުކުރައްވަމުންނެވެ. ރިޔާސީ އިންތިހާބުގައި ވަކިން ވާދަނުކޮށް ކޯލިޝަން ހެދުމުގެ ބާރުވެސް ޖޭޕީގެ ކައުންސިލުން ވަނީ ގާސިމަށް ދީފަ އެވެ.
އެގޮތުން މިއަދު ފައިސަލް ސަން އައިލެންޑަށް ވަޑައިގެން ގާސިމާ ބައްދަލުކުރެއްވިކަން ރައީސް އޮފީހުގެ އިސް އޮފިޝަލަކު އަދި ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންވެސް ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.
އެކަމަކު ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
ފައިސަލް ގާސިމާ ބައްދަލުކުރައްވާފައި މިވަނީ މިދިޔަ މަހު ބޭއްވި ޖޭޕީގެ ކޮންގްރެސްގައި އެމަނިކުފާނު ބައިވެރިވެވަޑައި ނުގެންނެވުމުން ޕާޓީގެ ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ. ފައިސަލް ކޮންގްރެސްއަށް ވަޑައިނުގަތީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް އޭރު ވިދާޅުވި އެވެ. އެއަށްފަހު ފައިސަލް އެމްޑީޕީއާ ގުޅެން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރެން ފަށައިފަ އެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ފަދަ މޭރުމަކުން ވެސް ފައިސަލް ވާހަކަ ދައްކަވާފައިވެ އެވެ.

ދެހާސްއަށާރަ ވަނަ އަހަރު ހެދުނު ކޯލިޝަނުގެ ދަށުން ނައިބު ރައީސް ކަމުގެ ސްލޮޓު ޖޭޕީއަށް ލިބުމާއެކު އެ މަގާމު ފައިސަލްއަށް ލިބުނީ އެތެރޭގެ ޕްރައިމަރީއެއް ކާމިޔާބު ކުރައްވައިގެންނެވެ.
ފައިސަލްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫންވެސް ވަނީ މި ހަފުތާގެ ތެރޭގައި ގާސިމާ ބައްދަލުކުރެއްވުމަށް ސަން އައިލެންޑަށް ދުރުވެފަ އެވެ.
މީގެއިތުރުން މިދިޔަ ހަފުތާ ގާސިމް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށްވެސް ވަޑައިގެންފަ އެވެ. އަދި ގާސިމްގެ އެޑްވައިޒަރުން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާވެސް ބައްދަލުކުރައްވާފަ އެވެ.
ރައީސް ސޯލިހު ވަނީ މިހާރު ކޯލިޝަނުގައި ތިބި ހުރިހާ ޕާޓީތަކަށް ސެޕްޓޭމްބަރު މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެދި ސިޓީއެއް ފޮނުއްވާފަ އެވެ. އެގޮތުން މިހާތަނަށް ކޯލިޝަނަކަށް އެއްބަސްވީ ހަމައެކަނި އަދާލަތުންނެވެ. ޖޭޕީ އަދި އެމްއާރުއެމްއިން ގޮތެއް ނިންމާފައި ނުވާއިރު މީގެ ކުރިން އިދިކޮޅު ޕީޕީއެމްއާއެކު މަސައްކަތްކުރި އެމްޑީއޭއިން ވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން އެއްބަސްވެފަ އެވެ.













