މެންޗެސްޓާ (މާޗް 2) - އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަަނަ ބުރުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުން ކަޓައިފި އެވެ.
ޔުނައިޓެޑް ދަނޑު، އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ 54 ވަަނަ މިނިޓްގައި ލީޑުނެގީ ވެސްޓް ހޭމް އިންނެވެ. މިއީ އޭރިއާތެރެއިން ވެސްޓް ހޭމްގެ ސައީދް ބެންރާމާ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. ނަތީޖާ ހަމަހަމަކޮށްދޭން ޔުނައިޓެޑްގެ ކަސެމީރޯ ބޮލުން ޖެހި ގޯލެއް ބަލައިނުގަންނަން ނިންމީ އޭނާ އޮފްސައިޑްގައި ހުރުމުންނެވެ.
މެޗުގެ 77 ވަނަ މިނިޓްގައި ޔުނައިޓެޑުން އެއްވަރުކުރިއިރު، މިއީ ވެސްޓް ހޭމްގެ މޮރޮކޯ ޑިފެންޑަރު، ނައެފް އަގުއާޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ނެގި ކޯނަރެއް ދިފާއުކުރަން އަގުއާޑް ބޮލުން ޖައްސާލި ބޯޅައަކުން ވަން ގޯލެކެވެ. ޔުނައިޓެޑުން ލީޑުނެގީ މެޗުގެ އިތުރު ވަގުތުގައި 18 އަހަރުގެ ވިންގް، އަލެހަންދްރޯ ގާނާޗޯ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ގާނާޗޯ ވަނީ ގޯލުގެ ދުުރު ކަނަށް ވައްދާލައިފަ އެވެ.
އިތުރު ވަގުތުގައި ޔުނައިޓެޑުން ވަނީ ތިން ވަނަ ގޯލެއް ވެސް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ފްރެޑް އެވެ. މިއީ ވެސްޓް ހޭމް ޑިފެންޑަރުންނަށް ސަލާމަތްނުކުރެވި، އޭރިއާތެރެއިން ލިބުނު ބޯޅައަކުން ފްރެޑް ޖެހި ލަނޑެކެވެ.
އެފްއޭ ކަޕްގައި ރޭ ޝެފީލްޑް ދަނޑުގައި ޓޮޓެންހަމްގެ ރިޗާލިސަން އަށް ލަނޑު ޖަހަން އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޝެފީލްޑަށް މި މެޗުގައި ހަމައެކަނި ގޯލު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި އިލިމަން އެންޑިއާއޭ އެވެ. އޭރިއާތެރެއިން ޓޮޓެންހަމްގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އެންޑިއާއޭ ޖެހި ޝޮޓް ވަނީ ގޯލުގެ ކައިރީ ކަނަށެވެ.
އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގެ ގްރިމްސްބީ ޓައުން އިން ވަނީ ރަށުންބޭރުގައި 2-1 އިން ސައުތެމްޓަން ބަލިކޮށް 84 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މުބާރާތިުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލްގެ މެޗުތަކަށް ބަލާއިރު، ރޭ ފްލީޓްވުޑް 1-0 އިން ބަލިކޮށް ކުއާޓާ އަށް ދަތުރުކުރި ބާންލީ ކުއާޓާ ފައިނަލުގައި ކުޅޭނީ މެންޗެސްޓާ ސިޓީއާ އެވެ. ބާންލީގެ ކޯޗަކީ މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، ވިންސެންޓް ކޮމްޕެނީ އެވެ.
ކުއާޓާގެ އަނެއް ތިން މެޗަށް ބަލާއިރު، ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅޭނީ ފުލަމްއާ އެވެ. ބްރައިޓަން އިން ގްރިމްސްބީއާ ކުޅޭއިރު، ޝެފީލްޑް ޔުނައިޓެޑް ކުޅޭނީ ބްލެކްބާން ރޯވާސްއާ އެވެ.












