ޕެރިސް (މާޗު 9) - ފްރާންސްގެ ޕެރިހުގައި އޮތް 2022 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓިކެޓު ނެގި ލިވަޕޫލްގެ ސަޕޯޓަރުންނަށް ރީފަންޑް ދިނުމަށް ޔުއޭފާ އިން ނިންމައިިފި އެވެ.
ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރި ފައިނަލް މެޗުގެ ކުރިން އެތައް ހާސް ސަޕޯޓަރުން ދަނޑަށް ނުވަދެވި، އުފެދުނު މައްސަލަ ގަނޑުގެ ތެރޭގައި ލިވަޕޫލްގެ ސަޕޯޓަރުންގެ ތެރެއަށް ފްރާންސްގެ ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި، ބާރުގެ ބޭނުންކޮށްފަ އެވެ.
މި މައްސަލަ ފެށުނީ ލިވަޕޫލްގެ ސަޕޯޓަރުންނާ ހެދި ކަމަށް ޔުއޭފާ އާއި ފްރާންސްގެ ކަމާބެހޭ އިދާރާތަކުން ކުރިން ބުނި ނަމަވެސް، ޔުއޭފާ އިން ބޭނުންވެގެން ހިންގި މިނިވަން ތަހުގީގުން ކަނޑައެޅުނީ ލިވަޕޫލް ސަޕޯޓަރުންގެ އިހުމާލެއް ނެތް ކަމަށެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، ސަޕޯޓަރުން ބޮނޑިވެ، މައްސަލަ ބޮޑުވެގެންދިޔަ ވަގުތު އެއްވެސް މީހަކަށް ފުރާނަ އަށް ނުރައްކާވާވަރުގެ އަނިޔާއެއް ނުލިބުނީ ލިވަޕޫލްގެ ސަޕޯޓަރުން ވެސް އަމަލުކުރި ގޮތުން ކަމަށެވެ.
ޔުއޭފާ އިން ބުނީ ފައިނަލް މެޗަށް ލިވަޕޫލްގެ ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ 19،618 ޓިކެޓަށް ވެސް ރީފަންޑް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން މެޗުގެ ކުރިން އުފެދުނު މައްސަލައާ ހެދި ދަނޑަށް ނުވަދެވުނު ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނާއި ވަކި ކޮޅަކަށް ނުޖެހޭ ސަޕޯޓަރުންގެ ޓިކެޓު ވެސް ރީފަންޑްކޮށްދޭނެ ކަމަށެވެ.












