އެމެރިކާގެ އެކްޓަރު ޓޮމް ސައިޒްމޯގެ ފުރާނަ ސަލާމަތް ކުރެވޭނެކަމުގެ އުއްމީދެއް ނެތް ކަމަށް އޭނާގެ މެނޭޖަރު އިއުލާނުކޮށްފި އެވެ.
އުމުރުން 61 އަހަރުގެ ސައިޒްމޯގެ ސިކުނޑީގެ ލޭނާރެއް ދުޅަވެ "އެނިޔުރިޒަމް"އެއް ދިމާވީ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ.
އޭނާއަކީ "ސޭވިންގް ޕްރައިވެޓް ރަަޔަން"، "ބްލެކް ހޯކް ޑައުން" އަދި "ނެޗުރަލް ބޯން ކިލާޒް" ފަދަ މޮޅެތި ފިލްމުތަކުން ފެނުނު އެކްޓަރެކެވެ.
ސައިޒްމޯއަކީ މަސްތުވާތަކެތީގެ މައްސަލަ ވެސް ކުރިމަތިވި މީހެކެވެ. އޭގެ އިތުރުން ގެވެށި އަނިޔާގެ މައްސަލައެއްގައި ޖަލުގައި ދުވަސް ހޭދަކުރި އެވެ.
އޭނާ މަގްބޫލުވެގެން ދިޔައީ 1990 ގެ އަހަރުތަކުގަ އެވެ. އެގޮތުން 1998 ވަނަ އަހަރު އޮސްކާ އެވޯޑް ލިބުނު "ސޭވިންގް ޕްރައިވެޓް ރަޔަން" ގައި ޓޮމް ހޭންކްސްގެ ސަޕޯޓިން ރޯލުން ސާޖަންޓް ހޯވާތުގެ ގޮތުގައި އޭނާ ފެނުނެވެ.

އޭގެ އިތުރުން "ޕާލް ހާބާ" އަދި "ޓްރޫ ރޮމޭންސް" ފަދަ ފިލްމުތަކުން ވެސް އޭނާ ފެނުނެވެ. އަދި 1999 ވަނަ އަހަރި "ވިޓްނަސް ޕްރޮޓެކްޝަން" ގައި ކުޅު ރޯލަށް ގޯލްޑަން ގްލޯބް އެވޯޑަށް ނޮމިނޭޓްވި އެވެ.










