ލަންޑަން (މާޗް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން 4-0 އިން އެވަޓަން ބަލިކޮށް އެއް ވަަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނެގިއިރު، ވުލްވްސް އަތުން 2-0 އިން މޮޅުވެ، ލިވަޕޫލް ގަދަ ހަތަރެއްގެ ރޭހުގައި ކުރިއަށްދާން މުހިންމު މޮޅެއް ހޯދައިފި އެވެ.
އާސެނަލް އެއް ވަނައިގައި އޮތީ 25 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 25 މެޗުން 55 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ސިޓީ އެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 24 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ.
ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ 25 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 23 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް ހަ ވަނަ އަށް ޖެހިލީ 24 މެޗުން 39 ޕޮއިންޓާ އެކު އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ އާސެނަލް ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިިދިނީ 40 ވަނަ މިނިޓްގައި އޭރިއާތެެރެއިން ބުކާޔޯ ސަކާ ޖެހި ގޯލުންނެވެ. މިއީ އޮލެކްސަންޑަ ޒިންޗެންކޯ ދިން ބޯޅައަކުން އޭރިއާތެރެއިން ހަނި އޭންގަލުން ގޯލަށް ބޯޅަ ފޮނުވާލައިގެން ސަކާ ޖެހި ގޯލެކެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސަކާ މަސައްކަތްކުރި ބޯޅައެއްގައި އޭރިއާތެރެއިން ލިބުނު ފުރުސަތުން އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ގަބްރިއެލް މާޓިނެލީ އެވެ.
ދެ ވަނަ ހާފުގައި އާސެނަލުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން މެޗުގެ 71 ވަނަ މިނިޓްގައި އާސެނަލްގެ ތިން ވަނަ ގޯލު ޖެހީ ލެއަންޑްރޯ ޓްރޮސާޑް ނެގި ހުރަހަކުން ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. އޭގެ ނުވަ މިނިޓް ފަހުން، އެޑީ އެންކެޓިއޭ ނެގި ހުރަހަަކަށް އަރައި މާޓީނެލީ ވަނީ އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ލިވަޕޫލްގެ ނޫނޭޒް (ކ) އާއި ވެން ޑައިކް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
ވުލްވްސް އަތުން ލިވަޕޫލް މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ދެ ގޯލުންނެވެ. ލިވަޕޫލަށް ލީޑުނަގައިދޭން ޑާވިން ނޫނޭޒް ޖެހި ގޯލު ބަލައިނުގަތެވެ. އެއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އޭރިއާތެރެއިން ވުލްވްސްގެ ޑިފެންޑަރު، މެކްސް ކިލްމަން އަށް ހުރަސްއަޅާފައިވާތީ އެވެ.
ލިވަޕޫލަށް ފުރަތަމަ ގޯލު ޖަހައިިދިނީ 73 ވަނަ މިނިޓްގައި ވާޖިލް ވެން ޑައިކް އެވެ. އޭރިއާތެރެއިން ޖޮޓާ ނެގި ހުރަަހަކަށް ގޯލު ކުރިމަތިން ހުސްކޮށް އަރައި، ވެން ޑައިކް ވަނީ ބޮލުން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
އޭގެ ހަތަރު މިނިޓް ފަހުން މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ބަދަލަކަށް ކުޅެން އެރުމަށް ފަހު، ކޯޑީ ގަކްޕޯ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ކޮސްޓަސް ސިމިކާސް ކުރި ހުރަހަކުން ސަލާހު ޖެހި ގޯލެކެވެ.
މިއީ މި ސީޒަނުގައި ސަލާހު ޖެހި 20 ވަނަ ލަނޑެވެ. ލިވަޕޫލާ ގުޅުމަށް ފަހު މިހާތަނަށް ކުޅޭ ހަ ސީޒަނުގައި ވެސް ސަލާހު ވަނީ މަދުވެގެން 20 ގޯލު ކޮންމެ ސީޒަނެއްގައި ވެސް ޖަހައިފަ އެވެ.












