ކޮވިޑް ފަތުރާ ވައިރަސް އުފެދުނު ގޮތާމެދު ތެދިވެރިވާން އެމެރިކާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޗައިނާއަށް ގޮވާލައްވައިފި އެވެ.
އާދީއްތަ ދުވަހު އެމެރިކާގެ ނޫސްތަކުން ރިޕޯޓު ކުރި ގޮތުގައި ކޮވިޑް ބަލިމަޑުކަން ފެށުނީ ވޫހާންގެ ލެބޯޓަރީއަކުން ވައިރަސް ލީކުވެގެން ކަމަށް އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުގެ ތަހުގީގުން އެނގިފައިވެ އެވެ.
ރައްދުގައި ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް ބަލިމަޑުކަމުގެ ހަގީގަތް "ގުޅިފައި އޮތީ ސައިންސާއި" ކަމަށާއި އެއީ އެއްވެސް ބަޔަކު ސިޔާސީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
މި މަހުގެ ކުރީކޮޅު ޗައިނާގެ ޖާސޫސް ކުރާ ބޮޑު ފުއްޕާހަމެއް ކަމަށް ބުނާ އެއްޗެއް އެމެރިކާ މަތިން ބަޑި ޖަހައި ވައްޓާލި ފަހުން ދެ ގައުމުގެ ގުޅުން އޮތީ ހީނަރުވެފަ އެވެ.
ޗައިނާއަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު ނިކޮލަސް ބާންސް ހޯމަ ދުވަހު އޮތް އިވެންޓެއްގައި ވިދާޅުވީ ކޮވިޑްގެ ހަގީގަތާ މެދު ޗައިނާއިން ތެދުވެރިވާން ޖެހޭ ކަމަށެވެ.
މީގެ ކުރިން އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން ބުނީ ކޮވިޑް ފަތުރާ ވައިރަސް އުފެދުނު ގޮތް ޔަގީން ނުވާ ކަމަށެވެ.
އެމެރިކާގެ އެޖެންސީތަކުން އެކަމާ މެދު ދެކޭ ގޮތް ތަފާތެވެ. އެފްބީއައިއިން 2021 ވަނަ އަހަރު ބުނީ ވައިރަސް ލީކުވީ ވޫހާންގެ ލެބަކުން ކަމަށް "މެދުމިނުގެ ޔަގީންކަމާ" އެކު ބުނެވޭނެ ކަމަށެވެ.
އެހެން އިދާރާތަކުން ބުނީ އެ ވައިރަސް އިންސާނުންނާ ހަމައަށް ފޯރީ ވޫހާންގެ ހުއަނަން ސީފުޑް އެންޑް ވައިލްޑްލައިފް މާކެޓުގައި ހުރި ޖަނަވާރެއްގެ ހަށިގަނޑުންނެވެ.










