މިއުނިކް (މާޗް 5) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކުން ސްޓުޓްގާޓް ދަނޑުގައި 2-1 އިން މޮޅުވިއިރު، ލީގުގެ ރޭހުގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް ވެސް މި ހަފްތާގައި ކުޅުނު މެޗުން އާރްބީ ލައިޕްޒިގު އަތުން 2-1 އިން މޮޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެރޭ ހޯދި މޮޅާ އެކު، ޑޯޓްމަންޑް އެ ވަގުތު އެއް ވަނަ އަށް ޖެހިލި ނަމަވެސް ބަޔާން ވަނީ ރޭ ކުޅުނު މެޗު ކާމިޔާބުކޮށް އަލުން އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް ބަޔާނާއި ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 23 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގެ 20 ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދޭން ލެއޯން ގޮރެޓްޒްކާ ބޮލުން ޖެހި ބޯޅަ ސްޓުޓްގާޓް ކީޕަރު، ފަބިއަން ބްރެޑްލޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، މެޗުގެ 36 ވަނަ މިނިޓްގައި ސްޓުޓްގާޓުން ކުރި އެޓޭކެއްގައި ބަޔާންގެ ޑިފެންޑަރު، މަތައިސް ޑި ލިޓް ވަނީ ގޯލު ރޮނގުމަތިން ބޯޅައެއް ސަލާމަތްކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ޑި ލިޓް ވަނީ ބަޔާނަށް ލީޑުނަގައިދީފަ އެވެ. މިއީ އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ޑި ލިޓް ޖެހި ލަނޑެކެވެ.
ބަޔާނުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 62 ވަނަ މިނިޓްގައި އެރިކް މެކްސިމް ޗުޕޯ-މޯޓިން އެވެ. ދާދި ފަހުން، ބަޔާންގެ ކޮންޓްރެކްޓް އާ ކުރަން އެއްބަސްވި ޗުޕޯ-މޯޓިން މި ލަނޑު ޖެހީ ޖަމާލް މުސިއާލާ އާއި ތޯމަސް މުލާ ގުޅިގެން ކުރި އެޓޭކެއްގައި އޭރިއާތެެރެއިން ލިބުނު ފުރުސަަތަކުންނެވެ.
މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ސްޓުޓްގާޓަށް މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ 88 ވަނަ މިނިޓްގައި ހުއާން ހޯސޭ ޕެރޭއާ އެވެ. މިއީ އޭރިއާތެެރެއަށް ހުރަސްވި ބޯޅައަކުން ބޮލުން ޕެރެއާ ޖެހި ގޯލެކެވެ.












