އެހެން ޕާޓީތަކާ ވާހަކަ ދައްކައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ދީފި އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް ރިޔާސީ ކެންޑިޑޭޓު ކަމުގެ އިތުރުން އެ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ދޭން ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަން އެ ޕާޓީގެ ކޮންގްރެސް އިން ކައުންސިލަށް ލަފާ ދީފައިވަނިކޮށް، މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ވަނީ ކައުންސިލަށް ގަރާރެއް ހުށަހަޅާފަ އެވެ.
"ރިޔާސީ ކެންޑިޑޭޓާއި، ކޯލިޝަނެއް ހަދަންޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި، އިހްްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރި ކުރެވޭނެ ގޮތް ކަމަށް އަޅުގަނޑަށް ފެންނަ ހިނދު އެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ،" ނާޒިލްގެ ގަރާރުގައި ވެއެވެ.
އެ ގަރާރު ފާސްވީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ޖޭޕީއިން ބުންޏެވެ.

އެއާއެކު، ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރަން ނޫނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ނިންމާނީވެސް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ މިހާރު ވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިންނާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވުމަށެވެ. އެ ގޮތުން ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީއާއި އެމްއާރުއެމަށް ވެސް އެ ކަމުގެ ދައުވަތާ އެކު ރައީސް ސިޓީ ފޮނުއްވި އެވެ.
އޭގެ ފަހުން މިދިޔަ ފެބްރުއަރީ މަހުގެ 24 އަދި 25 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި، އެ ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރުމަށް ޕާޓީގެ ކައުންސިލަށް ލަފާ ދިނުމަށް ފާސްކޮށްފައިވެ އެވެ. ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމުމުގެ ބާރު ދީފައި އޮންނަނީ އެ ޕާޓީގެ ކައުންސިލަށެވެ.
ޖޭޕީގެ ކޮންގްރެސްއަށް ފަހު، ރައީސްގެ ދައުވަތަކަށް ގާސިމް ވަނީ ރައީސް އޮފީހަށް ވަޑައިގެން އެމަނިކުފާނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި އޭގެ ކުރިން ރައީސްގެ މަންދޫބުންގެ ގޮތުގައި އެމަނިކުފާނުގެ ކޮއްކޯފުޅު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާ ބައްދަލުކުރައްވާފައިވެ އެވެ.
އޭގެ އިތުރުން ގާސިމްގެ އެޑްވައިޒަރަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަޑު އިވެމުންދާ ގޮތުގައި، ނަޝީދު ގެންދަވަނީ ގާސިމް އިންތިހާބުގައި ވާދަކުރެއްވުމަށް ބާރު އަޅުއްވަމުންނެވެ. ޖޭޕީގެ ކޮންގްރެސްގައި ވެސް ގާސިމް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ރިޔާސީ އިންތިހާބުތަކުގައި ގާސިމްގެ ދައުރު
ގާސިމް ވަނީ މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. އަދި 2013 ގައި ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.
ދެ އިންތިހާބުގައި ވެސް ދެ ވަަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ނުލިބުނު ނަމަވެސް އެ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރީ ގާސިމްގެ ތާއީދު އޮތް ކެންޑިޑޭޓެވެ. ދެ ވަނަ ބުރުގައި ގާސިމް ތާއީދުކުރެއްވީ، ފުރަތަމަ ބުރުގައި ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށެވެ. ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ވެސް ސަރުކާރު އެކުލަވާލީ ޖޭޕީއަށް ހިއްސާއެއްދޭ ގޮތަށެވެ.
އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު އޮތް އިރު، ގާސިމް ހިމެނޭހެން އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ތިބީ ޖަލު ހުކުމެއްގައި ނުވަތަ ހުކުމެއް ނެތި ބަންދުގަ އެވެ. އެހެންވެ ގާސިމްގެ ޖޭޕީގެ އިތުރަށް އެމްއާރުއެމާއި އަދާލަތު ޕާޓީން ތާއީދުކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.












