ކުރިއަށް އޮތް ރޯދަ މަހަށް އަމާޒުކޮށް ދިވެހިންގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތައް ކަމަށްވާފިޔާ، އަލުވި، އަދި ބިސް ހުސްވުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފި އެވެ.
އެގޮތުން، ޑިމާންޑާއި ސަޕްލައިއަށް ބަލައިގެން މި ބާވަތްތައް ހުސްވިޔަނުދިނުމަށް އަމާޒުކޮށް ހަ ޝިޕްމެންޓެއް ގެންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
ފުރަތަމަ ޝިޕްމެންޓު ރާއްޖެއަށް ގެނެސްފައިވާއިރު އެތަކެތި ފެބްރުއަރީ 28، އިން ފެށިގެން އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ވިއްކަން ވަނީ ފަށާފަ އެވެ.
އަދި، ހޯލްސޭލްކޮށް މުދާ ދޫކުރާނީ ދެ ސަރަހައްދަކުން ކަމަށާއި އެއީ އެސްޓީއޯ ހޯލްސޭލް ސެންޓަރު އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ނަމަވެސް، އިންޑަސްޓްރިއަލް އިންޑަސްޓްރިއަލް ވިލެޖުން ތަކެތި ދޫކުރަން ފަށާނީ މާޗް 5 އިން ފެށިގެން ކަމަށާއި ހުޅުމާލޭގައި ރޯދަ މާޓު ހުޅުވައި ހިދުމަތްތައް ފަށާނީ މާޗް 20 ގައި ކަމަށް އެސްޓީއޯއިން ބުނެ އެވެ.
ހަމައެހެންމެ، އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވާނެ ކަަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ. އަދި، އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެެ.
މީގެ އިތުރުން ރޯދަ މަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެނެވޭނެ ކަމަށާއި އަދި ބައެއް މުދާ ވެސް ފިހާރައިން ހުސްވިޔަނުދީ ބެހެއްޓުމަށްޓަކައި ނެގޭނެ ކަމަށް ބުނެފައިވެ އެވެ.
އަދި، ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންނާއި، ހުޅުމާލެ ރޯދަ މާޓުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓިއޯއިން ބުނީ މާކެޓްގައި ޒަރޫރީ ބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަނަމަ އެސްޓީއޯއިން އިންޓަވީން ކުރާނެ ކަމަށަވެ. އަދި، އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތްވެސް ކުރާނެ ކަމަށް އެސްޓިއޯއިން ބުނެއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހާއި މިއަހަރުގެ ރޯދަ މަހު އެސްޓީއޯއިން ވިއްކުމަށް ހަމަޖެހިފައިވާ ތަކެތީގެ އަގުތަކުގައި ހުރި ތަފާތުތައް -- ގްރެފިކްސް؛ ރައްޔާން މުހައްމަދު/އަދަދު
އެސްޓީއޯ އެގްރިސެންޓަރ އިން ރާއްޖޭގެ ދަނޑުވެރިން ހައްދާ އުފެއްދުންތަކުގެ ތެރެއިން މި ރޯދަމަހު ހާއްސަކޮށް މެލަން، ދޮންކެޔޮ، ފަޅޯ، ކަރާ، ކިއުކަންބާ އަދި މިރުސް ލިބެން ހުންނާނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ ކަމަށް ވެސް މައޫލޫމާތު ދެއެވެ.
އެތަކެތި އެސްޓީއޯ ހޯލްސޭލް ސެންޓަރު، ރޯދަ މާޓު އަދި ވިލިމާލެ ފިހާރައިން ވެސް ލިބެން ހުންނާނެ ކަަމަށް އެސްޓިއޯ އިން މައުލޫމާތު ދެއެވެ.
ރޯދަ މަސް ފެށޭނީ މި މަހުގެ 23 ގަ އެވެ.










