ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ ތެރެއިން މި ވަގުތު ގާނޫނީ ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއް ކަން ޔަގީން ކުރަން އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.
މި މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާކަން އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕާއި އެ ކޯލިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަށަވަރު ކޮށްދީފަ އެވެ.
އެގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު ސިއްދީގު ވިދާޅުވީ، މައްސަލަ ބަލައިނުގަތުމަށް ނިންމާ ކޯޓުން ދިން ލިޔުމުގައި ބުނެފައި އޮތީ މައްސަލަ ބަލައިނުގަތީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާން ކުރާ ފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށެވެ.
މިއީ މި މައްސަލަ އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް މި މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލި އެވެ.
މިފަހަރު މި މައްސަލަ ހުށަހެޅި ދުވަހު ސިއްދީގު ވިދާޅުވީ ފައިސަލް ނަސީމް ކުރެއްވި ހުވަޔަކީ ގާނޫނުއަސާސީގައި ކުރައްވަން އޮތް ހުވަޔެއްތޯ ސާފުކުރުމުގެ ގޮތުން ގާނޫނުއަސާސީ މާނަކުރުމަށް އެދިފައިވާނެ ކަމަށެވެ.

މީގެ އަހަރެއް ކުރިން ރައީސް ސޯލިހް، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރެއްވި ވަގުތު ކޮޅަށް ނައިބު ރައީސް ފައިސަލްއަށް ވަގުތީ ގޮތުން ރައީސްގެ މަސްއޫލިއްޔަތު ހަވާލުވެވަޑައިގަންވަން ރައީސް ކަމުގެ ހުވާ ކުރެއްވި އެވެ.
މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ހަވާލުވެވަޑައިގަތީ އެންމެ ތިން ގަޑިއިރަށެވެ. އެއަށް ފަހު ރައީސް އޮފީހުން ބުނީ ރައީސްގެ މަސްއޫލިއްޔަތުތަކާ ރައީސް ސޯލިހް އަލުން ހަވާލުވެވަޑައިގެންނެވި ކަމަށެވެ. އެ ކަން ކުރީ ގާނޫނުއަސާސީގެ 123 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެކަން ލިއުމުން އެންގެވުމަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.














