ވާދޫ، ނައިވާދޫ އަދި މާފަންނުން ޒޯން ޗެމްޕިއަންކަން ހޯދައިފި

Mar 5, 2023, 3:40 AM
ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ވާދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ވާދޫ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު ފައިނަލް މެޗުތަކުން މޮޅުވެ، ގދ. ވާދޫ އާއި ހދ. ނައިވާދޫ އަދި މާފަންނުން ޒޯން ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒޯން އެކެއްގެ ޗެމްޕިއަންކަން، ނައިވާދޫން ހޯދީ ފައިނަލުގައި ށ. ކަނޑިތީމު އަތުން 6-2 އިން މޮޅުވެގެންނެވެ. ގދ. ވާދޫން ޒޯން ހައެއްގެ ތަށި އުފުލާލީ ފައިނަލުގައި ލ. ގަން އަތުން 3-1 އިން މޮޅުވެގެންނެވެ. އަދި މާފަންނާއި ވިލިމާލެ ކުޅުނު ޒޯން އަށެއްގެ މެޗު 2-2 އިން އެއްވަރުވުމުން، ޕެނަލްޓީގައި މާފަންނު މޮޅުވީ 5-3 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ފައިނަލުގައި ކަނޑިތީމު އަތުން ނައިވާދޫ މޮޅުވިއިރު، އެ ޓީމުގެ އަބްދުﷲ ވިސާމް (ވިޝާންޓެ) ވަނީ ތިން ގޯލު ޖަހައި، ހެޓްރިކެއް ހަދައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ނައިވާދޫގެ އަނެއް ތިން ގޯލުގެ ތެރެއިން، ދެ ލަނޑު ޖެހީ ލިބުނު ދެ ހިލޭޖެހުމުން، އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ޒޯންގެ މޮޅު ކުޅުންތެރިއަކީ ވެސް ޝާއްޕެ އެވެ. ނައިވާދޫގެ އަނެއް ގޯލު ޖެހީ މުހައްމަދު އަސްލަމް އެވެ.

ރޭގެ މެޗުގައި ކަނޑިތީމު ކޮޅަށް ގޯލު ޖެހުމަށް ފަހު ޝާއްޕެ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކަނޑިތީމަށް ރޭގެ މެޗުގައި ގޯލު ޖަހައިދިނީ އަހުމަދު ނިމާލް އާއި އާދަމް ތައުފީގު އެވެ.

ގަމަށް ރޭގެ މެޗުގައި އޭރިއާބޭރުން ޖެހި ޝޮޓަކުން ލީޑުނަގައިިދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ. ވާދޫ މެޗުން މޮޅުވީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ.

ވާދޫ އަށް މުހައްމަދު ނާއިލް އެއްވަރުކޮށްދިންއިރު، ލީޑުނަގައިދިނީ މުސައްނިފު މުހައްމަދު (މުއްސެ) އެވެ. ފަހު ގޯލު ޖެހީ ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތަކުން، އިބްރާހިމް ޝައުފް މުހައްމަދު އެވެ. މެޗުގެ ފަހު ކޮޅުގައި ގަމުގެ އައްމަޑޭ އަށް ދުރު ޕެނަލްޓީ އަކުން ގޯލު ޖަަހަން ލިބުނު ފުރުސަތުން ޖެހި ބޯޅަ ވާދޫ ކީޕަރު، ޒައިދާން ވަނީ މަތަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވާދޫގެ މުއްސެ އެވެ.

ޒޯން ހައެއްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވާދޫގެ އަޔާޒް އަހުމަދު (އަޔާ) ހޮވުނުއިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ލިބުނީ އައްމަޑޭ އަށެވެ.

