މިލާން (މާޗް 6) - އިޓާލިއަން ލީގުގައި ރޯމާ އިން 1-0 އިން ޔުވެންޓަސް ބަލިކުރިއިރު، ލެޗޭ އަތުން 2-0 އިން މޮޅުވެ، އިންޓަ މިލާން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަތުން މޮޅުވެ، ހުކުރު ދުވަހުގެރޭ ލާޒިއޯ އިން ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެކަމަކު، ރޭ އިންޓަ މޮޅުވުމާ އެކު، އެ ޓީމަށް ވަނީ އަލުން ދެ ވަނަ ލިބިފަ އެވެ.
ނަޕޯލީ އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކު، 25 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް ވަނީ 25 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ލާޒިއޯ ތިން ވަނައިގައި އޮތީ 25 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ. ރޯމާ ހަތަރަކަށް ޖެހިލީ 25 މެޗުން 47 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ފަސް ވަނައިގައި އޮތީ އޭސީ މިލާން އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޔުވެންޓަސް އަށް ލީޑުނަގައިދޭން މެޗުގެ 43 ވަނަ މިނިޓްގައި އޭޑްރިއަން ރަބިއޯ އޭރިއާތެރެއިން ބޮލުން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ. ރޯމާ އިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 53 ވަނަ މިނިޓްގައި ޖިއާންލޫކާ މަންޗީނީ އެވެ. އޭރިއާބޭރުން މަންޗިނީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަަނަށެވެ.
ޔުވެންޓަސް އިން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ ފަހުކޮޅުގައި ބަދަލަކަށް ކުޅެން އެރި މޮއިސް ކީން އަށް، ކުޅެން އެރިތާ 40 ސިކުންތު ތެރޭގައި ރަތް ކާޑެއް ދެއްކުމުންނެވެ. ކީން އަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތިސް މަންޗިނީ ގައިގައި ފައިން ޖެހުމުންނެވެ.
ލެޗޭ ކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު އިންޓަ އިން ލީޑު ނެގީ 29 ވަނަ މިނިޓްގައި ހެންރިކް މިކިތާރްޔަން ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ނިކޯލޯ ބަރޭލާ ދިން ބޯޅަ މިކިތާރްޔަން ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން އަށް މިނިޓް ތެރޭ، އިންޓަގެ ދެ ވަނަ ގޯލު ޖެހީ ލަޓާރޯ މާޓީނޭޒް އެވެ. މިއީ އޭރިއާތެރެއަށް ޑެންޒެލް ޑަމްފްރީސް ޖައްސާލި ބޯޅައަކުން މާޓީނޭޒް ޖެހި ލަނޑެކެވެ.