ވާދޫ ޓީމުގެ އިޔާދު (ކ) އަތުން ގަމުގެ އައްމަޑޭ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭ ކުޅުނު ޒޯން އަށެއްގެ ފައިނަލުގައި ހުސެއިން އަފްސަލް (އޮޒިލް)ގެ ގޯލުން ފުރަތަމަ ހާފުގައި މާފަންނު ލީޑުނެގި އެވެ. އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ސިކުންތު ކޮޅެއްގެ ތެރޭގައި ވިލިމާލެ އަށް އެއްވަރުކޮށްދިނީ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. ހަަސަން ސުހައިލް (ސޮކޭ) ވަނީ ރަނގަޅު ކުޅުމަކަށް ފަހު އަލުން މާފަންނަށް ލީޑުނަގައިދީފަ އެވެ. މެޗުގެ ފަހު ވަގުތު ބަދަލަކަށް ކުޅެން އަރައި، އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލައި، އިސްމާއިލް ވިފާގު (އިއްސެ) ވަނީ ވިލިމާލެ އަށް އެއްވަރުކޮށްދީފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ވިލިމާލޭގެ ފުރަތަމަ ޕެނަލްޓީ އަބްދުﷲ ޝައްފާން (ޝާކާ) ފޮނުވާލިއިރު، މާފަންނުގެ ކީޕަރު އިބްރާހިމް ނާޖިހު ވަނީ މަތަކޮށްފަ އެވެ. މާފަންނުން މޮޅުވީ ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްގެންނެވެ. މާފަންނުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަފްސަލް، މުހައްމަދު ޔަފާއު (ޔާ)، ސޮކޭ، ޔޫހު ނަސީރު އަދި ނާޖިހު އެވެ. ވިލިމާލޭގެ ވައްޖެ އާއި އަލީ ޝިޔާހު އަދި އިއްސެ ޕެނަލްޓީ ކާމިޔާބުކުރި އެވެ.

މާފަންނު ޓީމުގެ ގޯލްކީޕަރު، ނާޖިހު ޕެނަލްޓީ އަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒޯން ފައިނަލުގައި ކުޅޭ ދެ ޓީމަށް ވެސް ގަދަ 16 ބުރުގެ ޖާގަ ޔަގީންވާއިރު، އެ ބުރުގައި ކުޅެން ޖެހޭ ޓީމުތައް ވެސް ދަނީ ޔަގީންވަމުންނެވެ. އެ ގޮތުން ޒޯން އެކެއްގެ ޗެމްޕިއަން ނައިވާދޫ ކުޅޭނީ ޒޯން އަށެއްގެ ރަނަރަޕް، ވިލިމާލެއާ އެވެ. އަދި ޒޯން އެކެއްގެ ރަނަރަޕް، ކަނޑިތީމުން ވާދަކުރާނީ ޒޯން ފަހެއްގެ ޗެމްޕިއަނާ އެވެ.

ޒޯން ހަތަރެއްގެ ފައިނަލުގައި މިރޭ އދ. މާމިގިއްޔާއި މ. ދިއްގަރު ބައްދަލުކުރާއިރު، މި މެޗުން މޮޅުވާ ޓީމެއް ގަދަ 16 ބުރުގައި ކުޅޭނީ ލ. ގަމާ އެވެ. އަދި ޒޯން ހަތަރެއްގެ ފައިނަލުން ބަލިވާ ޓީމެއް ކުޅޭނީ ޒޯން ހައެއްގެ ޗެމްޕިއަން ވާދޫއާ އެވެ.

މިރޭ ކުޅޭ ތިން ޒޯންގެ ފައިނަލަށް ފަހު ޒޯން ބުރު ނިމޭނެ އެވެ. މިރޭ އެންމެ ފުރަތަމަ 20:00 ޖަހާއިރު އޮތީ ޒޯން ހަތަރެއްގައި، މާމިގިއްޔާއި ދިއްގަރު ކުޅޭ މެޗެވެެ. އެ އަށް ފަހު، 21:00 ގައި ޒޯން ތިނެއްގެ ފައިނަލުގައި، ކ. ގާފަރާއި އއ. ބޮޑުފޮޅުދޫ ވާދަކުރާނެ އެވެ. އަދި 22:00 ގައި ކުޅޭ ފައިނަލުގައި، ތ. ތިމަރަފުށި ނުކުންނާނީ ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox